"ތިބާގެ މައިންބަފައިންގެ ފޮޓޯތަކާއި ވީޑިއޯތައް އަދި އަޑުވެސް ރިކޯޑްކުރާށެވެ. އެެމީހުންނާއެކު ހޭދަކުރާ ވަގުތުތައް ފޯނުގައި ރައްކާކުރާށެވެ. އެއީ އަގުހުރި ވަގުތުތަކެވެ. އަލުން އަނބުރާ ނުހޯދޭނެ ހަނދާންތަކެވެ. ކޮންމެވެސް ދުވަހަކުން އެކަމަށްޓަކާ އަމިއްލަ ނަފުސަށް ޝުކުރުވެރިވާނެކަން ޔަގީނެވެ."

***

އޭނަގެ ނަޒަރު މިރިއަމްއިން ސްކްރީނަށް ހުއްޓުނެވެ."ހަމަ ޗާންސް އެބައޮތް އިންޝާﷲ...އެކަމަކު ފޮލޯއަޕް ހަދަންވާނެ. ނިއުރޮލިޖިކަލް މައްސަލައަކަށްވެދާނެ. ސައިލެންޓް ސްޓްރޯކެއްވެސް....މެމޮރީ އިޝޫސްތަކާއި ގުޅުމެއްހުރެދާނެ..އިވެލުއޭޓްކުރަން ޖެހޭނީ..ބްލަޑްވޯކާއި އީއީޖީއާއި ސްކޭންތައްވެސް......"

"އަހަރެމެން މިއުޅެނީ ރާއްޖެތެރޭގައި. ސްކޭންތަކެއް ސްޕެޝަލިސްޓުންނެއްނެތް.."ސަޔާރާގެ އަޑު އިވުނެވެ.

"މިތަނުންވެސް ސިޓީއެއް ފޮނުވަދީފާނަން. ވީހާވެސް އަވަހަށް ޖަމީލާއްތަ މާލެ ގެންގޮސް ބޭނުންވާ ޓެސްޓްތައް ހައްދައިލަން ޖެހޭ. ގަޑިއެއްހާއިރު ތެރޭ ލެޓާ ފޮނުވާދޭނަން..."

"ޕަލްސް ކިހިނެއްތަ؟" ހަމްޒާ އެހިއެވެ. ހަމްޒާ ކިޔަމަންތެރިކަމާއެކު ވަގުތުން ގުދުވެ ޖަމީލާގެ އަތުކުރީގައި ހިފެހެއްޓިއެވެ.

"ވިންދު އެބަ ލިބޭ.. ވަރަށް އަވަސް....."ޒުބޭރު ހުރީ ހާސްވެފައެވެ.

"ރަގަޅު. އެހެންވެއްޖެއްޔާ އޯކޭ.. މާބޮޑަށް މޫވް ނުކޮށް ބާއްވާ...ރަގަޅަށް ވާނުވާ ބަލަންވާނެ. އެކަނިކޮށްނުލާތި........."

މިރިއަމް ގޮތްހުސްވެ ބަލަހައްޓައިން އިނީއެވެ. މަންމަ އެހާ ހިމޭންކަމާއެކު އޮށޯވެލައިގެން އޮތްގޮތުން އޭނަގެ ހިތުގެ ތެރޭގައި ބަޔާން ނުކުރެވޭފަދަ އޮއިވަރެއް ހިނގައިގަތެވެ. ހަމައެކަނި ހާސްކަމާއި ބިރެއްވެސް ނޫނެވެ. ޔަގީންވާކަމަކީ މިއީ ދުވަހަކު ހިތުން ފިލުވައިނުލެވޭނެ ވަގުތުކޮޅެއްކަމެވެ. އެ ކޯލު ކެނޑުމުން ހަމްޒާގެ ނަޒަރު ހިނދުކޮޅަކަށް އޭނައަށް ހުއްޓި ދެމިގެން ދިޔަހެން ހީވިއެވެ. ހަމްޒާއަށްވެސް އޭނަގެ މޫނުމަތިން އެއްވެސް އެއްޗެއް ދެނެގަނެވުނުހެން ހިޔެއްނުވެއެވެ.

"މިރިއަމް ތީ ހަމައެކަނި ދަރިފުޅު؟"އޭނަ ފޯނު އެނދުމަތީގައި ބޭއްވިއެވެ.

އޭނަ އެއްބަސްވެލުމުގެ ގޮތުން ބޮލުން އިޝާރާތްކުރިއެވެ.

"އެހެންވީމަ މަންމަގެ ހުރިހާކަމެއް ނިންމުމުގެ އިޚުތިޔާރު ލިބިގެންވާނެ ދޯ.."އޭނަ ބޭސްސިޓީއެއްގައި ކޮންމެވެސް އެއްޗެހިތަކެއް ލިޔުނެވެ." ޝީ ނީޑްސް އެ ނިއުއރޮލޮޖިސްޓް..ފަހަރެއްގައި ގެރިއޭޓްރިކް ސްޕެޝަލިސްޓެއްގެ އެހީ...ސަބަބަކީ ހަނދާންނެތުމުގެ މައްސަލަ އުޅޭތީ. އެ މައްސަލަވެސް ދުވަސްތަކެއް ވެދާނެކަމަށް އަހަންނަށް ލަފާކުރެވޭ..."

"އަހަރެން ހީކުރީ މަންމަގެ އުމުރުން ދުވަސްވާތީކަމަށް..."އޭނަ މަޑުމަޑުން ބުނެލިއެވެ. ކުށުގެ އިހުސާސްތަކުން އޭނަގެ ދޫ ތަޅުލެވުނެވެ. އަޑުވެސް ކެނޑޭގޮތްވެއެވެ. ނަމަވެސް ހަމްޒާގެ ކައިރީ ބަލިކަށިކަން ނުދައްކަން އޭނަ ކެތްކުރެވޭނެ އެންމެ މައްޗަށް ކެތްކުރިއެވެ. އޭނަގެ މަންމަގެ އަމަލު ހުންނަގޮތުން އަބަދު ދެކެމުން އައީ އެއީ މަންމަ ގަސްތުގައި ކުރާ ކަންތައްކަމުގައެވެ. ކިތަންމެ ފަހަރަކު އެކަމާއި ހިތްހަމަނުޖެހި އުދަގޫވެސް ބަސްބުނެވިފައިވެސް ވެދާނެއެވެ. ފިކުރުތަކުގެ އާލަމެއްގައި ތުންފަތުގައި ދަތް އެޅިފައި އިންދާ އޭނަގެ އަތަށް ހަމްޒާ އެލިޔުން ދިނެވެ. އަތުލިޔުން ހިތްގައިމުވެފައި ތަފާތެވެ. ސޮއިވެސް ނާދިރެވެ. ސްޓޭމްޕްވެސް ޖަހާލާފައި ހުއްޓެވެ.


"މިސިޓީ ރާއްޖޭގެ މި ހޮސްޕިޓަލަށް ފޮނުވާނީ މާލެއަށް މަންމަ ޓްރާންސްފާ ކުރީމަ. އަދި މިއަށްވުރެ ފޯމަލް ސިޓީއެއް މެއިލްވެސް ކޮށްލާނަން. އަންނަ ހަފްތާގައި ޖެރިއެޓްރިކް ސްޕެޝަލިސްޓެއްވެސް ކޭމްޕް ދަތުރުގައިދާނެ...."

އެ ވާހަކަތަކުން އޭނަގެ ހިތަށް ތަސައްލީއެއް ލިބި ހިތުގެ ހިނގުން ހަމަޔަކަށް އެޅެންފެށިއެވެ.އޭރުވެސް މުޅި ހަށިގަނޑު ފިންޏެވެ. ނަމަވެސް އުފާވީ އެކަމުގެ ހުންގާނުގައި އެހެން މީހަކު ހިފީމައެވެ. ހިނދުކޮޅަކަށް ނަމަވެސް އެންމެ ރަގަޅެވެ.

"އަހަރެން ގޮސްލާނަން. ޓޭކް ކެއަރ.."

ހަމްޒާ އެނދުމަތީގައި އޮތް ޕައުޗްނެގިއިރު އެ މޫނުމަތިން އެއްވެސް އަސަރެއް ފައުޅެއްނުވިއެވެ. ފަސްއަހަރު ކުރީގެ ހަދިޔާ އަނބުރާ ހައްގު ފަރާތުގެ އަތަށް އެރީއެވެ. އެކަމަކު ހަމްޒާ އެ ނެގިއިރު އޭނަގެ ހިތުގައި ލައްކިއެއް ޖެހިހެން ހީވިއެވެ. ވީއިރު އަދި ނުފެށެނީސް އެ ބާބަށް ނިމުމެއް އައީއެވެ. ހަމްޒާ ނުކުތުމުން އެކަމާއި ހިތަށް އަނިޔާ ވުމުގެ ބަދަލުގައި އޭނަގެ ސިކުނޑިއަށް ވެރިވެގަތީ މަންމަގެ ހަނދާންތަކެވެ.

***

ހަނާން ކުޑަދޮރު ކައިރީގައި ހުރިއިރު އަތުކުރީގައި އޮތް ގަޑިއަށް ދޭތެރެއަކުން ބަލައިލެވުނެވެ. ސައިތަބައް ހުރީ ތައްޔާރަށެވެ. ގޭތެރެ ސާފުކަމާއެކު އޮފްއަރައެވެ. ހުރިހާ ތަނެއް އެހާ ތަރުތީބެވެ. ގޭތެރޭގައި ދުވަނީ ތާޒާ މާތަކުގެ މީރުވަހެވެ. އޭނަ ލައިގެންހުރި ބިލަމަގުކުލައިގެ ހެދުމާއެކު ކަންފަތުގައި ވިދާ ޖަވާހިރުގެ ބެބުޅުންވެސް ލޯތައް އާޝޯޚުކުރުވާނެއެވެ. އިސްތަށިގަނޑުވެސް ޝޭމްޕޫ އިޝްތިހާރަކަށް ދޫނުކުރާނެއެވެ. އޭނަ ބޭނުންވަނީ އެ އަންހެންކުއްޖާ ދެކެލުމަށެވެ. ހަމްޒާގެ ހަޔާތަށް އައިކަން އޭނައަށް އެނގުނު ފުރަތަަމަ އަންހެންކުއްޖާއެވެ.

އިންތިޒާރުކޮށްކޮށް ކުރިކަނޑާލަން ހުއްޓާ ސައި ހިހޫވިއެވެ. އުޑުމަތި އަނދިރިވާންފެށިއެވެ. އެއްވެސް މީހަކު ގޭގެ ދޮރުގައި ބެލްޖެހި އަޑު ނީވި ވަގުތު ދިގުދެމިގެންދަނީއެވެ. އެކަމާއި ހުރެ ރުޅިގަދަވެ ސިކުނޑިއަށް ނުތަނަސްވަސްކަން ވެރިވީއިރު އެހެން ޚިޔާލެއް އުދަގޫކުރަން ފެށިއެވެ. އަނެއްކާ ހަމްޒާއާއި އެ އަންހެންކުއްޖާ އެހެން ތަނަކުން ބައްދަލުކުރީހެއްޔެވެ؟

***

މިރިއަމްގެ އަތުގައިވާ ކެނިއުލާ ނެއްޓުމުން އެނދުގައި އިށީދެލައިގެން އިނީ ދޫކޮށްލިކަމުގެ ލިޔުން ހަވާލުކުރަންދެންނެވެ. އެހެން އަންހެނަކު ފުރޮޅުލީ ގޮނޑިއެއްގައި ގެނެވުނުތަން ފެނިގެން އޭނަގެ ސަމާލުކަން އެދިމާލަށް ހުއްޓުނެވެ. އެއީ އުމުރުން ދުވަސްވީ އަންހެނެކެވެ.ކުލަގަދަ ސްކާފެއް އަޅާފައިވާއިރު ކޯތާފަތް ވަޅުވަދެފައިވީ ނަމަވެސް ލޮލުގެ ވިދުން ގަދައެވެ. އަތުގައި ހިފަހައްޓާލައިގެން އައީ އެ މީހާގެ އަންހެންދަރިފުކަމާއިމެދު ޝައްކެއްނެތެވެ. ދެމައިންގެ ވައްތަރުގޮތެއް ހުއްޓެވެ.

"ކުދިން އެކަނިކޮށްލާފައި ނައިނަމަ...." މުސްކުޅި އަންހެންމީހާ ވާހަކަދެއްކީ އިނގިރޭސިބަހުންނެވެ.

"އަހަރެން ނައިނަމަ މިތަނުން އެހެން ފިރިޔަކު މިތާ ޑޮކްޓަރުންގެ ތެރެއިން ހޯދަން މަންމަ އުޅޭނެކަން ޔަގީން. އެކަން ހުއްޓުވާނެ މީހެއްވެސް މަ ނޫނީ ނެތް.."ދަރިފުޅުގެ ރާގުގައިވީ ސަކަގޮތެކެވެ. މަންމަގެ ހުނުމުގެ އަޑު އެތަނުގައި ގުގުމައިލިއެވެ.

"ކޮންމެވެސް ވާހަކައެއް ހަދައިގެން ދައްކާނެ...މަންމަ ކަންބޮޑުވަނީ މާމަ ދަރިންނާއި މެދު......."

"މަންމަ އެކަމާ ފިކުރުނުކޮށްބަލަ....ފާތިމާ އެހުރިހާކަމެއް ބަލަހައްޓާނެ. ކެއްކުން ފިޔަވާ އެކުއްޖާ ގޭތެރޭގެ ހުރިހާކަމެއް ބަލަން ކީއްކުރަން ދަރިން ބަލަހައްޓަންވެސް އެވަރެއްނެތް. މުސާރަ އިތުރުކުރަންވެސް އެބަ ވިސްނަން........."

މިރިއަމް ފޯނު ޗެކްކުރާކަމަށް ހެދުނެވެ. ނަމަވެސް އޭނަގެ ސަމާލުކަންވަނީ އެދެމައިންގެ ހަރަކާތްތަކަށް ހުއްޓިފައެވެ. ލޮލުގެ ކޮޅުން ބަލައިލެވުނުއިރު ދަރިފުޅު ކުޑަ ފޮށްޓެއް ހުޅުވާލާފައި ނެގި މެންޑެރިންއެއްގެ ތޮށިގަނޑު ނޮޅާލާފައި މަންމަގެ އަނގައިގާ އެކަތިކޮޅު ލައްވާދެނީއެވެ. ހާދަ ހެވެވެ. ދެމައިން ދައްކަމުން ދިޔައީ ތަފާތު ކުދި ވާހަކަތަކެވެ. މަގުމަތީގެ ޓްރެފިކާއި، އަވަށްޓެރިއެއްގެ ގުރާ، އަދި ޑޮކްޓަރެއްގެ ޓައީ އަޅާފައި ހުރިގޮތެވެ. އޭނަގެ ހިތަށް ކަށި ހަރަންފެށީ އެ ލަފުޒުތަކުންނެއްނޫނެވެ. އެދެމައިންގެ ދޭތެރޭގައި އޮތް ގާތްކަމާއި ހަމަޖެހޭވަރުންނެވެ. އެއްވެސް ދުރުކަމެއް ނުވެއެވެ. އެންމެ ގާތް އެކުވެރިންފަދައެވެ. އެކީގައި އުޅޭ މަންމައާއި ދަރިފުޅުގެ އާއްމުކޮށް އެހުންނަ ދެކެފަރިތަ ކުލުނެއްނޫނެވެ. ދެމައިން އެކަކު އަނެކަކާއެކު ވަގުތު ހޭދަކޮށް ލޯބިވާވަރު އަމަލުން ދޭހަވިއެވެ. ޚާދިމާއަކާއި ދަރިން ހަވާލުކޮށްފައި މަންމަގެ ޚިދުމަތުގައެވެ.

އޭނައަށް އެސްފިޔަ ޖަހައިލެވުނީ އަތުތެރެ ބެދޭގޮތްވުމުންނެވެ.

އޭނައާއި މަންމަ އެކީގައި އެގޮތަށް ހީ އުޅުނު ހަނދާނެއް އޭނަ ނުވެއެވެ. ވަކި ޚިޔާލެއްނެތި އެކި އެއްޗެހި ބަލަމުން ދަނިކޮށް ލޮލުގައި އަޅައިގަތީ ލިޔުންކޮޅެކެވެ. ފަހަތުން ފެންނަނީ ދުވަސްވީ އަންހެނަކާއި ތަންކޮޅެއް ޒުވާން އަންހެންކުއްޖެކެވެ." ތިބާގެ މަންމައަކީވެސް ހަމަ ތިބާފަދައިން ފުރަތަމަ ފަހަރަށް މި ހަޔާތް ވޭތުކުރަމުންދާ އަންހެންކުއްޖެކެވެ."

ބައެއްފަހަރު އޭނަގެ މަންމަވެސް ނޫހަކުން ފެންނަ މަޖާވާހަކައަކަށް ހޭންފަށާގޮތަށް ހުއްޓަންވެސް އުދަގޫވާނެއެވެ. އޭނައަށް އެ ޖޯކު މޮޔައެއްޗަކަށްވެ ލޮލުތެރޭގައި ކަޅި ހިންގައިލެވޭނެއެވެ. އަދި އޭނަ އެންމެ ބޮލަށް އުދަގޫވަނީ އޭނަގެ މަންމަ "ކޫލް" ކަމުގައި އޭނަ ނުދެކޭތީއެވެ. އޭނަގެ މަންމައާއިމެދު ދެކެވުނީ މުސްކުޅި ޚިޔާލުތަކެއްގެ ފޫހި މިޒާޖެއްގެ މީހެއްކަމުގައެވެ. އޭނަގެ މަންމަވެސް ހަމްޒާގެ މަންމަފަދަ މީހަކަށް ވިނަމައޭ ހިތަށް އެރި ދުވަހެއްވެސް އައެވެ. އެވެސް ހަމްޒާގެ މަންމައާއި ބައްދަލުވެ އޭނަގެ ބޮޑާކަން އެނގުނު ހިސާބަށެވެ.

މިރިއަމް ވިސްނައިލިއެވެ. މަންމަގެ ޒާތުގައި މަންމައަށް އެނގޭފަދަ ގޮތަކަށް އުފާކުރީ ނޫންހެއްޔެވެ؟ އާދައިގެ ކަންތައްތަކުން މަންމަގެ ހިތަށް އުފާވެރިކަން އިހުސާސްވީހެއްޔެވެ؟ ފަހަރެއްގައި ވަކި އުމުރަކަށް ދިޔުމުން އަނެއްކާ ކުޑަކުއްޖެއްފަދައިން ވިސްނުން ހުރެދާނެއެވެ. ހިތަށް އުދަގޫވިވަރުން އޭނައަށް ލޯ މަރައިލެވުނެވެ. މަންމަގެ އުފާތަކުގައި އޭނައަށް ހިއްސާނުވެވުނީ ކީއްވެހެއްޔެވެ؟ ކަޅި އަނބުރާލާފައި މަންމަގެ އެ އުފާތަކަކީ މޮޔަކަމެއްކަމުގައި ދެކެވުނީ ކީއްވެހެއްޔެވެ؟

އޭނަ ރޯކަށް ބޭނުމެއްނޫނެވެ. ނަމަވެސް ލޯ ކަރަންފެށީ ހޮސްޕިޓަލުގެ ގަދަ އައްޔަށް ކެތްނުވެގެނެއް ނޫނެވެ.

***

މިރިއަމް ހޮސްޕިޓަލުން ނުކުތީ ހަމްޒާއާއި އަލުން ދިމާވެދާނެކަމަކަށް އެއްގޮތަކަށްވެސް ހިތަށް ނާރައެވެ. އެކަމަކު ސިއްސައިގެން ދިޔައީ ހޮސްޕިޓަލް ގޭޓުކައިރީގައި ފޯނުގައި އެއްޗެއް ޓައިޕްކުރަން ހުރިތަން ފެނިފައެވެ. އަނބުރާލާފައި އެތެރެއަށް ވަންނަން ޚިޔާލުކޮށްފައިވެސް ފިޔަވަޅު އެޅުނީ ކުރިއަށެވެ. ހިތް އަވަސްވެ ފިނިވާންފެށިއެވެ.

ހަމްޒާ ފެނުނުކަމަށް ނަހަދާ ދާން އޭނަގެ ޟަމީރު އެންގިއެވެ. އެކަމަކު އެހާވަރުން ދިގު އިންތިޒާރެއް ކުރުމަށްފަހު އެއީ ބޭކާރު އެއްޗަކަށްވުމުން އަޅާނުލާ ހަމަ ދާންވީހެއްޔެވެ؟ ފަސްއަހަރު ކުރިން އޭނަ ގާތު ހަމްޒާ ދެއްކި ވާހަކަ ހަނދާން ހުރިހެނެއްވެސް ހިޔެއްނުވެއެވެ. ހަމްޒާއާއި އަރާހަމަވީއިރު އޭނައަށް އެކުއްޖާއައިކަން އެނގުނަސް އިސްއުފުލާބަލާ ނުލައެވެ.

"ހަމްޒާ......."

ހަމްޒާ އެނބުރި ބަލައިލިއެވެ. އެމޫނަށް ކޮކާ އައްޔާއެކު މަޑު ހިޔަނިތައް އެޅިފައިވިއެވެ. ހަމްޒާގެ ކޮނޑާއި ހަމަޔަށް ފޯރާތީއާއެކު އަމިއްލަ ކުޑަކަން އިހުސާސްވިއެވެ.

"ޔެސް؟" ނަސީބަކުން ހަމްޒާ އަނެއްކާވެސް ނަޒަރު ހުއްޓައިލީ ފޯނަށެވެ. އޭނައަށް އަނގައިން ބުނަން ފަސޭހަވާނީ އެހެންކަން ދެނެގަތީ ނޫންކަމެއްވެސް ނޭގެއެވެ.

"އަހަރެން....." އޭނަ ޖެހިލުންވިއެވެ. އޭނަ އިސްވެ ވާހަކަދައްކަން ފެށީވެސް ކީކޭ ހިތަށް އަރައިގެން ހެއްޔެވެ؟ ޑޮކްޓަރެއްގެ ހައިސިއްޔަތުން އެހީތެރިވީކަމަށްޓަކާ ޝުކުރުވެރިވާންވީ ހެއްޔެވެ؟ ނޫނީ އެނބުރި ނައީ ކީއްވެހެއްޔޭ އަހަންވީހެއްޔެވެ؟ އެކަމަކު ކުއްލިއަކަށް ދުލަށް އައީ މުޅިން އެހެން ލަފުޒުތަކެކެވެ.

"އަހަރެން ނުދެނެހުރިކަން ކައިވެނި ކުރިކަން..."

އޭނަ ކުޑަކޮށް ބޯ ޖަހައިލިއެވެ."ދުވަސްތަކެއް ވެއްޖެ.........."

"އޯ......"ހަމްޒާގެ ދުލުން އިގުރާރުވުމުން ހިތަށް ބާރުވެލިގޮތުން ހިތް ހުއްޓިދާނެކަމުގައިވެސް ހީކުރެވުނެވެ.

"މިރިއަމްވެސް ކޮށްފީމެއްނު..........."

ހަމަ އާދައިގެ ގޮތަކަށް ބުނެލެވުނު ޖުމްލައެވެ. ހަމްޒާއަށް އެއްވެސް މުހިއްމުކަމެއްހެނެއް ހިޔެއްނުވެއެވެ. އެކަމަކު މޫނުމަތީގައި ތަފާލެއްޖެހުމެކޭ ޔަފާތެއްނެތެވެ. އޭނައަށް ހަމްޒާގެ ނަޒަރުން އެއްޗެއް ދޭހަވިއެވެ. ހަމްޒާ ޔަގީންކުރަނީ އޭނަވެސް ކައިވެނިކުރިކަމުގައެވެ. ނޫނީ އެހެން ހީކުރީއެވެ. އެލޮލުގައިވީ އަސަރުތައް އެހިނދުކޮޅު ދެނެގަންނަން އުދަގޫވިއެވެ. އެއާއެކު އޭނަ ބޭނުންވީ ހަގީގަތް ކިޔައިދިނުމަށެވެ.

"އަހަރެން އިންތިޒާރުކުރިން. ދުވަހަކު ނުފޮނުވުނަސް ކޮންމެ ދުވަހަކުހެން ސިޓީ ލިޔުނިން. ކޮންމެރެއަކު ދުޢާކުރިން. ވާރޭވެހޭ ކޮންމެއިރެއްގައި އަދި ރޯދަ ވީއްލާވަގުތުގައާއި ހައްޖުފަދަ ދުވަސްތަކުގައި...ސަބަބަކީ އެއީ އެންމެ އަވަހަށް ދުޢާ އިޖާބަކުރައްވާ ވަގުތަށްވާތީ. އަދި ނަދުރު ބުނެގެން މައްސަރެއްވާންދެން ރޯދަ ހިފިން..ބަދަރަށް އަންނަ ބޯޓުތަކަށް ބަލަނީ ހަމަ އެނބުރި އަންނާނެކަމަށް ހީކުރެވޭތީ....."

އެކަމަކުވެސް އޭނަގެ ހިތުގެ ތެރޭގައި އެހެން އޮއިވަރެއް ހިނގައިގަތެވެ. ފަޚުރެވެ. އެހާ އުދަގޫކޮށް ޝަކުވާކުރުމުގެ މާނައެއްވެސް ނެތެވެ. އެހެންނޫނަސް ދެމީހުން އެއްވަރުވާންޖެހޭނެއެވެ. އޭނަގެ އިހުސާސްތަކާއިމެދު އެއްވެސް ވަރަކަށް ވިސްނައިލުމެއްނެތި ހަމްޒާވެސް ކައިވެނިކުރީއެވެ. އެފަދަ މީހަކަށްޓަކާ އޭނަ އެހާ ދިގު އިންތިޒާރެއް ކުރިކަމަށް އިގުރާރުވާންވީ ކީއްކުރަންހެއްޔެވެ؟

"ޔެސް...މެރީކޮށްފިން..."އޭނަ އަވަސްއަވަހަށް ބުނެލިއެވެ. ކިރިޔާ ހަމްޒާގެ ކަންފަތަށް އިވޭހާ މަޑުންނެވެ. އެކަމަކު އެވަރުން ފުދެއެވެ. ހަމްޒާގެ މޫނުމަތީގެ ޝުއޫރަކަށް އެއްވެސް ބަދަލެއްނައީ އޭނަ އެހާވަރަށް ޔަގީންކަން އޮތީމަކަމަށް ވެދާނެއެވެ.

"އަހަރެން ވަރަށް ގިނަ ޔުނިވާސިޓީތަކަށް އެޕްލައި ކުރިން. ސްކޮލާޝިޕް ލިބުނީ މިތަނުން. ޖެރިއޭޓްރިކް ނާސިން...އެހެން ތަނަކުން ނުލިބުނުކަން ވަރަށް ދެރަ......"ފަހު ލަފުޒަކީ ހަގީގަތެއްނޫނެވެ. ހަމްޒާ ސުވާލުނުކުރަނީސް އޭނަ އިޖިފްޓަށް އައި ސަބަބު ސާބިތުކޮށްދޭން ބޭނުންވިއެވެ. ނޫނީ ހަމްޒާ ހީކުރާނީ އޭނަގެ ފަހަތުން އައީކަމުގައެވެ. އެހެނެއްނޫނެވެ. މިއީ އިއްތިފާގެކެވެ.

"އައި ސީ.....ރަގަޅު ޗޮއިސްއެއް ހަމަ..."ހަމްޒާ ދުރަށް ބަލަންފެށިއެވެ. ހިނިތުންވުމެއް އުފާވެރިކަމެއް އަދި ގާތްކަމެއްވެސް ނެތެވެ."އޫބާއަށް ގުޅައިފިން.ޑްރައިވަރަކީ ވަރަށް ތެދުވެރި މާތްމީހެއް...މިރިއަމް ބޭނުން ތަނަކަށް ގެންގޮސްދޭނެ. "

ހަމްޒާ އިޝާރާތްކުރީ ކާރާއި ދިމާލަށެވެ. އެކާރުގައި އިނީ ހުދު އިސްތަށިގަނޑެއްގެ ވެރިއެކެވެ. ހިތްހެޔޮ ކާފައެއްފަދައެވެ. ހަމްޒާ މިހެން އެހީތެރިވެ ހެޔޮވާންވީ ކިއްވެހެއްޔެވެ؟ އޭނަ އެގޮތް ބޭނުމެއްނޫނެވެ. އޭރުން ހުރިހާކަމެއް އިތުރަށް ގޯސްވާނީއެވެ. އޭނަ ކާރަށް އަރާފައި ދޮރު ލައްޕައިލީ އެނބުރި ބަލައިލުމެއް ވަދާއުގެ ލަފުޒެއް ބުނުމެއްނެތިއެވެ. ހަމްޒާއާއި ދިމާލަށް ހަޅޭއްލަވަން ލިބުނު ފުރުސަތު ނަގައިލެވުނީތީ އަމިއްލަ ނަފުސް ކުށްވެރިކުރެވުނެވެ. އޭނަ ހާދަ ފިނޑިއެވެ. އޭނައަށް އިހުސާސް ކުރެވުނުގޮތް އެ ފިރިހެނާއަށް އެނގެން ޖެހޭނެއެވެ. އޭނައަށް އިހުސާސްވީ އިންތިހާއަށް ބޭވަފާތެރިކަމެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު