ހަވީރުވަންދެން ނުހުރެދާނެ ކަމަށް ބަލާށެވެ!

ހެނދުނު ނިދިން ހޭލާ މީހާ ހަވީރުވަންދެން ދުނިޔޭގައި ނުހުރެދާނެއެވެ. މިއީ އިސްލާމުންގެ ތެރެއިން ކޮންމެ މީހަކު ވެސް ޤަބޫލުކުރާނެ ކަމެކެވެ. ނަމަވެސް, އެއްވެސް މީހަކު ޙަޤީޤީ ޔަޤީންކުރުމަކުން މިކަން ޔަޤީންކުރާހެނެއް ހިޔެއް ނުވެއެވެ.

މަރަކީ އެންމެ ކައިރީގައި އަދި އެންމެ ދުރުގައި އޮތް އެތި ކަމަށް ދުލުކުރިން ބުނުން ފިޔަވައި އެ ކަން ޤަބޫލުކޮށްގެން އެ ކަމާ ބިރުހީވެގެން އުޅޭ ބަޔަކު ތިބިތޯ އަހައިފިއްޔާ ޖަވާބެއް ލިބުމަށްވުރެ ނުލިބުން ގާތްނޫންހެއްޔެވެ؟ މި ސުވާލު އަޑުއަހާ ކޮންމެ މީހަކު ވެސް އޭނާގެ އަމިއްލަ ހާލާމެދު ވިސްނައިލެވެނީއެވެ. އޭނާގެ ދިރިއުޅުން މި ހުރީ އާޚިރަތަށް ފުރާ އޮޑިޔަށް އަރަން ދަތުރު ހަދައިގެން ނޫންކަން ވިސްނެނީ އެ ހިސާބުންނެވެ. އެހެން ވީމާ ދޭނެ ޖަވާބެއް ނެތި ހަނުހުރެވެނީއެވެ.

މާދަމާ މި ދުނިޔެއިން ފުރައިގެން ދާން ޖެހޭ ގޮތަށް އައި ބަޔަކު، މި ތަނުގައި ތަންހަރުކުރުމަކީ ވިޔާދާ ކަމެއް ނޫނެވެ. ދުނިޔެއާމެދު ދެކެންވީ ގޮތް މުސްލިމުންނަށް ބުނެދީފައި އޮތް ފިލާވަޅުގައި އޮތީ، ބީރައްޓެއްސެއްފަދައިން ނުވަތަ މަގު ހުރަސްކޮށްދާ ދަތުރުވެރިއެއް ފަދައިން އުޅުމަށް ކިޔައިދެއްވައިފައެވެ. عَنْ ابْن عُمَرَ رضي الله عنهما قَالَ: أَخَذَ رَسُولُ اللهِ بِمَنْكِبِي، وَقَالَ: «كُنْ فِي الدُّنْيَا كَأَنَّك غَرِيبٌ أَوْ عَابِرُ سَبِيلٍ». މާނައީ:- "އިބްނު ޢުމަރު رضي الله عنهماގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލު ﷲ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ތިމަންގެ ކޮނޑުފުޅުގައި ހިއްޕަވައި ތިމަންނާއަށް ޙަދީޘްކުރެއްވިއެވެ. ތިބާ ދުނިޔޭގައި ބީރައްޓެއްސަކު ފަދައިން ވާށެވެ! ނުވަތަ މަގުހުރަސްކޮށް ދާ މީހަކު ފަދައިންވާށެވެ!"

މި ޙަދީޘްފުޅު އަޑުއައްސަވައި ޢުމަރުގެފާނުގެ ދަރިކަލުން އެ ގޮތުގައި ދުވަސްތައް ހޭދަކުރެއްވިއެވެ. އަދި މި ނަސޭހަތްޕުޅު އެހެން މީހުންނަށް ބުނެދެއްވާއިރު އެކަލޭގެފާނު އިތުރަށް ވިދާޅުވާ ޙިކުމަތްތެރި ބަސްފުޅެއް ވެސް މުޙައްދިޘުން ރިވާކުރައްވައިފައި ވެއެވެ. އެއީ އަންނަނިވި ބަސްފުޅެވެ. وَكَانَ ابْنُ عُمَرَ رضي الله عنهما يَقُولُ: إذَا أَمْسَيْتَ فَلَا تَنْتَظِرْ الصَّبَاحَ، وَإِذَا أَصْبَحْتَ فَلَا تَنْتَظِرْ الْمَسَاءَ، وَخُذْ مِنْ صِحَّتِك لِمَرَضِك، وَمِنْ حَيَاتِك لِمَوْتِك. (رَوَاهُ الْبُخَارِيُّ.) އިބްނު ޢުމަރު رضي الله عنهما ވިދާޅުވާކަމުގައި ވެއެވެ. ”ތިބާ ހަވީރުކޮށްފިއްޔާ ހެނދުނުކުރެވޭނޭ ކަމަށް އިންތިޒާރުނުކުރާށެވެ. އަދި ހެނދުނުކޮށްފިއްޔާ ހަވީރު ކުރެވޭނޭ ކަމަށް އިންތިޒާރުނުކުރާށެވެ. އަދި ތިބާ ދުޅަހެޔޮ­ކަމުގައި ވާ ޙާލު، ބަލިވެދާނޭ ކަމަށް ތައްޔާރުވާށެވެ. އަދި ތިބާ ދިރިހުށްޓައި، މަރަށް ތައްޔާރުވާށެވެ.“

ޙަދީޘުގައި އަންނަ ބީރައްޓެއްސެއް ފަދައިން، ވުމުގެ މާނައަކީ ކޮބައިބާއެވެ؟ އޭގެ މާނައަކީ ބީރައްޓެއްސެއްގެ މިސާލުގައި ތިބާގެ ދުނިޔަވީ ޙަޔާތް ހޭދަކުރުމެވެ. ތިބާގެ އަމިއްލަ ވަޒަން ނޫން އެހެން ރަށަކަށް ގޮސް އުޅޭއިރު ތިބާ އުޅޭނެ ގޮތަށް މި ދުނިޔޭގައި ވުމެވެ. އެ ރަށުގައި ތިބާ އުޅޭނީ ކިހާ ދުވަހަކު ކަމެއް އަދި އެ ތަނުން ނިކުމެގެން އެހެން ދިމާއަކަށް ދަތުރުކުރާނީ ކޮންއިރަކު ކަމެއް ތިބާއަށް ނޭނގޭނެއެވެ. ތިބާ އެ ތަނުން އެދޭނީ ވަރަށް މަދު މިންވަރެކެވެ. ކޮންމެ ދުވަހެއްގެ ކާނާއަށްވުރެ އިތުރަށް އެއްވެސް އެއްޗެއް ހޯދަން ބޭނުންވާ މީހަކު ކަމުގައި ތިބާ ނުވާނެއެވެ. ހިފާގެންގުޅޭ ސާމާނާ އެ ނޫން ވެސް އެއްޗެއް ހޯދަންޔާ، ލިބެންހުރި އެންމެ އަގުދަށް، ބޭނުންވާ ކަމެއް ކިރިޔާ ފުއްދައިލެވޭ މިންވަރަށް ނޫނީ ތިބާ އެއްވެސް އެއްޗެއް ނުހޯދާނެއެވެ. އެއިން އެއްވެސް އެއްޗެއް ދެން އޮތް މަންޒިލަށް ނުގެންދެވޭނޭކަން ޔަޤީންކުރާ ޙާލުގައި މެނުވީ، އެއްވެސް އެއްޗެއް ތިބާ މިލްކުނުކުރާނެއެވެ. އިބްނު ހަބީރާ އެވެ ކިޔުނު ޞާލިޙު ބޭކަލަކު ވިދާޅުވިއެވެ. "މި ޙަދީޘުގައި ބަޔާންވެގެން އެވާ ބީރައްޓެއްސެއްގެ މިސާލުގައިވާ މީހަކު، އޭނާ އެ އުޅޭ ރަށެއްގެ މަޖްލިސްތަކުގައި ވާދައެއް ނުކުރާނެތެވެ. އެ ރަށުގެ މީހުންގެ ޘަޤާފަތާއި ލިބާސްއެޅުމުގެ ވައްޓަފާޅިއާއި ކަންކަން އޭނާއާ ތަފާތުވީ ކަމުގައި ވީނަމަވެސް، ފަރުވާލެއް ނުހުންނާނެއެވެ. އަދި އޭނާ އެ ރަށެއްގެ މީހުންނާ (ވަކިނުވެވޭ ވަރުގެ) ގާތް ގުޅުމެއް ވެސް ނުބާއްވާނެއެވެ." އެހެންކަމުން މި ދުނިޔޭގައި އުޅެންވީ އެފަދަ ބީރައްޓެއްސަކު ފަދައިންނެވެ. އެހެނީ މިއީ އިންސާނާގެ ދާއިމީ މަންޒިލެއް ނޫނެއެވެ.

ޙަދީޘުގައި ދެން އޮތީ، "މަގު ހުރަސްކޮށްދާ މީހެއް ފަދައިން" ވުމަށް ދެއްވައިފައި އޮތް އިރުޝާދެވެ. އެފަދަ މީހަކު ކަމުގައިވުމުގެ މާނައަކީ ކޮބައިބާއެވެ؟ އެއީ ހަމަ އެންމެ އާދައިގެ މާނައިގައި މަގުހުރަސްކުރުމެވެ. ނޫންނަމަ އިތުރަށް ވިސްނައިލުމަށް ޓަކައި ދަންނަވައިލާނަމެވެ. ތިބާ ތިއީ ވައިގެ މަގުން ދަތުރެއް ކުރާ މީހަކަށްވެފައި، ދެ މަތިންދާ ބޯޓެއްގައި ދަތުރުކުރާ މީހަކަށް ވެއްޖެ ނަމަ، ތިބާގެ އާޚިރު މަންޒިލަށް ވާޞިލްވުމުގެ ކުރިން ބޯޓު ބަދަލުކުރުމަށް ތިބާ މަޑުކުރާ ވަގުތުކޮޅާމެދު ވިސްނައިލާށެވެ. ދެން ގުޅެން އޮތް ބޯޓަށް އެރުމާ ދޭތެރޭ މަދު ވަގުތުކޮޅެއް ހޭދަވާ ފަހަރާއި ވަރަށް ދިގު މުއްދަތެއް ހޭދަވާ ފަހަރު ވެސް އާދޭ ނޫންހެއްޔެވެ؟ މިފަދަ ޙާލަތުގައި ތިބާ ތި ވަނީ މަގުހުރަސްކޮށްލާ މީހަކު ފަދައިންނެވެ. މިފަދަ ދަތުރެއްގައި ތިބާއާ އެކު ބަރުވެދާނެ އެއްވެސް އެއްޗެއް އުފުލަން ބޭނުންވާ މީހަކު ކަމުގައި ތިބާ ނުވާނެއެވެ. އެ ތަނުގައި ހުރި ތަކެއްޗަށް ކިތަންމެ އެދުންވެރިވިޔަސް އެ އެއްޗެތި ލިބިގަންނަން ބޭނުންވާ މީހަކު ކަމުގައި ވެސް ތިބާނުވާނެއެވެ. ކުރިޔަށް އޮތް ދަތުރަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ތިބާ ނުކުރާނެއެވެ. ކާނާއެއް ބޭނުންވެއްޖެއްޔާ ލުއި ކޮއްތަކުން ފުއްދައިލާނެއެވެ. މަގުގެ އަނެއްކޮޅުގައި އޮތް ބޯޓަށް އަރަން ޖެހޭ ގަޑިއަށްވުރެ ކުރިން ގޮސް ފަސިންޖަރުންގެ ދޮރޯށި ދޮށުގައި އިނުމަށް ތިބާ އަވަސްވާނެއެވެ. އެ ކަމަށް ހުރަސްއެޅޭ އެއްވެސް ކަމެއް ތިބާ ނުކުރާނެއެވެ. އަދި އެފަދަ ކަމެއް ކުރާ ބަޔަކަށް ތަރުހީބު ވެސް ނުދޭނެއެވެ.

ކަންމިހެންއޮތްއިރު އަޅުގަނޑުގެ ޙަޔާތް މި ދުނިޔޭގައި ބައްޓަން ކުރެވިފައިމިވަނީ ޙަދީޘުގައި އެވާ އިރުޝާދުގެ ބައްޓަމަށްބާއެވެ؟ އަޅުގަނޑަށް މި ބެލެނީ ދުނިޔޭގައި ޒުހުދުވެރި ދިރިއުޅުމެއް އުޅެންތޯއެވެ؟ ނޫނީ މި އުޅެވެނީ، އެ ވެސް، މި ވެސް، އަދި ދެން އޮތް އެއްޗެއް ވެސް ހޯދައި ދުނިޔޭގެ އަމިއްލަ މިލްކިއްޔާތަށް ޖަމާކުރަންބާއެވެ؟ ކޮންމެ ކިޔުންތެރިޔަކު ވެސް އަމިއްލަ ނަފުސާ މި ސުވާލު ކޮށްލައްވާށެވެ؟

comment ކޮމެންޓް