30.45 މިލިއަން ޕައުންޑްގެ އަގަކަށް ޝާކީ ސިޓީއަށް ސޮއިކޮށްފި

30.45 މިލިއަން ޕައުންޑްގެ އަގަކަށް ޝާކީ ސިޓީއަށް ސޮއިކޮށްފި --

ފްރެންޗް ލީގު އާންގެ އޮލިމްޕިކް ލިއޮނޭސްއަށް ކުޅެމުންދާ ފަރަންސޭސިވިލާތުގެ ބައިނަލްއަޤްވާމީ ކުޅުންތެރިޔާ ރަޔަން ޝާކީ އިންގްލިޝް ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީއަށް ސޮއިކޮށްފިއެވެ.

މެދުތެރެއިން ހަމަލާއަށް އިސްކަންދީގެން ކުޅޭ އުމުރުން 21 އަހަރުގެ މިކުޅުންތެރިޔާ ސިޓީއަށް ސޮއިކޮށްފައިމިވަނީ 30.45 މިލިއަން ޕައުންޑްގެ އަގަކަށް ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ޝާކީ ސިޓީއަށް ސޮއިކޮށްފައި ވަނީ އެހެން ފަހަރު ތަކާ ޚިލާފަށް ފީފާއިން އަލަށް ހުޅުވައިލި ކުރުމުއްދަތުގެ ޓްރާންސްފާ ދުވަސްކޮޅުވެ ވަގުތު ހަމަވާން ގާތްވެފައިވަނިކޮށެވެ. އެހެން ކަމުން މިމަހުގެ 14ވަނަ ދުވަހު އެމެރިކާގައި ފެށުމަށް ހަމަޖެހިފައިވާ ފީފާ ކްލަބް ވާލްޑް ކަޕްގައި އޭނާއަށް ސިޓީ ޓީމަށް ކުޅުމަށް ޝަރުތު ހަމަވާނެއެވެ.

ސިޓީއަށް ސޮއިކުރުމަށްފަހު ވާހަކަ ދައްކަމުން ޝާކީ ބުނީ މިއީ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށެވެ. އޭނާ ބުނީ ހަގީގަތުގައި ވެސް ސިޓީ ކަހަލަ ވަރުގަދަ ޓީމަކާއެކު އޭނާގެ ކެރިއަރުގެ ކުރިއަށް އޮތްބައި ބައްޓަން ކުރަން ފުރުސަތު ލިބުމަކީ ވަރަށް ޚާއްސަ ކަމެއް ކަމަށެވެ. ޝާކީ ބުނިގޮތުގައި އޭނާއަކީ މިދުވަހަށްޓަކައި ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައިވާ ފުޓްބޯޅައަށް ލޯބިކުރާ ކުޅުންތެރިއެކެވެ.

ޝާކީ ލިއޯންއަށް ފުރަތަމަ މެޗު ކުޅެފައިވަނީ 2019ވަނަ އަހަރުގެ އޮކްޓޯބަރު މަހު އޭނާގެ އުމުރުން 16 އަހަރުގައެވެ. އަދި އެޓީމަށް ކުޅުނު 185 މެޗުގައިވަނީ 29 ލަނޑު ކާމިޔާބު ކޮށްދީ 45 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. ޝާކީއަކީ ސިޓީން މިދިޔަ ތިން ދުވަހުގެ ތެރޭގައި އެޓީމަށް ގެންދިޔަ ތިންވަނަ ކުޅުންތެރިޔާއެވެ.

މިގޮތުން އަލްޖީރިއާގެ ޑިފެންޑާ ރަޔަން އައިޓް ނޫރީ މިދިޔަ ހޯމަދުވަހު އެޓީމަށް ގެންދިޔައިރު ޗެލްސީއަށް ކުޅެމުންދިޔަ ކީޕާ މާކަސް ބެޓިނޭލީ ވެސް ވަނީ ވަރަށް ފަހުން އެޓީމަށް ގެންގޮސްފައެވެ. މީގެއިތުރުން ސިޓީގެ ވާދަވެރި އަދި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލުގެ ކުރީގެ ކޯޗު ޔާގަން ކްލޮޕްގެ ދަށުން މަސައްކަތް ކުރި ދެ ފަރާތް ކަމަށްވާ ޕެޕީން ލީންޑަސް އާއި ޖޭމްސް ފްރެންޗް ވެސް ވަނީ ޕެޕްގެ ބެކްރޫމް ޓީމާ ގުޅިފައެވެ.

ސިޓީއަށް ނިމިދިޔަ ސީޒަންގައި ކުރިމަތިލާންޖެހުނު ނާކާމިޔާބީއާ ގުޅިގެން އެޓީމު ކުރިއަށް އޮތް ސީޒަނަށް ވަރުގަދަ ކުރުމަށް ޓީމުގެ މެނޭޖްމަންޓާއި ޕެޕް އަންނަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު