"ހަޔާތުގެ ކޮންމެ ހިނދުކޮޅަކީ ތައުބާވެ ރަގަޅަށް އުޅެން ލިބޭ އަގުހުރި ވަގުތެކެވެ. ވަގުތު އެއްވެސް މީހަކަށްޓަކާ މަޑެއްނުކުރާނެއެވެ. އެކަން ދެނެގެން ވަގުތު ނަގާ ނުލާ އިސްލާހުވެ އާޚިރަތަށްޓަކާވެސް މަސައްކަތް ކުރުމަށް އަވަސްވެގަންނާށެވެ."
***
ހަނާން ޗެޓް ހުޅުވިއެވެ. ކުޑަކޮށް އަތުގެ އިނގިލިތައް މަޑުޖެހިލިނަމަވެސް ޓައިޕްކޮށްލިއެވެ. ފަރުވާތެރިކަމާއެކުގައެވެ.
" އަމިއްލައަށް އައިސް ހަވާލުކުރޭ.."އޭނަ އެގެ ހުރިތަން ބުނެދިނެވެ.
އިރުކޮޅެއްވިއިރުވެސް ހިމޭންކަމެވެ. ދެން އިވުނީ ދޮރު ހުޅުވުނު އަޑެވެ.
އޭނަ ފުންމައިގެން ތެދުވުނުއިރު ހިތް ރޫރޫއަޅައެވެ. އަވަހަށް ފޯނު އޮތްތާ ބަންޑުން ބޭއްވީ އެ ޗެޓް ފޮހެލުމަށްފަހު އެ ބުނާ މިރިއަމްގެ ނަމްބަރުވެސް ބްލޮކްކޮށްލާފައެވެ. އޭރުން އަލުން މެސެޖް ނުކުރެވޭނެތާއެވެ.
***
މިރިއަމް ލޯގަނޑު ކައިރީގައި ހުއްޓިލިއެވެ. ކްރީމް ކުލައިގެ ކުރުތާގެ ކައިރިފަށުގައި ނޫކުލައިން ޖަރީކޮށްލާފައެވެ. ކޮޓްން ހެދުން އޮތީ ދަބަހަށް ލުމުގެ ސަބަބުން ކުޑަކޮށް ރޫޖެހިފައެވެ. ދެއްކުންތެރިކަމެއްނެތަސް އެހާ ސާދާއެއްވެސް ނޫނެވެ. އެކަމަކު އޭނަގެ އަތުގައި އޮތް އެންމެ ރީތި ޓޮޕްކޮޅެވެ. ކަޅު ނޫ ޖިންސަކާއެކު މަޑުނޫކުލައެއްގެ ހިޖާބަ އެޅުމުން ތަންކޮޅެއް ނަލަވެފައި އަންހެންވަންތަކަމުގައި އަމިއްލަ ނަފުސް އެއްބަސްވެލިއެވެ.
މޫނުގައި މޮއިސްޗަރައިޒާކޮޅަކައެކު ލިޕްބާމެއް ލިއެވެ. އެންމެ ފަހު ފަހަރަށް ލޯގަނޑުން ސޫރަ ދެކެލުމަށްފަހު ދާން ނިންމިއެވެ.
އަޖައިބެކެވެ. އޭނަގެ ބަނޑުތެރޭގައި މި ހިނގައިގަތީ ކޮންކަހަލަ ތޫފާނެއްގެ އޮއިވަރެއްހެއްޔެވެ؟ އޭނަ މިދަނީ އެއްޗެއް ރައްދުކޮށްދިނުމަށެވެ. އެނިމުނީ ނޫންހެއްޔެވެ؟ އޭނަ ހިތަށް ވިސްނާދިނުމަށްފަހު ވެލްވެޓް ޕައުޗްނެގިއެވެ. އޭގެ ތެރޭގައި ގަހަނާ ސެޓާއިއެކު އަނގޮޓިވެސް އޮތެވެ. އޭނަގެ ދަބަހަށް އެ ލުމަށްފަހު ބަލަހައްޓައިގެން އިނެވެ. ފުދޭވަރެއްގެ އަގުހުރި އެއްޗެކެވެ. އަމިއްލަ މިލްކަކަށް ނުވަންޏާ ވެރިފަރާތަށް ރައްދުކުރަން ޖެހޭނެ ނޫންހެއްޔެވެ؟އޭނަގެ ޚިޔާލަށް ގެންނަންވެސް ނޭގުނީ ހަމްޒާގެ ހަސަދަވެރި އަނބިމީހާ އޭނަގެ އިންތިޒާރުގައި އިންކަމެވެ. ހަމްޒާ ނެތީސް އޭނައާއި ކުރިމަތިލާން ތައްޔާރުވެލައިގެން ހުރިކަމެވެ.
އޭނަ ދަބަހުގެ ޒިބު ދަމާލަން އުޅުނުތަނާ އެހެން ޚިޔާލެއް ގަދަވެގަތެވެ. އޭނަގެ އަންހެނުންނަކީ ރީތިކަން ހުސްކުރި އަންހެންކުއްޖަކަށްވެއްޖެއްޔާ ވާނީ ކިހިނެއްހެޔެވެ؟ މަޖައްލާތަކުގެ ބަނޑޭރިގަނޑުން ފެންނަ ފަދަ މޮޑެލް ކުއްޖަކަށްވެސް ވެދާނެއެވެ. ރީތި އިސްތަށިގަނޑަކާއި ވިދާ ހަންގަނޑެއްގެ ވެރިއަކަށްވެއްޖެއްޔާ..ހަމްޒާއަށް ހޮވުނީ މިރިއަމްއަށްވުރެ މާ ރީތި އަންހެންކުއްޖެއްކަމަށް ގަބޫލުކޮށްފާނެއެވެ. ހަމްޒާގެ އަންހެނުން އޭނައަށްވުރެ ޒުވާންވުމަކީވެސް އެކަށީގެންވާކަމެކެވެ.
ޝައިތާނާ ސިކުނޑިއަށް އެރިގެން ވަސްވާސްދޭނީ އާއްމުކޮށް އެފަދަ ގޮތަކަށެވެ. ސީދާ އެމީހަކު ފައުޅުކަން ބޮޑު ފާފައަކަށް އަރައިގަންނަން ނޫނެވެ. ހަރާމް ކަންތައްތައް އެއީ އެންމެ ރަގަޅުކަންތައް ކަމަށް ހީކުރުވައިގެންނެވެ. ޚާއްސަކޮށް ހަސަދަ، ފަޚުރު އަދި އަމިއްލަ ނަފުސަށް ޔަގީންކަން ނެތުންފަދަ ޖަޒުބާތުތައް އެކަމެއްގައި ހިމެނޭ ވަގުތުތަކުގައެވެ.
މިރިއަމްއަކީވެސް އެހާ ނުބައި ކުއްޖެއްނޫނެވެ. އޭނަގެ ނިޔަތަކަށްވީ އަދި އިތުރަށް ޒީނަތްތެރިވެގެން ހަމްޒާއާއި އަންހެނުން ދުރުކުރުވުމެއްވެސް ނޫނެވެ. ނަމަވެސް އޭނައަށް ކޮންމެވެސް ވަރަކަށް ނާގާބިލުކަމުގައި ހީވީއެވެ. އެއީ ޝައިތާނާވެސް މަޑުމަޑުން އޭނަގެ ސިކުނޑީގައި ޓަކިދިން ވަގުތެވެ. އޭނަ އިރުގަނޑެއްވާންދެން ލޯގަނޑަށް ބަލަހައްޓައިގެން ހުރެފައި ކޮންސީލާއެއްނެގިއެވެ. ލޮލުގެ ކައިރިފަށުން ފެންނަ ވަރުބަލިކަމުގެ އަސަރުތައް ފަނޑުކޮށްލަން ކުޑައެތިކޮޅެއް ހާކައިލިއެވެ.ކަޅު އަނދުނުގެ އެންމެ ރޮގަކާއެކު މަސަކަރާގެ ފަށަލައެއްވެސް އިތުރުކޮށްލިއެވެ. ކުލަޖެހޭފަދަ ލިޕްބާމްކޮޅަކުން ތުންފަތް އިތުރަށް ރީތިވެލިއެވެ. މާބޮޑު ނޫނަސް އޭނަގެ ސިފަތައް އިތުރަށް ލޯތަކުގައި އަޅައިގަންނަވަރު ކޮށްލެވިއްޖެއެވެ. އަދި "ތަބައްރުޖު" ނޫންކަމަށް އަމިއްލަ ނަފުސްވެސް ގަބޫލެއްނުކުރިއެވެ. އޭނައަށްވެސް އެނގެއެވެ. އޭނައަށް އެ ލަފުޒު ދަސްވީ ސަޔާރާގެ ފަރާތުންނެވެ. މަހުރަމުން ނޫން މީހުންނަށް ރީތިކަން ދެއްކުމެވެ.
"ނޫން. މިއީ ތަފާތުކަމެއް... އަހަރެން ދަނީ އޭނައާއި އެކު ޑޭޓަކަށްނޫން. އެފަދަ ގޮތަކަށް ބައްދަލުކުރާކަށް ނޫން. ހަމައެކަނި މީތި ހަވާލުކުރަން. ވީމަ އޯކޭވާނެ...."ލޯގަނޑަށް ބަލައިލުމުން ފާހަގަވީ ލޯ އިތުރަށް ބޮޑުވެފައި މޫނު ސާފުވެ ތުންފަތުގެ ފިޔާތޮށިކުލަ ގަދަވިކަމެވެ.
ކޮނޑަށް ދަބަސް އެއްލާލުމަށްފަހު އަވަހަށް ތިރިއަށް ދާން ހިނގައިގަތުމުން ޒުވާން ފިރިހެންކުއްޖެއްގެ ސަމާލުކަން ލިބުނުކަން ފާހަގަވިއެވެ. މަގަށް ނިކުމެވުނުއިރު އޭނަގެ މައިދާ ގަޑުބަޑުވެފައިވާކަން އެނގުނެވެ. އިއްޔެއިންފެށިގެން ރަގަޅަށް ނުކެވުނީވެސް ޚިޔާލުތައް ގިނަވެފައިވާވަރުންނެވެ. ރޭ ހޮޓެލުން ދިން ޕާނާއިއެކު ކުޑަކޮށް ސައި ފޮދެއްގެ އިތުރުން އެހެން އެއްޗެއް ނުކެވުނެވެ. ހެނދުނުން ފެށިގެން އެތެރެހަށިން ބީރައްޓެހި ހުސްކަމެއް އިހުސާސްކުރެވެންފެށިއެވެ. އަތް ކުޑަކޮށް ތުރުތުރުލައެވެ. ނޭވާވެސް ލަސްވެފައެވެ. ޓެކްސީއެއް ނަގަން އުޅެނިކޮށް އުދަގޫތަކެއްވާން ފެށުމުން ފާރަށް ލެނގިލެވުނެވެ. އެއާއެކު އަލިގަނޑެއް އެނބުރުނުހެން ހީވިއެވެ. ފައިގެ ކަކުލުހުޅުން ވާގިދޫވުމާއެކު ހުރިހާތަނެއްވެސް އެނބުރެންފެށިއެވެ. އެންމެފަހުން އޭނައަށް ފުސްކޮށް ފެނުނީ ނޫކުލައިގެ އުދަރެހެވެ.
***
އެއީ ހަމްޒާ ޑިއުޓީގައި ހުންނަން އޮތް ދުވަހެއް ނޫނެވެ. އެހެން ޑޮކްޓަރަކު އެންމެފަހު ވަގުތުކޮޅު ބަލިވެގެން ނާދެވުމުން އޭނަ ސާޖަރީއަކަށް ދާން ގުޅީއެވެ. މަސްޖިދުގައި ހުރެފައި ސުންނަތް ނަމާދުވެސް ކުރެވުނީ ހަމަ ކިރިޔާއެވެ. އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާފައި ނިކުމެގެން އައިސް ނާސް ސްޓޭޝަނާއި އަރާހަމަވީއިރު ނަރުސްކުއްޖެއްގެ ލަފުޒުތައް އިވުމުން ވަގުތުން ފިޔަވަޅު ހުއްޓުނެވެ.
"އެޕާޓްމެންޓެއްގެ ބޭރުގައި ހުއްޓާ އަނބުރައިގަނެގެން ވެއްޓުނީ.. މޯލްޑިވްސް އިން އައި އަންހެންކުއްޖެއް. އެކުއްޖާގެ އެއްވެސް މީހަކު ނެތް. އެކަނިހުރީ. ހަކުރުވެސް ވަރަށް ދަށްވެފައި.."
ހަމްޒާއަށް ބޭއިޚުތިޔާރުގައި ފައިލް ހޯދައިގެން ބަލައިލެވުނެވެ. އެފައިލްގައި "މިރިއަމް"ގެ ނަން އޮތުމުން ހުއްޓުން އެރިއެވެ. އިތުރު އެއްޗެކޭ ބުނުމެއްނެތި އޭނައަށް ހިނގައިގަނެވުނީ މިރިއަމް އޮތް އެނދާއި ދިމާލަށެވެ. އަލިފާންގަނޑެއްގެ ތެރެއަށް ވަންނަން ދާ މީހެއްފަދައެވެ. އޭނަ އަނދާނެކަން އެނގިހުރެއެވެ. އެނދުގެ ހުދު ޝީޓުގެ ދަށުގައި ލޯ މަރާލައިގެން އޮތީ މިރިއަމްއެވެ. ފަސްއަހަރު ވޭތުވެގެން ދިޔައީއެވެ. އެންމެ ލަފުޒެއްވެސް ނެތިއެވެ. ނޭވާގެ އަޑުވެސް ނީވެއެވެ. ހުވަފެނެއްގައިވެސް މިފަދަ ކަމަކަށް ތައްޔާރުވެފައެއްނެތެވެ. މިރިއަމް ކުރިއަށްވުރެ ހިއްކެވެ. ކުރިން ހަންގަނޑު އަވިން އަނދާފައިވީ ނަމަވެސް މިހާރު އެކުލަ ކެނޑި ހުދުވެފައެވެ. އެކަމަކުވެސް އެއީ މިރިއަމްކަމާއިމެދު ޝައްކެއް ވަސްވާހެއްނެތެވެ.
ކުއްލިއަކަށް މިރިއަމް ލޯ ހުޅުވާލިއިރު އެ މުށި ކަޅި ހުއްޓުނީ ސީދާ އޭނަގެ ލޮލަށެވެ. އެއީ ހަމްޒާއަށް އަދިވެސް ހަނދާން ނައްތައިނުލެވުނު ލޮލެވެ. ވަގުތުން އެލޮލުން އޭނައަށް ފާހަގަވީ ހައިރާންކަމާއިއެކު ފަހުމް ވިކަމެވެ. އަދިވެސް އޭނައަށް ނަން ދޭން ނޭގޭ އެހެން އިހުސާސްއެކެވެ.
އޭނަގެ ހިތުގައިވެސް އެއްވެސް އިހުސާސެއް އުފެދިގެން ނުވާނެއެވެ. މިއީ އެކަމަށް މުނާސަބު ވަގުތެއް ނޫނެވެ. ހުރިހާކަމެއް ހިނގައިދިޔަ ގޮތަށް ބަލާފައިވެސް މެއެވެ. އަދި މި ހުދު ކޯޓާއެކު ސްޓެތެސްކޯޕް ކޮނޑުގައި އަޅުވާލައިގެން ހުރެއެވެ. އަދި އޭނަގެ ފޯނުގައި އަންހެނުންގެ ނަން ރައްކާކުރެވިފައިވާއިރުގައެވެ.
އެކަމަކު މިރިއަމް ތެދުވެ އިށީންނަން މަސައްކަތްކުރިއިރު އެއަހަރުތައްވެސް އަޑިއަޅައިލީ ދޮންވެލި ގެއެއްފަދައިންނެވެ.
އޭނަގެ ސުވާލުތަކެއްވިއެވެ. އެކަމަކު އެ ސުވާލުތައް ކުރުމުގެ ހައްގެއްވެސް އޭނަގެ ނެތެވެ.
"އަހަރެން....ކިހިނެއް..."މިރިއަމް ވަށައިގެން ނަޒަރު ހިންގައިލީ އޭނަ މިތަނަށް އައިގޮތެއް ޔަގީންނުވެއެވެ.
"ފެއިންޓްވީ...."އޭނަ އަޑަށް ސާބިތުކަން ގެންނަން މަސައްކަތްކުރިއެވެ." އަދި އަތް ސްޕްރެއިންވީ...."
އޭނަ ނުދެނެހުރިކަމަށް ހަދާލާފައި އަތުގައި އޮތް ފޯނާއި ކުޅެންފެށިއެވެ. މިރިއަމް އެތައް ފަހަރު އެސްފިޔަ ޖަހާލާފައި ކަޅިޖަހާ ނުލާ ބަލަމުން ދިޔައީ އެމޫނަށެވެ. މިއީ ހަމަ ހަމްޒާހެއްޔެވެ؟ އުމުރުން ތަންކޮޅެއް ހަރުކަމަށް ދެއްކިޔަސް މާބޮޑު ތަފާތެއްނެތެވެ. އަދިވެސް އިސްތަށިގަނޑު އޮތީ ދިގުކޮށްލާފައި ކަމުގައިވިޔަސް ކައިރިފަށުން ކުޑަކޮށް ތުނިކޮށްލާފައި ޑޮކްޓަރަކާއި ވައްތަރުވާނެހެން ސްޓައިލިޝްކޮށެވެ. ތުނބުޅި ތަންކޮޅެއް ވަރުގަދައެވެ. ރަސްމީ އަދި ހަރުދަނާގޮތެއް ހުރި ސްމާޓްމީހެކެވެ. ޚާއްސަކޮށް އެ ހުދު ކޯޓާއި އަޑުވެސް ސާބިތުކޮށްދިނީ މީހާގެ ވަރުގަދަ ޝަޚުސިއްޔަތެވެ.
"މިސް...."އޭނަ ސިކުންތުކޮޅަކަށް މަޑުކޮށްލިއެވެ."މިރިއަމް...އަނބުރައިގަތީ ލޭގައި ހަކުރު މާބޮޑަށް ދަށްވުމުގެ ސަބަބުން. މިހާރު ވައިޓަލްސް ސްޓޭބަލް...އެކަމަކު ކޮންމެވެސް އެއްޗެއް ކާލަން ޖެހޭނެ ދޯ...ގަޑިތަކަކަށް އޮބްޒަވޭޝަންގައި ބާއްވާފައި ފޮނުވާނީ..."
މިރިއަމް ލޯބޮޑުކޮށްލައިގެން ބަލަން އިނެވެ.
"ޔޫ...."އެއްޗެކޭ ބުނަން އުޅެފައިވެސް މިރިއަމްއަށް ފަސޭހައެއްނުވިއެވެ." ޔޫ އާ ހިއަ....."
އޭނަގެ ޖުމްލައިގެ މަގުސަދަކީ ދައުވަތު ދީފައި ގޭގައި ނުހުރެ ޑިއުޓީގައި ހުރިކަމެވެ.
"އަހަރެން މަސައްކަތްކުރަނީ މިތާ...."އޭނަ ބަލާވެސް ނުލާ ބުނެލިއެވެ.
"އޯ..އެކަމެއް ނުދެނެހުރިން..."
"ވާ ޔޫ ސްޕޯސްޑް ޓު؟" ހަމްޒާއަށް ބުނެވުނީ ތަންކޮޅެއް ހަރުކަށިކޮށެވެ. ބޭއިޚުތިޔާރުގައެވެ.
ދެމީހުންގެ ދޭތެރެއަށް އަޖައިބެއްފަދަ ހިމޭންކަމެއްވެރިވިއެވެ. ދެމީހުންގެ ވާހަކަތައް އަނެކަކަށް ދޭހަވެސް ނުވާފަދައެވެ.
"ކޮންމެވެސް އެއްޗެއް ކައިބަލަ..."ހަމްޒާ އެނދުގެ އަރިމަތީގައި ހުރި ކުޑަ މޭޒަށް އިޝާރާތްކޮށްލިއެވެ. އެ ތަބަކުގައި ޖޫހާއި ކަދުރާއި ކަރުދާހުގައި ބަންދުކޮށްފައިވާ ސެންޑްވިޗެއްވިއެވެ. "އެންމެ ކުރިން ކަދުރު ކައިލައްޗޭ..އޭރުން އެންމެ އަވަހަށް ހަކުރުގެ ލެވެލް މަތިވާނީ...އިތުރުކަމަކަށް ބޭނުންވަންޏާ ނަރުހެއްގެ އެހީ ހޯދާ..."
އޭނަ ދާން އެނބުރިލިއެވެ.
"މަޑުކުރޭ..."މިރިއަމްއަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ. ހަމްޒާގެ އަމަލު ހުރިގޮތުން ހައިރާންވުމާއެކު އިންތިހާއަށް ދެރަވިއެވެ.
"އަހަރެން މިތަނަށް އައީ ކީއްވެކަންވެސް ނާހާނަންތަ؟" އެލަފުޒުތައް ވީ ހިތުގައެވެ.
"މިހާރު ކައިވެނި ކުރީ ؟" މިރިއަމް ސުވާލުކޮށްލިއެވެ. އޭނައަށް ކޮންމެ ޖަވާބެއް އިވުނަސް އަސަރެއް ނުކުރާނެ ކަން ދައްކަންވެގެން އިތުރަށް ބުނެލިއެވެ."މިހެން މިއެހީ ވައިފްގެ ހައްގެއް މަގޭ އަތުގައިވާތީ އެ ރައްދުކޮށްދޭންވެގެން..."
މިރިއަމް ދަބަސް ހުޅުވައިލަން މަސައްކަތްކުރީ އެއް އަތުންނެވެ. އަނެއް އަތްވީ ބެންޑޭޖްކޮށްފައެވެ.
"އާނ...އައިމް މެރީޑް...."އޭނަގެ ޖަވާބު އިވުމާއެކު މިރިއަމްގެ އަތުގެ ހަރަކާތް ލަސްވިއެވެ. ގާތްގަނޑަކަށް ހުއްޓުމަކަށް އައެވެ. އެކަން އެނގޭ ނޫންހެއްޔެވެ؟ ހަމަޖެހޭށެވެ. މިރިއަމްގެ ޟަމީރު އަޑުލައިގަތެވެ. ވަރަށް ހަމަޖެހިލާފައި ކަމަށް ހަދަމުން އޭނަ ނެގި ޕައުޗް ހަމްޒާއަށް ނެގޭ ހިސާބުގައި ބޭއްވިއެވެ. އެވަގުތު ނަރުސްކުއްޖަކު އައިވީ ހިފައިގެން އައިތަން ފެނުނެވެ. އެކުއްޖާ އެމަސައްކަތުގައި އުޅެނިކޮށް އޭނަގެ ބާލީސްދަށުގައި އޮތް ފޯނު ގެ އަޑު އިވެންފެށިއެވެ. މިރިއަމް ފޯނު ނަގަން އުޅެނިކޮށް އަތުން ދޫވެގޮސް ޖެހުނީ ބިންމަތީގައެވެ.
ހަމްޒާ ގުދުވެ ފޯނުނެގިއެވެ.
"ގެއިން ކަން ނޭގޭ..." ރާއްޖޭގެ ނަމްބަރަކަށް ވުމުން އޭނަ ބުނެލިއެވެ. އެވަގުތު އޭނައަށް ފާހަގަވީ މިރިއަމްއަށް އެއްވެސް އަތެއް ބޭނުންނުކުރެވޭކަމެވެ. އެހެންވެ ފޯނު ނަގާފައި ސްޕީކަރަށްލާފައި ކައިރީގައި ބޭއްވިއެވެ.
ސަޔާރާގެ އަޑު އެތަނުގައި އިވުނީ ބޮމެއްފަދައިންނެވެ. ސަޔާރާއަށް ރޮވޭވަރުން ވާހަކަވެސް ނުދެއްކެއެވެ.
"މިރިއަމް....އިޓްސް ޔޯ މަދަރ....މަންމަ އިނީ މުސައްލަމަތީގައި....ދެން.....މަންމަގެ މުޅި ހަށިގަނޑު ރޫރޫ އަޅައިގަތީ. ހީކުރީ ކަރުގައި އެއްޗެއް ތާށިވެގެން ނޭވާ ނުލެވުނީކަމަށް....ދެން ޒުބޭރު......"
މިރިއަމްގެ މޫނުގައިވިހާ ލޭތައް ހުސްވިހެން ހީވިއެވެ. ކަފަކޮޅެއްހާ ހުދުވިއެވެ. ހަތަރެސްފައިފިނިވެ ވަގުތުން ތެދުވެ އިށީދެވުނުއިރު ގައިގެ ހުރިހާ ލޯލިއެއް ހުރީ ކޮޅަށެވެ.
"ކީކޭ؟ ތީގެ މާނައަކީ...."މިރިއަމްއަށް ބުނެވުނެވެ.
ޒުބޭރުގެ އަޑުގައިވީ އަވަސްކަމެވެ." އެހާ ރަގަޅަކަށް ރެސްޕޯންޑް ނުކުރޭ. އެކަމަކު މިހާރު ނޭވާލާ އެކަމަކު ޖަވާބެއްނުދޭ..."
މިރިއަމްގެ އަރުތެރެ ބެދުނެވެ.
"މަންމަ ވެއްޓުނުތަ؟"
"ނޫން...އިށީދެގެން އިނީ ...ކުއްލިއަކަށް އަތަށް ވާގި އަރާކަހަލަ ގޮތެއްވެ އަނގަމަތިވެސް ތަޅުވާ ކަހަލަ ގޮތެއް...އަހަންނަކަށްވެސް ނޭގޭ...އަހަރެމެންނަކަށްވެސް ނޭގޭ ކިހިނެއްކަމެއްވެގެން މިއުޅެނީ. ނޯމަލް ކަމެއްނޫން މިއީ...ކްލިނިކްގައި މިއަދު ޑޮކްޓަރެއްވެސް ނެތް..."
މިރިއަމް އިތުރު އެއްޗެއް ބުނުމުގެ ކުރިން ހަމްޒާ ފޯނު ނެގިއެވެ. އޭނައަށް އެހުރިހާ އެއްޗެއް ސާފުކޮށް އިވުނެވެ.
"ވީޑިއޯ ޖައްސަބަލަ.."ހަމްޒާގެ އަޑުގައި އަމުރުވެރިގޮތަކާއެކު މަޑުމައިތިރިގޮތެއްވެސް ވިއެވެ. ސަޔާރާ ފޯނު ޖައްސައިލިއިރު ޖަމީލާ އޮތީ އޮށޯވެލައިގެންނެވެ. މޫނު އެއްކޮށް ހުދުވެ ތުންފަތް ކުޑަކޮށް ދުރުވެފައެވެ. ނޭވާ އަވަހެވެ. އެއްއަތަށް ބާރު ވެފައެވެ. ޖަމީލާގެ ކައިރީގައި ހުރި ޒުބޭރުގެ މޫނުމަތިން ފެންނަނީ ނުތަނަވަސްކަމެވެ.
"ޒުބޭރު. އަޑުއަހާބަލަ..."އޭނަ އެދުނެވެ." ޖަމީލާތައް އަރިއަކަށް ބާއްވާފައި ބޯދަށް ކުޝަންއެއް ލައްވާ..ކުރިން މަންމަ ފިޓް ޖެހުނުތަ؟"
އޭނަގެ އެންމެފަހުގެ ލަފުޒު އަމާޒުވީ މިރިއަމްއަށެވެ. އޭނަ ބޯ ހޫރުވައިގަތެވެ. ހިތް އަވަސްވެފައިވާވަރުން ދޫ ހަރަކާތް ކުރަން ނުކުޅެދުނެވެ. އޭނަ މިހާ ދުރުގައި ހުރެގެން މަންމައަށް ކަމެއް ދިމާވެއްޖެއްޔާ އެ ހަގީގަތާއެކު ދިރިއުޅުން ކަޑައްތުކުރާނީ ކިހިނެއްހެއްޔެވެ؟
"މަންމަ ވަރަށް ގިނަ ފަހަރު...ކަންތައް ހަނދާން ނެތޭ..ބައެއް ފަހަރު އެހެން ދުރަށް ބަލަން ސިކުންތުކޮޅަކަށް އިނދޭ..."މަންމައަށް އެހީތެރިވާނެ އެއްވެސް މައުލޫމާތެއް ހަނދާން ކުރަން އޭނަވެސް މަސައްކަތްކުރިއެވެ.
ހަމްޒާގެ ލޯ ހަނިވިއެވެ. "އޯކޭ. ފޯކަލް ސީޒާއަކަށްވެސް ވެދާނެ"
"ޒުބޭރު...ޔޫ އާ ޑުއިން ވެލް...ގަދަކަމުން ހޭލައްވަން ނަހަދާ އަރާމުކުރަން ޖަމީލާއްތަ ބާއްވާ...ހިފަހައްޓަން ނޫޅޭތި އިނގޭ. އަމިއްލައަށް އޯކޭވަންދެން ހަމަ މަޑުކޮށްލާނީ.." އޭނަ އިރުޝާދު ދިނެވެ.
"މަންމަ އޯކޭވާނެތަ؟"މިރިއަމްއަށް އަހައިލެވުނެވެ.
އޭނަގެ ނަޒަރު މިރިއަމްއިން ސްކްރީނަށް ހުއްޓުނެވެ."ހަމަ ޗާންސް އެބައޮތް އިންޝާﷲ...އެކަމަކު ފޮލޯއަޕް ހަދަންވާނެ. ނިއުރޮލިޖިކަލް މައްސަލައަކަށްވެދާނެ. ސައިލެންޓް ސްޓްރޯކެއްވެސް....މެމޮރީ އިޝޫސްތަކާއި ގުޅުމެއްހުރެދާނެ..އިވެލުއޭޓްކުރަން ޖެހޭނީ..ބްލަޑްވޯކާއި އީއީޖީއާއި ސްކޭންތައްވެސް......"
"އަހަރެމެން މިއުޅެނީ ރާއްޖެތެރޭގައި. ސްކޭންތަކެއް ސްޕެޝަލިސްޓުންނެއްނެތް.."ސަޔާރާގެ އަޑު އިވުނެވެ.
"މިތަނުންވެސް ސިޓީއެއް ފޮނުވަދީފާނަން. ވީހާވެސް އަވަހަށް ޖަމީލާއްތަ މާލެ ގެންގޮސް ބޭނުންވާ ޓެސްޓްތައް ހައްދައިލަން ޖެހޭ. ގަޑިއެއްހާއިރު ތެރޭ ލެޓާ ފޮނުވާދޭނަން..."
ނުނިމޭ