އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ތެރެއިން ޓެގު އަޅުވައި، ދޫކޮށްލަން މުޅި ޖުމުލަ 121 މީހަކު އެދިފައި ވާއިރު، ޕޮލިސް އެސެސްމަންޓަށްފަހު އޭގެ ތެރެއިން 20 މީހުން ދޫކޮށްނުލާން ނިންމައިފިއެވެ.
މިސަރުކާރުން ގައިދީން ޓެގު އަޅުވާފައި ދޫކުރަން ފެށީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ނުވަތަ 'ވާނުވާ' ބަންދުގެ މައްސަލައަށް ހައްލު ގެނައުމަށެވެ. އެ ގޮތަށް ދޫކޮށްލާ މީހުންގެ ތަފުސީލު ކްރިމިނަލް ކޯޓުގެ އަމުރުތަކުން އެނގެއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ތަރުޖަމާން، އަހުމަދު ޝަފީއު އެކްސްގައި ހިއްސާ ކުރެއްވި ތަފާސްހިސާބުން ދައްކާ ގޮތުން، އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ތެރެއިން ޓެގު އަޅުވައި، ދޫކޮށްލަން އެދި ޕީޖީ އޮފީހަށް ލިބިފައިވަނީ 121 ފޯމެވެ. ފުލުހުންގެ އެސެސްމަންޓު ހެދުމަށްފަހު، އޭގެ ތެރެއިން 20 މީހަކު ބަންދުން ދޫކޮށްނުލުމަށް ވަނީ ނިންމައިފައެވެ. މިހާތަނަށް ދޫކޮށްލަން ނިންމައިފައި ވަނީ، ޖުމުލަ ނުވަ މީހެއްކަމަށް ތަފާސްހިސާބުން ދައްކައެވެ.
މި ތަފާސްހިސާބުން ދައްކާގޮތުގައި، މިހައިތަނަށް ނުނިމިވާ ފުލުހުންގެ 92 އެސެސްމަންޓު އެބައޮތެވެ.
މި ނިޒާމުގެ ތެރެއިން ދޫކޮށްލި ބައެއް މީހުންގެ ތެރޭގައި މަސްތުވާތަކެތި ޓްރެފިކު ކުރުމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި ބައެއް މީހުން ހިމެނެއެވެ. މަސްތުވާތަކެތި ޓްރެފިކު ކުރުމަކީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނަވަރުގެ ބޮޑު ކުށެކެވެ.
ވާނުވާ ބަންދުގައި ތިބޭ މީހުން ޓެގު އަޅުވާފައި ދޫކުރަން ނިންމާފައިވާކަން، ޕީޖީ އޮފީހުން ހާމަކުރީ މިދިޔަ މަހުގެ 21ގައެވެ.
އޭގެފަހުން، ޓެގު އަޅުވައި ގައިދީން މިނިވަން ކުރަން ފެށިކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ މަހުގެ 28ގައެވެ.
ޕީޖީ އޮފީހުން ބުނީ، ބަންދަށް ލުއިދެވޭނީ ޓެގް އެޅުވުމުން އެ މީހުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރެވިދާނެކަމަށް ފެންނަ ބާވަތްތަކުގެ ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންނަށް ކަމަށެވެ. އެ ނޫން މީހުންގެ ބަންދަށް އެ ނިޒާމުގެ ތެރެއިން ލުޔެއް ދިނުމަށް ހަމަޖެހިފައިނުވާ ކަމަށް ވެސް ބުންޏެވެ.
އޭގެތެރޭގައި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައިގައި ބަންދުކޮށްފައިވާ މީހުންނާއި މަރުގެ މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހުންނާއި ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހުންގެ އިތުރަށް މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހުން ހިމެނެއެވެ.
ޕީޖީ އޮފީހުން ބުނީ، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ރިމާންޑު ޖަލުތަކުގެ ޖާގައަށްވުރެ އިތުރަށް މީހުން ބަންދުކޮށްފައިވާއިރު، އެ މަސައްކަތުގެ ތެރެއިން ރިމާންޑު ޖަލުތަކުގެ ޖާގައިގެ ދަތިކަމަށް ކޮންމެ ވެސް މިންވަރެއްގެ ހައްލެއް ލިބޭނެ ކަމަށެވެ. އަދި، ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭ ވަސީލަތްތަކަށް ހެޔޮ ބަދަލެއް ގެނެވޭނެކަމަށް ދެކޭ ކަމަށް ވެސް ޕީޖީން ބުންޏެވެ.