ރާޖާމޮލީގެ އާ ފިލްމުގެ ކާސްޓަށް މެޑީ

ސައުތު ސިނަމާގެ އެންމެ ނުފޫޒުގަދަ ޑައިރެކްޓަރުންގެ ތެރޭ ހިމެނޭ ރާޖާމޮލީ އަދި އެކްޓަރު މާދްވަން (މެޑީ)--ފޮޓޯ/ބޮލީވުޑްހަންގާމާ

އިންޑިއާގެ ސައުތު ސިނަމާގެ އެންމެ ނުފޫޒުގަދަ ފިލްމު އުފެއްދުންތެރިންގެ ތެރޭ ހިމެނޭ އެސްއެސް ރާޖާމޮލީގެ ކުރިއަށް އޮތް ފިލްމުގެ ކާސްޓާ އެކްޓަރު އާރް މާދްވަން (މެޑީ) ގުޅިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި ފިލްމަކީ ސައުތު ސިނަމާގެ ކާމިޔާބު އެކްޓަރު މަހޭޝް ބާބޫ އަދި މިހާރު ހޮލީވުޑްގައި ފިލްމީ ކެރިއަރެއް ބިނާކޮށްފައިވާ އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ލީޑް ރޯލުން ފެންނާނެ ފިލްމެވެ.

އެސްއެސް ރާޖާމޮލީގެ މި ފިލްމު އިއުލާނުކުރުމާ އެކު މި ފިލްމާ ގުޅޭ ޚަބަރުތަކަށް ގިނަ ބައެއްގެ ސަމާލުކަން އަންނަނީ ލިބެމުންނެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ މަނީކޮންޓްރޯލްގައި ބުނެފައިވާ ގޮތުން ކާމިޔާބު އެކްޓަރު މެޑީ މި ފިލްމުގެ ޓީމާ ވަރަށް އަވަހަށް ގުޅޭނެއެވެ. މެޑީއަށް ފިލްމުގެ ވަރަށް ޚާއްސަ ރޯލެއް ކަށަވަރުވެފައިވާއިރު އެކްޓަރުގެ ކެރެކްޓާއާ ބެހޭ މައުލޫމާތު ވަނީ ސިއްރުކުރެވިފައެވެ.

މާދްވަން އެންމެ ފަހުން ކުޅުނު ފިލްމު "ކޭސަރީ ޗެޕްޓަ 2"ގެ މަންޒަރެއްގައި--ފޮޓޯ/ހިންދުސްތާންޓައިމްސް

ފިލްމު "ބާހޫބަލީ" އަދި "އާރްއާރްއާރް" ފަދަ ވަރުގަދަ ފިލްމުތަކެއް ސިނަމާއަށް ގެނެސްދިން ރާޖާމޮލީގެ މި ފިލްމަކީ ޖުމްލަ 1000 ކްރޯޑު ރުޕީސް (117 މިލިއަން ޑޮލަރު)ގެ ބަޖެޓަކުން އުފައްދާ ފިލްމެކެވެ. މިއީ މެޑީ ޑައިރެކްޓަރު ރާޖާމޮލީއާ އެކު މަސައްކަތްކުރާނެ ފުރަތަމަ ފިލްމުވެސްމެއެވެ.

މި ފިލްމުގެ ވަރަށް ޚާއްސަ ރޯލަކުން ސައުތު އެކްޓަރު ޕްރިތުވީރާޖް ސުކްމަރަން ފެންނާނެއިރު ރާޖާމޮލީގެ މި ފިލްމުގެ ރޯލެއް އެކްޓަރު ނާނާ ޕަޓޭކަރަށް ވެސް ވަނީ ހުށަހަޅާފައެވެ. ނަމަވެސް، އެކްޓަރަށް ހުށަހެޅި ރޯލާ މެދު ހިތްހަމަނުޖެހޭތީ ނާނާ ވަނީ މި ފިލްމުން ލިބުނު ފުރުސަތު ދޫކޮށްލާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރާޖާމޮލީގެ މި ފިލްމަކީ ކުޅަދާނަ ލިޔުންތެރިޔާ އަދި ރާޖާމޮލީގެ ބައްޕަ ވިޖަޔެންދްރަ ޕްރަސާދުގެ ޚިޔާލާ މަޝްވަރާއާ އެކު ލިޔެފައިވާ ސްކްރިޕްޓަކަށް އުފައްދާ ފިލްމެކެވެ.

comment ކޮމެންޓް