އަނިޔާވެރިވުމަށް ބާރު އަޅާކަމަށް ބުނެ އިސްރާއީލުގެ ދެ ވަޒީރަކާމެދު ޔޫކޭއިން ފިޔަވަޅު އަޅަނީ

އިނގިރޭސިވިލާތުން ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމާފައިވާ އިސްރާއީލުގެ ދެ ވަޒީރުން ކަމަށްވާ އިޓަމާ ބެން ގްވިރް (ކ) އާއި ބެޒާލެލް ސްމޮޓްރިޗް (ވ). ފޮޓޯ؟ގެޓީ

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ޖަމާއަތްތަކާ ދެކޮޅަށް ތަކުރާރުކޮށް އަނިޔާވެރިވުމަށް ބާރުއެޅުމުގެ މައްސަލައިގައި އިނގިރޭސިވިލާތުން އިސްރާއީލުގެ ކަނާތުފިޔައިގެ ދެ ވަޒީރަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

ފޮރިން ސެކްރެޓަރީ އިއުލާން ކުރައްވާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އިސްރާއީލުގެ ދެ ވަޒީރުން ކަމަށްވާ އިޓަމާ ބެން ގްވިރް އާއި ބެޒާލެލް ސްމޮޓްރިޗް އިނގިރޭސިވިލާތަށް އެތެރެވުން މަނާކޮށްފައިވާއިރު، އިނގިރޭސިވިލާތުގައި ހުރި އެ މީހުންގެ އެސެޓްތައް ފްރީޒްކުރަން ވެސް ވަނީ ނިންމާފައެވެ.

އެއީ އޮސްޓްރޭލިއާ، ނޯވޭ، ކެނެޑާ އަދި ނިއުޒީލެންޑު ގުޅިގެން އަޅާ ފިޔަވަޅުތަކެއް ކަމަށް ބީބީސީން ރިޕޯޓުކޮށްފައިވެއެވެ.

އެކަމާ ގުޅިގެން އިސްރާއީލުން ބުނީ އިންތިހާބީ މަންދޫބުންނާއި ސަރުކާރުގެ މެމްބަރުންނަށް މި ބާވަތުގެ ފިޔަވަޅުތައް އެޅުމަކީ ވަރަށް ގޯސް ގަބޫލުނުކުރެވޭ ކަމެއް ކަމަށެވެ.

އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ ވިދާޅުވީ ފިނޭންސް މިނިސްޓަރު ސްމޮޓްރިޗް އާއި ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު ބެން ގްވިރް ވަނީ އަނިޔާވެރިކަން އިތުރުކޮށް ފަލަސްތީނުގެ އިންސާނީ ހައްގުތަކަށް ބޮޑެތި ގެއްލުންތަކެއް ދިނުމަށް ބާރުއަޅާފައެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވަނީ ދަތިކުރުމުގެ ފިޔަވަޅު އެޅުން ކުށްވެރިކުރައްވާފައެވެ.

"މި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ހަނގުރާމަ ހުއްޓާލުމާއި، ރަހީނުކޮށްފައިވާ ހުރިހާ މީހުން ގެނައުމާއި، ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާ އިސްވެ އޮވެގެން ކުރާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހުރަސްއެޅޭނެ،" ރޫބިއޯ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވެއެވެ.

އޭނާ ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަނބުރާ ގެންދިއުމަށް ގައުމުތަކަށް އިލްތިމާސް ކުރައްވައި އެމެރިކާއާއި އިސްރާއީލަކީ ވަރަށް ގާތް ދެ ގައުމު ކަމަށް ވިދާޅުވެފައެވެ.

ޔޫކޭގެ އެ ފިޔަވަޅަކީ ހައިރާންކުރަނިވި ނިންމުމެއް ކަމަށް ވިދާޅުވެ، އިސްރާއީލުގައި ހުންނަ އެމެރިކާގެ ސަފީރު މައިކް ހަކަބީ ވެސް ވަނީ އެކަން ކުށްވެރިކޮށްފައެވެ.

ބައިނަލްއަގުވާމީ ގާނޫނުތައް މުގުރާލުމުގެ ނުރައްކާ އިސްރާއީލަށް އެބައޮތް ކަމަށް ޔޫކޭއާއި ފްރާންސް އަދި ކެނެޑާގެ ލީޑަރުން ގުޅިގެން މިދިޔަ މަހު ނެރުނު ބަޔާނެއްގައި ބުނެފައިވާއިރު، ޔޫކޭއިން ވެސް ވަނީ އިސްރާއީލާއެކު ކުރިއަށް ގެންދިޔަ ވިޔަފާރީގެ މަޝްވަރާތައް ވެސް ހުއްޓާލައިފައެވެ.

ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސްމޮޓްރިޗް އާއި ބެން ގްވީރަށް ވެސް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. ދެ ވަޒީރުން ވެސް ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ހުއްދަ ދިނުމާ ދެކޮޅު ހަދާއިރު، އެތަނުގައި ތިބި ފަލަސްތީނުގެ މީހުން އެ ސަރަހައްދުން ބޭރުގައި ވަޒަންވެރި ކުރުމަށް ގޮވާލާފައިވެއެވެ.

ނަވާރަ ސަތޭކަ ފަސްދޮޅަށް ހަތް ވަނަ އަހަރު މެދުއިރުމަތީ ހަނގުރާމައިގައި ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސް ހިފުމަށްފަހު އިސްރާއީލުން ވަނީ ގާތްގަނޑަކަށް 700،000 ޔަހޫދީން އެ ބިންތަކުގައި ވަޒަންވެރިކޮށްފައެވެ.

އެއީ ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން ގާނޫނާ ހިލާފު ކަމެއް ކަމަށް ބައިނަލްއަގްވާމީ މުޖުތަމައުގެ ގިނަ ބަޔަކު ދެކެއެވެ.

comment ކޮމެންޓް