ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ރަޝީދު މިއަދު އަވަހާރަވެއްޖެއެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި ރަޝީދު އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވުމަށްފަހު، މިއަދު އައިޖީއެމް ހޮސްޕިޓަލުގައެވެ.
ރަޝީދަކީ 18ވަނަ ރައްޔިތުންގެ މަޖިލީހުގައި ގައްދޫ ދާއިރާ ތަމްސީލްކުރެއްވި ޕީޕީއެމްގެ މެންބަރެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަށްފަހުގައި ވެސް އޭނާ ގެންދެވީ ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް މަސައްކަތް ކުރައްވަމުންނެވެ.
އެގޮތުން އޭނާ ވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީޕީއެމް، ޕީއެންސީ)ގެ ދުވަސްވަރު އެ ކޯލިޝަންގެ އެތެރޭގެ އިންތިޚާބުތައް އިންތިޒާމުކުރުމުގައި އިސްކޮށް މަސައްކަތް ކުރައްވައިފައެވެ.
ރަޝީދު އަވަހާރަވުމާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުއިއްޒު އެކްސްގައި ހިއްސާކުރެއްވި ތައުޒިޔާގެ މެސެޖުގައިވަނީ، ރަޝީދަކީ އެކުގައި ސިޔާސީ ގޮތުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ބޭފުޅެއް ކަމަށެވެ. އަދި އޭނާ އަވަހާރަވުމުގެ ހިތާމާއިގައި ބައިވެރިވާ ކަމަށެވެ.
ގިނަ ބަޔަކު އަންނަނީ ރަޝީދު އަވަހާރަވުމާ ގުޅިގެން ތައުޒިޔާ ކިޔަމުންނެވެ.