ސައުތު ބަތަލާ ކީރްތީގެ ހިތުން ރާއްޖޭގެ ރީތި މަންޒަރުތައް ނުފިލި

ކީރްތީ ރާއްޖޭގައި ނަގާފައިވާ ފޮޓޯތަކެއް ސޯޝަލްމީޑިއާގައި ހިއްސާކޮށްފައި--ފޮޓޯ/އިންސްޓަގްރާމް

ސައުތު ސިނަމާގެ އެންމެ މަގުބޫލު ފިލްމީ ތަރިންގެތެރޭ ހިމެނޭ ބަތަލާ ކީރްތީ ސުރޭޝްގެ ހިތް އަދިވެސް އޮތީ ދިވެހިރާއްޖޭގެ ހިތްގައިމު މޫދާއި ހުދު ދޮންވެލި ތުނޑީގައި ކަމަށް ބަތަލާ ބުނެފިއެވެ.

ދާދިފަހުން ބަތަލާގެ ރަސްމީ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ކީރްތީ ވަނީ މިދިޔަ މަހުގެ ފަހުކޮޅު ފިރިމީހާ އެންތަނީ ތައްޓިލްއާ އެކު ރާއްޖެއަށް ކުރި ދަތުރުގެ ފޮޓޯތައް ފޭނުންނާ ހިއްސާކޮށްފައެވެ. މި ފޮޓޯތައް ހިއްސާކުރަމުން ކެޕްޝަންގައި ބަތަލާ ބުނެފައި ވަނީ 'މެންޓަލީ' އޭނާ އަދިވެސް ހުރީ ރާއްޖޭގައި ކަމަށެވެ.

ކީރްތީ އާއި ފިރިމީހާ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައީ ކޮން ދުވަހަކު ކަން ހާމަކޮށްފައި ނެތް ނަމަވެސް ދެ މީހުން ރާއްޖެއަށް އައީ ކައިވެނީގެ ހަފުލާތަކަށްފަހު ތައިލޭންޑުގައި ހަނީމޫންގެ ޚާއްސަ ދަތުރެއް ނިންމާލުމަށްފަހު ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ކީރްތީ ފިރިމީހާ އެންތަނީއާ އެކު ރާއްޖޭގައި--ފޮޓޯ/ހިންދުސްތާންޓައިމްސް

ނެޝަނަލް އެވޯޑު ހާސިލުކޮށްފައިވާ ބަތަލާ އާއި އެންތަނީގެ ކައިވެނި ކުރެވުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހެވެ. ތެލުގޫ އަދި ތަމަޅަ ފިލްމުތަކުން ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކީރްތީ ވަނީ ދާދިފަހުން ބޮލީވުޑަށް ވެސް ތައާރަފުވެފައެވެ.

ކީރްތީގެ ފުރަތަމަ ބޮލީވުޑް ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ބޭބީ ޖޯން"އެވެ. ކީރްތީއާ އެކު މި ފިލްމުގެ ލީޑް އެކްޓަރުގެ ގޮތުގައި ފެނުނީ ބޮލީވުޑް އެކްޓަރު ވަރުން ދަވަންއެވެ.

އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ރާއްޖެއަށް ޒިޔާރަތްކުރުން އިތުރުވަމުން އަންނައިރު މި އަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން މި އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔަކަށް ވެސް ވެފައި ވަނީ އިންޑިއާގެ ރައްޔިތެކެވެ.

މީގެއިތުރުން ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރާ ގްލޯބަލް އެމްބެސެޑަރަކަށް ހަމަޖައްސާފައި ވަނީ ބޮލީވުޑްގެ ކާމިޔާބު ބަތަލާ ކެޓްރީނާ ކައިފްއެވެ.

comment ކޮމެންޓް