އެންމެ އަވަހަށް މިލިއަން ހަމަވީ މި އަހަރު؛ ރެކޯޑު ހެދީ އިންޑިއާ ފަތުރުވެރިއެއް

އެއް މިލިއަން ވަނަ ފަތުރުވެރިޔާ: ހަ ވަނަ މަސް ފެށުނުތަނާ، އެއް މިލިއަން ވަނަ ފަތުރުވެރިޔާ ވަނީ އައިސްފައި -- ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ

މި އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔަކަށް އިންޑިއާގެ ރައްޔިތަކު މިއަދު އައިސް، ތާރީޚުން ޖާގަ ހޯދައިފިއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން އެއް މިލިއަން ވަނަ ފަތުރުވެރިޔަކީ އިންޑިގޯ ފްލައިޓް 6އީ 1131އިން އައި ކާޖަލް ސިންހެވެ.

އޭނާ ރާއްޖެއައީ މަލަހިނި ކުޑަ ބަނޑޮސްގައި ހަނީމޫން ހޭދަ ކުރަން ކަމަށާއި މިއީ އޭނާ ރާއްޖެ އައި ފުރަތަމަ ފަހަރު ކަމަށް އެ ކޯޕަރޭޝަނުން ހާމަކޮށްފައިވެއެވެ.

އެމްއެމްޕީއާރުސީން ބުނި ގޮތުގައި މިއީ ރާއްޖޭގެ ތާރީޚުގައި ވެސް، ފަތުރުވެރިންގެ އަދަދު އެއް އަހަރު ތެރޭ އެންމެ އަވަހަށް މިލިއަނަކަށް އެރި ފުރަތަމަ ފަހަރެވެ.

މީގެ ކުރީ އަހަރުތަކަށް ބަލައިއިރު، 2022 ވަނަ މިލިއަނެއް ހަމަވީ އޮގަސްޓު މަހުގައެވެ. އަދި 2023ގައި އެ އަދަދަށް ފަތުރުވެރިން އައީ ޖުލައި މަހު ކަމަށްވާއިރު މިދިޔަ އަހަރު މިލިއަން ހަމަވީ ޖޫން މަހެވެ.

އެއް މިލިއަން ވަނަ ފަތުރުވެރިޔާ: ފަސް މިލިއަން ގަސް އިންދުމުގެ ހަރަކާތުގައި ބައިވެރިވެ، އޭނާ ގަހެއް އިންދި -- ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ

އެއް މިލިއަން ފަތުރުވެރިން ހަމަވުމާ ގުޅުވައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި، ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމް ބައިވެރިވެވަޑައިގެން ޚާއްސަ ރަސްމިއްޔާތެއް ބޭއްވިއެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މި ކާމިޔާބީއަކީ ރާއްޖޭގެ ހަގީގީ ތަޖުރިބާ އިސްތިހާރުކުރުމަށް ކުރިއަށްގެންދިޔަ މަސައްކަތްތަކުގެ ނަތީޖާ ކަމަށާއި މި ނަތީޖާއާ މެދު ފަޚުވެރިވާ ކަމަށެވެ.

މީގެ އިތުރުން މިހާ އަވަހަށް ރާއްޖެއަށް މިލިއަން ފަތުރުވެރިން ހަމަވުމަކީ، ބޭރުގައި ރާއްޖޭގެ މަގުބޫލުކަން ދައްކުވައިދޭ ކަމެއް ކަމަށާއި މި ކާމިޔާބީއަށް މަގުފަހިވީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ސަބަބުންކަން ތާރިގް ފާހަގަކުރެއްވިއެވެ. އަދި އޭނާ ވަނީ އެެ އެންމެންނަށް ވެސް ޝުކުރު އަދާކުރައްވައިފައެވެ.

އެ ރަސްމިއްޔާތުގެ ތެރެއިން، ރާއްޖެއިން ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ކުރަމުންދާ މަސައްކަތް ފާހަގަކޮށް، މިލިއަން ވަނަ ފަތުރުވެރިޔާއަށް ވަނީ ގަހެއް އިންދުމަށް ދައުވަތު ދީފައެވެ. އެއީ މި ދައުރުގައި ފަސް މިލިއަން ގަސް އިންދުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ފައްޓަވައިދެއްވި މަޝްރޫއުގެ ދަށުން ގަހެއް އިންދުމަށެވެ.

އެ ދައުވަތު ގަބޫލުކޮށް ކާޖަލް ވަނީ ހުޅުލޭގައި ގަހެއް އިންދައިފައެވެ.

އިންޑިއާއަކީ 2020، 2021، 2022 އަދި 2023ގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ގައުމެވެ. ނަމަވެސް އިންޑިއާއާ ދުރު ސިޔާސަތެއް ގެންގުޅޭ ސަރުކާރެއްގެ ގޮތުގައި މި ސަރުކާރު 2023 ވަނަ އަހަރުގެ ނޮވެންބަރު މަހު ވެރިކަމަށް އައިސް، 2024 ވަނަ އަހަރުގެ ޖަނަވަރީ މަހު ނައިބު ވަޒީރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ރައްޔިތުންނަށް ކުޑައިމީސް ކުރި މައްސަލައިގައި ދެ ގައުމުގެ ގުޅުން ގޯސްވިއެވެ.

އެ މައްސަލައިގައި ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ގޮވާލައި، އިންޑިއާގެ މަޝްހޫރު ތަރިން ބައިވެރިވެގެން ކެމްޕޭނެއް ކުރިއަށްގެންދިޔައެވެ. އޭގެ ފަހުން އިންޑިއާވަނީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ ހަވަނައަށް ވެއްޓިފައެވެ.

އެ މައްސަލަ ޖެހުނު ފަހުން މި ސަރުކާރުން ވަނީ އިންޑިއާގައި ރާއްޖެ އިޝްތިހާރުކޮށް، ދެ ގައުމުގެ ގުޅުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއްކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައި ވެސް ވާގޮތުން އިންޑިއާ އަދިވެސް އޮތީ ހަ ވަނައިގައެވެ. މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް އެ ގައުމުން ރާއްޖެ އައިސްފައި ވަނީ 56,429 ފަތުރުވެރިންނެވެ. އެއާ އަޅައިބަލައިއިރު ލިސްޓުގެ އެއްވަނައިގައި އޮތް ޗައިނާއިން އެއް ލައްކަ ފަތުރުވެރިން އައިސްފައިވެއެވެ.

ރާއްޖޭގެ މި އަހަރުގެ އަމާޒަކީ 2.3 މިލިއަން ފަތުރުވެރިން ގެނައުމެވެ.

ސަރުކާރާއި އެމްއެމްޕީއާރުސީން ވެސް ވަނީ އެ އަދަދަށް ފަތުރުވެރިން ގެނެވޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑަށް އޮތް ކަމަށް ބުނެފައެވެ.

comment ކޮމެންޓް