އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ޔޫރަޕް ސަރަހައްދުގައި ކުޅޭ ކޮލިފައިން ގްރޫޕް ޖޭގައި ބެލްޖިއަމުން ވޭލްސް ބަލިކޮށްފިއެވެ.
ބެލްޖިއަމްގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 4-3 އިންނެވެ.
ފުރަތަމަ ހާފުގައި ބެލްޖިއަމުން މޮޅު ކުޅުމެއް ދެއްކިއެވެ. އެ ގޮތުން، 15 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެ ޓީމުން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. އެ ލަނޑު ޖަހައިދިނީ ރޮމެލޫ ލުކާކޫއެވެ. އެ ލަނޑު ޖެހިތާ ހަތަރު މިނެޓް ފަހުން ބެލްޖިއަމްގެ ކެޕްޓަން ޔޫރީ ޓީލެމަންސް ވަނީ ދެވަނަ ލަނޑު ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްދީފައެވެ. ބެލްޖިއަމްގެ ތިންވަނަ ލަނޑު 27 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖެރެމީ ޑޮކޫއެވެ.
ވޭލްސްއަށް ހިތްވަރު ލިބުނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ހަތްވަނަ މިނެޓުގައި ލިބުނު ޕެނަލްޓީންނެވެ. ހެރީ ވިލްސަން މި ޕެނަލްޓީ ކާމިޔާބުކޮށް ވޭލްސްއަށް އިތުރު ހިތްވަރެއް ގެނެސްދިނެވެ.
ދެވަނަ ހާފުގައި ވޭލްސްއިން އިތުރު ހިތްވަރަކާ އެކު މަސައްކަތްކުރުމުގެ ނަތީޖާއަކަށްވީ 51 ވަނަ މިނެޓުގައި ސޯބާ ތޯމަސް ލަނޑެއް ޖަހައި ދެ ޓީމުގެ ދެމެދުގައިވާ ފަރަގު އެއް ލަނޑަށް ބަދަލުކުރުމެވެ. މިއީ ތޯމަސް ވޭލްސް ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. މެޗުގެ 69 ވަނަ މިނެޓުގައި ބްރެނަން ޖޯންސަން ކާމިޔާބުކޮށްދިން ލަނޑާ އެކު މެޗުގެ ނަތީޖާ ހަމަހަމަ ވެސް ކުރިއެވެ.
އެކަމަކު، ވޭލްސްގެ އުންމީދުތައް ފެނަށްވީ މެޗު ނިމެން ދެ މިނެޓަށްވެފައި އޮއްވައި ކެވިން ޑި ބްރުއިނާ ޖަހައިދިން ލަނޑުންނެވެ. އެއާ އެކު ބެލްޖިއަމުން އަނެއްކާ ވެސް މެޗު އެ ޓީމުގެ ކޮޅަށް އަނބުރާލިއެވެ.
މި ކާމިޔާބީއާ އެކު ބެލްޖިއަމް މިހާރު އޮތީ ދެ މެޗުން ލިބިފައިވާ ހަތަރު ޕޮއިންޓާ އެކު ގްރޫޕް ޖޭގެ ތިންވަނައިގައެވެ. މެޗުން ބަލިވުމުން ވޭލްސް މިހާރުވަނީ ހަތް ޕޮއިންޓާ އެކު ގްރޫޕްގެ ދެވަނައަށް ވެއްޓިފައެވެ. ގްރޫޕްގެ އެއްވަނައިގައި މިހާރު އޮތީ ކަޒަކިސްތާންގެ މައްޗަށް ރޭ 1-0 އިން ކުރި ހޯދި ނޯތު މެސެޑޯނިއާއެވެ. މެޗުގައި ނޯތު މެސެޑޯނިއާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 33 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެލެކްޒެންޑާ ޓްރައިކޯވްސްކީއެވެ.
މި ކާމިޔާބީއާ އެކު ނޯތު މެސެޑޯނިއާ ގްރޫޕް އެއްވަނައިގައި އޮތީ ހަތަރު މެޗުން ލިބިފައިވާ އަށް ޕޮއިންޓާ އެކުއެވެ. އަދި، ކަޒަކިސްތާން އޮތީ ތިން ޕޮއިންޓާ އެކު ގްރޫޕްގެ ހަތަރުވަނައިގައެވެ.