ޢީދުގައި ދަރަވަންދުއަށް 1،000 އެއްހައި މީހުން؛ މިލިއަން ރުފިޔާގެ އަންދާޒާއެއް

ދަރަވަންދޫގައި ބޭއްވި ހަރަކާތެއްގެ ތެރެއިން: މި އަހަރަކީ ދަރަވަންދޫގެ ވިޒިޓް އިޔާ -- ފޮޓޯ/ ވިޒިޓް ދަރަވަންދޫ 2025

ރަށުގެ އިގުތިސާދު ރަނގަޅުކުރަން ކައުންސިލުން ކުރިއަށްގެންދާ "ވިޒިޓް ދަރަވަންދޫ އިޔާ 2025"ގެ ދަށުން ހަމައެކަނި ޢީދަށް ވެސް މިލިއަނުން އެ ރަށަށް އާމްދަނީ ވަންނާނެ ކަމަށް ދަރަވަންދޫ ކައުންސިލުން ބުނެފިއެވެ.

'ސަން'އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ސަމީހު ވިދާޅުވީ، ވިޒިޓް އިޔާ ފާހަގަކުރާއިރު މީގެ ކުރީން ދަރަވަންދުއަކީ އޮންނަ ތަނެއްކަން ވެސް މީހުންނަށް ނޭނގޭ ކަމަށެވެ.

ނަމަވެސް، މިއަދު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގެ މީހުންނަށް ވެސް ދަރަވަންދޫއޭ ބުނުމުން ވަރަށް ފަސޭހައިން އެނގިގޭކަން އޭނާ ވަނީ ފަހަގަކުރައްވާފައެވެ.

ދަރަވަންދުއަށް މީހުން ދާހިތްވާނެ އެތައް ސަބަބުތަކެއް މިހާރު އުފައްދަމުންދާ ކަމަށާއި ނަތީޖާއެއްގެ ގޮތުން އަހަރަކަށްވުރެ އަހަރެއް ރަށަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް ކައުންސިލްގެ ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

އެ ގޮތުން، މި އަހަރުގެ ޢީދަށް ވެސް 1،000 އެއްހައި މީހުން ޒިޔާރަތްކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ގާތްގަނޑަކަށް ހާހެއްހާ މީހުން މިފަހަރުގެ ޢީދު ބެލުމެލުމަށް، ޢީދު ކުޅިވަރުގައި ބައިވެރިވުމަށް މި ރަށަށް ޒިޔާރަތްކޮށްފައިވާ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ. ދެން މި އަންދާޒާގައި ގާތްގަނޑަކަށް މި ޢީދުގެ ތެރޭގައި ދެ މިލިއަނެއްހާ ރުފިޔާ ވެސް މި ރަށަށް ވަންނާނެ ކަމަށް އަޅުގަނޑުމެން އެބަ އަންދާޒާކުރަން، ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ސަމީހު

ސަމީހު ވިދާޅުވީ، ބޭނުންވަނީ މިފަދަ ކެމްޕެއިންތަކުގެ ސަބަބުން ރައްޔިތުންނަށް އެކަމުގެ ފައިދާ ލިބެން ކަމަށެވެ. ކައުންސިލުން ކުރާ މަސައްކަތަކީ ރައްޔިތުންގެ ޖީބަށް އެއްޗެއް ވަންނާނެ ގޮތް ހޯދައިދިނުންކަން ސަމީހު ވަނީ ފާހަގަކުރައްވާފައެވެ.

ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ސަމީހު -- ސަން ފޮޓޯ

އޭނާ ވިދާޅުވި ގޮތުގައި ފިހާރަތަކާއި ރެސްޓޯރެންޓުތަކާއި ގެސްޓްހައުސްތަކުގެ އިތުރުން އަމިއްލަ ފަރުދުންގެ ގޭގޭގައި ވެސް މެހެމާނުން ބައިއްތިއްބައިގެން ޚިދުމަތް ދިނުމުގެ ނަތީޖާއަކަށްވަނީ ރައްޔިތުންނަށް އާމްދަނީއެއް ލިބުމެވެ.

ކައުންސިލުން ޚަރަދުތަކެއް ކޮށްގެން ކުރާ މަސައްކަތުގެ ނަތީޖާއަކީ ހަމަ ރައްޔިތު މީހާގެ ޖީބަށް އެކަށީގެންވާ އާމްދަނީއެއް ލިބުން، ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ސަމީހު

ސަމީހު ވިދާޅުވީ، ދަރަވަންދުއަކީ އޮތް ތަނެއްކަން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންނަށް އަންގައިދިނުމަށް ކުރާ މަސައްތުގައި ވަރަށް ބޮޑު ކާމިޔާބަކަށް ވާސިލުވެވިއްޖެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

އޭނާ ވަނީ އެކަމަށް އެހީތެރިކަން ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް މުޅި ކައުންސިލްގެ ނަމުގައި ޝުކުރު ދަންނަވާފައެވެ. އަދި، އުންމީދުކުރަނީ ވިޒިޓްއިއާގެ މި އަހަރަކީ ކާމިޔާބު އަހަރަކަށްވާނެ ކަމަށް އަންދާޒާކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަގޭ ޢީދުގެ ނަމުގައި ދަރަވަންދޫގައި މި ފަހަރު ވަނީ ޢީދާ ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

comment ކޮމެންޓް