ލ. ގަން ލިންކް ރޯޑު އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލަކާއި ކާރެއް ޖެހި ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި އެކަކުގެ ސާޖަރީ ހެދުމަށް ގަމު ރީޖަނަލް ހޮސްޕިޓަލުން މިއަދު މާލެއަށް ފޮނުވާލައިފިއެވެ.
އެމީހުންނަށް ފަރުވާ ދެމުން އައީ ގަމު ރީޖަނަލް ހޮސްޕިޓަލުގައެވެ.
މި އެކްސިޑެންޓުގައި އަނިޔާވީ އުމުރުން 44 އަހަރުގެ ދެމީހުންނަށް ކަމަށް ފުލުހުން ރޭ ބުނި ނަމަވެސް، "ސަން"އަށް މައުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލުގެ ޑިރެކްޓާ ޖެނެރަލް މުޙައްމަދު އަބްދުއް ސަމަދު މިއަދު ވިދާޅުވީ އަނިޔާވީ އުމުރުން 44 އަހަރާއި 48 އަހަރުގެ ފިރިހެނަކަށް ކަމަށެވެ.
އަނިޔާވި 44 އަހަރުގެ މީހާގެ ކަނައަތު ފައި ދެ ތަނަކުން ވަނީ ބިނދިފައެވެ. އޭނާ މާލެ ފޮނުވައިލީ ބިންދައިގެން ދިޔަތަނުގެ ސާޖަރީ އެ ހޮސްޕިޓަލުން ނުހެދޭތީއެވެ.
ސަމަދު ވިދާޅުވީ 48 އަހަރުގެ މީހާގެ އަތުގެ މުލައްދަނޑިއާއި ފައިގެ ކަކޫ ކައިރިން ހަން ގޮސްފައި ހުރި ކަމަށެވެ. އަދި، އެމީހާގެ ކަނައަތު ފައިގެ ކަށިމަތީގައި ފްރެކްޗާއެއް ހުރި ކަމަށް ސަމަދު ވިދާޅުވިއެވެ.
އެކްސިޑެންޓުގައި އޭނާގެ ބޯޖެހިފައިވާތީ ސީޓީސްކޭނެއް ހެދި ކަމަށާއި އެ ސްކޭން ނޯމަލް ކަމަށް ދައްކާފައިވާތީ ރޭ އޭނާ ދޫކޮށްލާފައިވާ ކަމަށް ވެސް ސަމަދު ވަނީ ވިދާޅުވެފައެވެ.
އަދި، ދެމީހުންގެ ހާލު ވެސް ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ.
ފުލުހުންނަށް މި އެކްސިޑެންޓު ރިޕޯޓުކޮށްފައި ވަނީ، ރޭ 19:03 ހާއިރެވެ.
މި އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވީ 62 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަށް އެއްވެސް އަނިޔާއެއް ވެފައެއް ނުވެއެވެ.
މި އެކްސިޑެންޓުގައި ދެ އުޅަނދަށް ވެސް އެކި ވަރުގެ ގެއްލުން ވަނީ ލިބިފައެވެ. ފޮޓޯއިން ފެންނަ ގޮތުގައި، ކާރުގެ ކުރީކޮޅަށް ބޮޑު ގެއްލުމެއް ވެފައި ވެއެވެ. އަދި ސައިކަލަށް ވެސް ގެއްލުންވެފައި ވާއިރު، ސައިކަލުގެ މަޑި ނެއްޓި މާދުރުގައި އޮންނަތަން ފެނެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.