ކޫންޔާ ޔުނައިޓެޑަށް ސޮއިކޮށްފި

އިންގްލިޝް ޕްރިމިއާ ލީގުގެ ވުލްވަހެމްޕްޓަން ވޮންޑަރާސް އަށް ކުޅެމުންދިޔަ ބްރެޒިލްގެ ބައިނަލްއަޤްވާމީ ކުޅުންތެރިޔާ މެތިއުސް ކޫންޔާ މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކޮށްފިއެވެ.

ޔުނައިޓެޑުން އެ ޓީމަށް ކޫންޔާ ގެންގޮސްފައިވަނީ އޭނާ ވުލްވްސް އާއެކު ހަދާފައިވާ އެއްބަސްވުމުގައިވާ ރިލީސް ކްލައުސް އެކްޓިވޭޓް ކޮށްގެންނެވެ. އެެހެންކަމުން މި ވިޔަފާރިއަށް ޔުނައިޓެޑުންވަނީ 62.5 މިލިއަން ޕައުންޑް ހޭދަކޮށްފައެވެ.

ކޫންޔާ ޔުނައިޓެޑައި ގުޅިފައި މިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި އިތުރު އެއް އަހަރަށް މި އެއްބަސްވުން އިތުރު ކުރުމުގެ ފުރުސަތު ޔުނައިޓެޑަށް ހުޅުވާލައިފާވެއެވެ.

ކޫންޔާ، ބްރެޒިލް ޤައުމީ ޓީމަށް ކުޅެން ދިއުމުގެ ކުރިން މި އެއްބަސްވުމާ ބެހޭ ހުރިހާ ކަމެއް ނިންމާފައިވީ ނަމަވެސް މިކަން ފުރިހަމަ ވެގެންމިދިޔައީ ބްރެޒިލްގެ ޑިއުޓީ ނިންމާލުމަށްފަހު އެނބުރި އައިސް މެޑިކަލް އާއި ވީސާގެ ކަންތައްތައް ފުރިހަމަ ކުރުމާއެކުއެވެ.

ޔުނައިޓެޑަށް ސޮއި ކުރުމަށްފަހު ކޫންޔާ ބުނީ އޭނާގެ އިހްސާސްތައް ދުލުން ބަޔާން ކުރަން އުނދަގޫ ކަމަށެވެ. ކޫންޔާ ބުނީ ކުޑައިރު ބްރެޒިލްގައި އޭނާގެ މާމަ ގޭގައި ޓީވީ ބަލާއިރު ވެސް އޭނާއަށް އިންގްލަންޑްގެ އެންމެ މަޤްބޫލް ޓީމަކީ ޔުނައިޓެޑް ކަމަށެވެ.

އަދި ޔުނައިޓެޑްގެ ރަތް ޖާޒީ ކޮންމެ ވެސް ދުވަހަކުން ލުމަށް އޭރު ވެސް ހުވަފެން ދުށް ކަމަށް ކޫންޔާ ފާހަގަކުރިއެވެ. އަދި މިކަން ހަގީގަތަކަށް ހެދުމަށް އޭނާއަށް މި ހުރިހާ ދުވަހު އެހީތެރިވެ ދިން އާއިލާގެ އެންމެންނާއި އެހެން އެހެން އެންމެންނަށް ޝުކުރު އަދާކުރާ ކަމަށް ބުންޏެވެ.

ދެހާސް ތޭވީސްވަނަ އަހަރު އެޓްލެޓިކޯ މެޑްރިޑުން ވުލްވްސްއަށް ބަދަލުވި ކޫންޔާ، މިހާތަނަށް އެ ޓީމަށް ކުޅުނު 76 މެޗުގައި 31 ލަނޑު ކާމިޔާބު ކޮށްފައިވެއެވެ.

ޔުނައިޓެޑްގެ ޑިރެކްޓާ އޮފް ފުޓްބޯލް ޙެސަން ވިލްކޮކްސް ބުނީ މި އަންނަ ސީޒަނަށް އެ ޓީމަށް ގެނައުމަށް އެންމެ ބޮޑަށް ބޭނުންވި އެއް ކުޅުންތެރިޔަކީ ކޫންޔާ ކަމަށާއި އެހެން ކަމުން އޭނާ ޔުނައިޓެޑަށް ގެނެވުމުން އުފާކުރާ ކަމަށެވެ.

ގިނަ ބަޔަކު ގަބޫލް ކުރާގޮތުގައި ކޫންޔާ ޕްރިމިއާ ލީގަށް އައި ފުރަތަމަ ސީޒަންގައި ލީގަށް ހޭނެން ވަގުތު ނެގި ނަމަވެސް މިހާރު އޭނާއަކީ މި ލީގަށް ވަރަށް ފަރިތަ އަދި ކުޅޭ ކޮންމެ ޓީމަކަށް ވެސް އޭނާގެ ފަރާތުން ފައިދާ ކުރާނެ ވަރުގެ މޮޅު ކުޅުންތެރިއެކެވެ. އެހެން ކަމުން ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމްގެ ޓީމަށް ކޫންޔާ ވަރަށް ރަނގަޅަށް ފެތޭނެ ކަމަށް އެ ފަރާތްތަކުން ފާހަގަ ކުރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު