ހަމަނުޖެހުން ބޮޑުވާ ކަމަށް ބުނެ، މެދުއިރުމަތީގައި ހުންނަ އެމެރިކާ އެމްބަސީތަކުން މީހުން މަދުކުރަނީ

އިރާގުގައި ހުންނަ އެމެރިކާ އެމްބަސީ. ފޮޓޯ/ރޮއިޓާސް

މެދުއިރުމަތި ނުރައްކާތެރި ކަމަށް ބުނެ، މެދުއިރުމަތީގެ ގައުމުތަކުގައި ހުންނަ އެމެރިކާގެ އެމްބަސީތަކުން މުވައްޒަފުން މަދުކުރަން އެ ގައުމުން ނިންމައިފިއެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑްއިން ނެރުނު ބަޔާނެއްގައި ބުނީ، މެދުއިރުމަތީގެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ އެމެރިކާގެ ސިފައިންގެ އާއިލާގެ މެންބަރުން އެނބުރި ގައުމަށް ދިޔުމަށް ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ހުއްދަ ދެއްވައިފައިވާ ކަމަށެވެ. އެގޮތުން ބަހުރެއިނާއި ކުވެއިތާއި ޔޫއޭއީން ވެސް މީހުންނަށް ދެވޭނެ ކަމަށް އެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން އިރާގުގެ ބަޣުދާދުގައި ހުންނަ އެމެރިކާގެ އެމްބަސީގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ކޮންމެހެން އެމްބަސީގައި ތިބެން ޖެހޭ މުވައްޒަފުން ފިޔަވައި އެންމެން އަނބުރާ ގައުމަށް ދިޔުމަށް ވެސް އެމެރިކާއިން ވަނީ އަންގައިފައެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ވަނީ އެ އަމުރު ނެރެފައި ވަނީ އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަމަށް ޓަކައި ކަމަށް ބުނެފައެވެ.

އެމެރިކާގެ ބައެއް އޮފިޝަލުންނާ ހަވާލާދީ ބީބީސީން ބުނީ، އެމެރިކާއިން އެ އަމުރު ނެރުނީ، އިސްރާއީލުން ވަރަށް އަވަހަށް އީރާނަށް ހަމަލާދޭން ތައްޔާރުވާ ކަމަށް ބެލެވިގެން ކަމަށެވެ.

އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް އޯގަނައިޒޭޝަނުންވެސް ވަނީ މެދުއިރުމަތީގައި އަސްކަރީ ހަމަނުޖެހުން އިތުރުވުމުންދާތީ، ދަތުރުފަތުރު ކުރުމަށް އަސަރު ކުރާނެ ކަމަށް ބުނެފައެވެ.

އެމެރިކާގެ 2،500 އެއްހާ ސިފައިން އިރާގުގައި ހަރަކާތްތެރިވާ ކަމަށް ޑިފެންސް ޑިޕާޓްމަންޓުން ބުނެއެވެ.

އިރާގުގައިތިބި އެމެރިކާ މީހުން މަދުކުރުމަށް ނިންމާފައި މިވަނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން އެމެރިކާއާއި އީރާނުން ކުރާ މަޝްވަރާތައް ހުއްޓިފައިވާ ދަނޑިވަޅެއްގައެވެ.

ބުދަ ދުވަހު ކެނެޑީ ސެންޓަރުގައި ހުންނަވައި އީރާނާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އެމެރިކާ މީހުންނަށް އެ ސަރަހައްދު ދޫކޮށް ދިއުމަށް ނަސޭހަތްތެރިވީ އެއީ ނުރައްކާތެރި ތަނަކަށް ވެދާނެތީ ކަމަށެވެ. ނަމަވެސް ހާލަތު ބަދަލުވަމުންދާ ގޮތް ބަލަމުންދާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އަދި އީރާނުން ނިއުކްލިއާ ހަތިޔާރެއް އުފެއްދުމަކީ އެމެރިކާއިން ފުރުސަތު ނުދޭނެ ކަމެއް ކަމަށް ވެސް ޓްރަމްޕް ތަކުރާރު ކުރެއްވިއެވެ.

ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވުމަށް އީރާނާއެކު އެއްބަސްވުމެއް ހެދޭނެ ކަމަށްވެސް ޓްރަމްޕް އުންމީދު ކުރައްވައެވެ.

ނަމަވެސް އީރާނުން ޔޫރޭނިއަމް މުއްސަނދިކުރުން ހުއްޓާލާނެ ކަމުގެ ޔަގީންކަން ކުޑަވަމުން އަންނަ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އީރާނުން ބުނާ ގޮތުގައި ޔޫރޭނިއަމް މުއްސަނދި ކުރުމުގެ ޕްރޮގްރާމަކީ މަދަނީ ހަކަތަ އުފެއްދުމަށް ހިންގާ ޕްރޮގްރާމެކެވެ. އަދި އެ ގައުމުން އެޓޮމިކް ބޮމެއް ހަދަން މަސައްކަތް ނުކުރާ ކަމަށެވެ.

މަޝްވަރާތައް ނާކާމިޔާބުވެ، އީރާނަށް ހަމަލާ ދިނުމަށް ޓްރަމްޕް އަމުރު ކުރައްވައިފިނަމަ، އެ ސަރަހައްދުގައި ހުރި އެމެރިކާގެ މަރުކަޒުތަކުން އެކަމުގެ ބަދަލު ހިފާނެ ކަމަށް އީރާނުގެ ދިފާއީ ވަޒީރު، އަޒީޒް ނާސިރުޒާދޭ ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް