ސަން ސިޔާމް ގްރޫޕުގެ ލޭ ހަދިޔާކުރުމުގެ ތިންވަނަ ހަރަކާތް އިރުފުށީގައި

ސަން ސިޔާމް އިރުފުށީގައި ބޭއްވި ލޭ ހަދިޔާކުރުމުގެ ހަރަކާތުގެ ތެރެއިން --

ސަން ސިޔާމް ގުރޫޕުގެ 35 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުރިއަށް ގެންދާ ލޭ ހަދިޔާކުރުމުގެ ތިންވަނަ ހަރަކާތް މިއަދު ސަންސިޔާމް އިރުފުށީގައި ބާއްވައިފިއެވެ.

ސަން ސިޔާމް ގްރޫޕުގެ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ އަހަރަކު ވެސް އަންނަނީ ލޭ ހަދިޔާކުރުމުގެ ހަރަކާތްތައް ބާއްވަމުންނެވެ. އެ ގޮތުން، މި އަހަރުގެ ލޭ ހަދިޔާކުރުމުގެ ހަރަކާތް ފެށީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އޮޅުވެލިންނެވެ. އަދި، ދެވަނަ ހަރަކާތް މިދިޔަ މަހު 29 ގައި ސަން ސިޔާމް އިރުވެލި ރިސޯޓުގައި ވަނީ ބާއްވައިފައެވެ.

މިއަދު ސަން ސިޔާމް އިރުފުށީގައި ލޭ ހަދިޔާކުރުމުގެ ހަރަކާތް ފަށައިފައިވަނީ ރިސޯޓުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ޚާއްސަ ރަސްމިއްޔާތަކުންނެވެ.

ސަން ސިޔާމް އިރުފުށީގައި ބޭއްވި ލޭ ހަދިޔާކުރުމުގެ ހަރަކާތުގެ ތެރެއިން --

އެ ރަސްމިއްޔާތުގައި ސަން ސިޔާމް އިރުފުށީގެ އެޗްއާރް މެނޭޖަރު އަހުމަދު ވަހީދު ވިދާޅުވީ، ސަން ސިޔާމް ގުރޫޕާއި މޯލްޑިވިއަން ބްލަޑް ސާވިސްގެ ފަރާތުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ ލޭ ހަދިޔާކުރުމުގެ ހަރަކާތް އިރުފުށީގައި ބޭއްވޭތީ ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.

"ޚާއްސަކޮށް މި އަހަރަކީ ސަން ސިޔާމް ގުރޫޕުގެ 35 ވަނަ އެނިވާސަރީއަށް ވުމުން، ލޭ ހަދިޔާކުރުމުގެ މި ހަރަކާތަކީ މި އަހަރު އަޅުގަނޑުމެން ޚާއްސަ ސަމާލުކަމެއް ދީގެން ބޭއްވުމަށް ހަމަޖެހިފައިވާ ސީއެސްއާރު ހަރަކާތެއް،" އޭނާ ވިދާޅުވިއެވެ.

މުޖުތަމައަށް އެހީތެރިކަމެއް ދެވޭނެ މިފަދަ ކޮންމެ ހަރަކާތަކީ ވެސް ސަން ސިޔާމް އިރުފުށީގެ މެނޭޖްމެންޓާއި މުވައްޒަފުން، ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެން އުފަލާއެކު ބައިވެރިވެ، އިންތިޒާމުކުރާ ހަރަކާތްތައް ކަމަށް އަހުމަދު ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި، ތެލަސީމިއާ ބަލި ހުންނަ އެތައް ސަތޭކަ ކުދިންނާއި ލޭ އަޅަންޖެހޭ ބަލިމީހުންނަށް ލޭ ނުލިބިގެން އުފުލަމުންދާ ދަތިކަން ހައްލު ކުރުމަށް މި ހަރަކާތުގެ ޒަރިއްޔާއިން އެހީތެރިވެވޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ސަން ސިޔާމް އިރުފުށީގައި ބޭއްވި ލޭ ހަދިޔާކުރުމުގެ ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި އެޗްއާރް މެނޭޖަރު އަހުމަދު ވަހީދު ވާހަކަދައްކަވަނީ --

"އެހެންކަމަށް ވުމާއެކު، ލޭ ހަދިޔާކުރައްވާ މުވައްޒަފުންގެ ފަރާތުން އެހެން މީހެއްގެ ފުރާނަ ސަލާމަތް ކުރުމަށް އެހީތެރިކަމެއް ވުމުގެ ހިތްހަމަޖެހުން ލިބިގަތުމަށާއި މިއަދު ލޭ ހަދިޔާ ކުރައްވާ މުވައްޒަފުންނަށް ފަށްފަށުން ޝުކުރުވެރިވަން،" އަހުމަދު ވިދާޅުވިއެވެ.

މީގެ އިތުރުން، ކޮންމެ އަހަރަކު ވެސް ލޭ ހަދިޔާކުރުމުގެ ހަރަކާތް ބޭއްވުމަށް މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް)ގެ ފަރާތުން ދޭ އެއްބާރުލުމާއި ސަން ސިޔާމް ގުރޫޕްގެ އެނިވާސަރީ ބްލަޑް ޑޮނޭޝަން ކޭމްޕުގެ ކޯޑިނޭޓަރު އައްޒަ ހަމީދުގެ މަސައްކަތްތައް ފާހަގަކުރައްވައި، އޭނާ ވަރަށް ޚާއްސަ ޝުކުރެއް އަދާކުރެއްވިއެވެ.

މި ހަރަކާތާ ގުޅޭ ގޮތުން އައްޒަ "ސަން"އަށް ވިދާޅުވީ، ކޮންމެ އަހަރަކު ސަން ސިޔާމް ގުރޫޕުގެ އަހަރީ ދުވަހާ ގުޅުވައިގެން ލޭ ހަދިޔާ ކުރުމުގެ ހަރަކާތުން މުޖުތަމައަށް އެހީއެއް ވެދެވޭކަމީ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މި އަހަރު ވެސް އަޅުގަނޑުމެން އުއްމީދުކުރަން ކުރިއަށްވުރެ ގިނައިން ލޭ ފޯރުކޮށްދެވޭނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.

ސަން ސިޔާމް ރިސޯޓްސްގެ ދަށުން ރާއްޖޭގައި މަތީ ފަންތީގެ، އެންމެ ފުރިހަމަ ޚިދުމަތް ލިބޭ ފަސް ރިސޯޓެއް ހިންގައެވެ. އޭގެ ތެރޭގައި ހިމެނެނީ އިރުފުއްޓާއި އިރުވެއްޔާއި އޮޅުވެލީގެ އިތުރުން ސިޔާމް ވޯލްޑާއި,ވިލުރީފެވެ. އެ ހުރިހާ ރިސޯޓެއްގައި ވެސް ލޭ ހަދިޔާކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދާނެއެވެ.

ސަން ސިޔާމް ރިސޯޓުތައް އުފެދުނު ފަހުން އެތައް އަހަރެއް ވެފައިވާއިރު، އެ ކުންފުނިން ވަނީ ގިނަ ކާމީޔާބީތަކެއް ހޯދައިފައެވެ. އެގޮތުން އެމްބީއެސްއާ ގުޅިގެން ވޭތުވެދިޔަ ފަސް އަހަރު އެންމެ ގިނައިން ލޭ ހަދިޔާކުރުމުގެ ހަރަކާތްތައް ބޭއްވި ކުންފުނިތަކުގެ ތެރޭގައި ސަން ސިޔާމް ރިސޯޓްސް ވަނީ ހިމެނިފައެވެ.

comment ކޮމެންޓް