މިދިޔަ މެއި މަހަކީ މިހާތަނަށް ރިކޯޑް ކުރެވިފައިވާ ދެވަނައަށް އެންމެ ހޫނު މެއި މަސް ކަމަށް ޔޫރަޕިއަން ޔޫނިއަންގެ ކްލައިމެޓް މޮނިޓަރިން ސާވިސް ކޮޕާނިކް ކްލައިމެޓް ޗޭންޖް (ސީ3އެސް)އިން ބުނެފިއެވެ.
ދުނިޔޭގެ ބިމުގެ ފިނިހޫނުމިން ވަނީ މިދިޔަ މަހު އެވްރެޖްކޮށް 1.4 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތިވެފައެވެ. އެއީ، 1850-1900 ގެ ކުރިން ސިނާއީ ދުވަސްވަރު ފިނިހޫނުމިން ހުރި މިންވަރަށްވުރެ ވެސް މަތީ މިންވަރެއް ކަމަށް ސީ3އެސްއިން ބުނެއެވެ.
ދުނިޔެ ހޫނުވާ މިންވަރު އިތުރުވާނަމަ، ކުރިއަށް އޮތްތަނުގައި ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަށްވުރެ މަތިވެދާނެ ކަމަށް ވެސް ސީ3އެސްއިން ބުނެއެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ މައިގަނޑު ސަބަބަކީ ފޮސިލް ފިއުލް އެންދުމުން ގްރީންހައުސް ގޭސް ބޭރުވުމެވެ.
މޫސުމާ ބެހޭ ސައިންސްވެރިންގެ ވޯލްޑް ވެދާ އެޓްރިބިއުޝަން ގްރޫޕުން މިއަދު ޝާއިއުކުރި އިތުރު ދިރާސާއަކުން ދައްކާ ގޮތުގައި އިންސާނުން ކުރާ ނޭދެވޭ އަމަލުތަކުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުން މިދިޔަ މަހު އައިސްލޭންޑާއި ގްރީންލޭންޑްގައި ރިކޯޑް މިންވަރަކަށް ހޫނުވެ، އެ ތަންތަނުގައި ވަނީ އާންމުކޮށް ފިނިހޫމިން ހުންނަ މިންވަރު ކަމަށްވާ ތިން ޑިގްރީ ސެލްސިއަސްއަށްވުރެ މަތިވެފައެވެ.
"ފިނި މޫސުމުގެ ގައުމުތަކުގައި ވެސް މީގެ ކުރިން ނުފެންނަ މިންވަރަށް އެބަ ހޫނުވޭ،" ރޯޔަލް ނެދަލެންޑްސް މީޓިއޮރޮލޮޖިކަލް އިންސްޓިޓިއުޓްގެ ދިރާސާގެ ކޯ-އޮތޯރާ އަދި ރިސާޗާ ސާރާ ކިއު ވިދާޅުވިއެވެ.
މިދިޔަ މަހު އެންމެ ބޮޑަށް ފިނުހޫނުމިން މަތިވި އެއް ގައުމަކީ ޕާކިސްތާނެވެ. ޚާއްސަކޮށް އެ ގައުމުގެ ސިންދު ޕްރޮވިންސްގެ ޖެކޮބަޑް ސިޓީގައި ފިނިހޫނުމިން އިތުރުވެފައިވާއިރު، ބައެއް ވަގުތު ތަކުގައި 50 ސެލްސިއަސްއަށް ވެސް މަތިވެފައިވެއެވެ.
މިދިޔަ ޖޫން މަހު ވެސް ހޫނުގަދަވުމުގެ ސަބަބުން ޕާކިސްތާނުގެ ދެކުނުގައި 560 އަށް ވުރެ ގިނަ މީހުން މަރުވިއެވެ.