ވެއްޓުނު ބޯޓުން ސަލާމަތްވީ މީހަކު ފެނިއްޖެ

އިންޑިއާގެ ގުޖުރާތުގެ އަހުމަދުއާބާދުން ފުރައިގެން ލަންޑަނަށް ދަތުރުކުރި އެއާ އިންޑިއާގެ ބޯޓު ވެއްޓުމުގެ ހާދިސާގައި އެކަކު ސަލާމަތްވެފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.

އަހުމަދުއާބާދު ޕޮލިސް ކޮމިޝަނަރު ޖީއެސް މާލިކާ ހަވާލާދީ ނޫސްތަކުން ބުނީ އެ ހާދިސާއިން އެކަކު ސަލާމަތްވެފައިވާ ކަމަށާއި އޭނާ އިނީ ބޯޓުގެ 11އޭ ސީޓުގައި ކަމަށެވެ. އަދި އޭނާއަށް މިހާރު ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް ވެސް މާލިކް ވިދާޅުވިއެވެ.

މީގެ ކުރިން ކަމާބެހޭ ފަރާތްތަކުން ހިއްސާކުރި ފްލައިޓް މެނިފެސްޓުގައި ސީޓް 11އޭގައި އިން ފަސިންޖަރަކީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ވިޝްވާޝް ކުމާރު ރަމޭޝްއެވެ.

އިންޑިއާގެ ބައެއް މީޑިއާތަކުން ބުނާ ގޮތުގައި އެ މީހުން ވަނީ ވިޝްވާޝްއާ ވާހަކަ ދައްކާފައެވެ. އޭނާ ވަނީ ބޯޑިން ޕާހާއި އޭނާގެ ނަމާއި އަދި ސީޓު ނަންބަރު ވެސް ހިއްސާކޮށްފައިކަމަށް މީޑިއާތަކުން ބުނެއެވެ.

ވިޝްވާޝްއާ ހަވާލާދީ މީޑިއާތަކުން ބުނީ ބޯޓު ނައްޓާލިތާ ތިރީހަކަށް ސިކުންތު ފަހުން ވަރަށް ބާރު އަޑެއް އިވުނު ކަމަށާއި އޭގެފަހުން ބޯޓު ވެއްޓުނީ ކަމަށެވެ. އަދި އެ ކަންތައްތައް ހިނގީ ވަރަށް އަވަހަށް ކަމަށް ވެސް އޭނާ ބުންޏެވެ.

ބޯޓުގައި ފަސިންޖަރުންނާއި ފަޅުވެރިން ހިމެނޭ ގޮތަށް 242 މީހުން ތިއްބެވެ. އޭގެ ތެރޭގައި އިންޑިއާގެ 169 ރައްޔިތަކާއި، އިނގިރޭސިވިލާތުގެ 53 ރައްޔިތަކާއި، ކެނެޑާގެ މީހަކާއި، ޕޯޗުގަލްގެ ހަތް މީހުން ހިމެނޭކަމަށް އެއާ އިންޑިއާއިން ބުނެއެވެ.

ހާދިސާ ތަހުގީގު ކުރުމަށް އެމެރިކާގެ އިންވެސްޓިގޭޓަރުން އިންޑިއާއަށް ދަތުރުކުރަމުން އަންނަ ކަމަށް ކަމަށް ވެސް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ވެއްޓުނު ބޯޓަކީ އެމެރިކާގައި އުފައްދާފައިވާ ބޮއިންގް 787-8 ޑްރީމްލައިނާއެކެވެ.

comment ކޮމެންޓް