ދުނިޔޭގެ އެންމެ މަޝްހޫރު އަދި ކާމިޔާބު އެއް ޓީމު ކަމަށްވާ ރެއާލް މެޑްރީޑަށް ކުޅެން ފަށަން ކެތްމަދުވެފައި ހުރި ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް އެ ޓީމުގެ ސަޕޯޓަރުންނަށް ދައްކާލައިފިއެވެ.
އުމުރުން 26 އަހަރުގެ އެލެގްޒެންޑާ އާނޯލްޑް ވަނީ މިދިޔަ ސީޒަނަށް ފަހު ރެއާލާށް ބަދަލުވާކަން ހާމަކޮށްފައެވެ. އެލެގްޒެންޑާ އާނޯލްޑް ރެއާލާ ގުޅިފައިވަނީ ފްރީ ޓްރާންސްފާއެއްގެ ދަށުންނެވެ.
އޭނާ އާންމުކޮށް ރެއާލްގެ ސަޕޯޓަރުންނަށް ދައްކާލުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ސަންތިއާގޯ ބާނެބޭއުގައެވެ.
މި ރަސްމިއްޔާތުގައި އެލެގްޒެންޑާ އާނޯލްޑަށް ރެއާލްގައި އޭނާ ބޭނުން ކުރާނެ 12 ނަންބަރު ޖާޒީ ހަވާލުކޮށްދިނީ އެ ކްލަބްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒެވެ. މި ރަސްމިއްޔާތުގައި ރެއާލްގެ ކުރީގެ ތަރިން ކަމަށްވާ ރޮބާޓޯ ކާލޯސް ފަދަ ފާހަގަކޮށްލޭވޭ ކުޅުންތެރިން ބައިވެރިވިއެވެ.
އެކަމަކު، އެންމެންނަށް އެންމެ ބޮޑު ހައިރާން ކަމެއް ލިބުނީ އާނޯލްޑް ހަފްލާގެ ބައިވެރިންނާ ސްޕެނިޝް ބަހުން ވަރަށް ފަރިތަކަމާ އެކު ވާހަކަދެއްކުމުންނެވެ. އޭނާ ސްޕެނިޝް ބަހުން ވާހަކަދައްކަން ފެށުމާ އެކު ފްލޮރެންޓީނޯ ޕެެރޭޒްގެ މޫނުމަތިން ވެސް ހައިރާންވިކަން އެނގުނެވެ.
އާނޯލްޑްވަނީ ރެއާލަށް ކުޅުމަށް ދިން ފުރުސަތަށްޓަކައި ރައީސް ޕެރޭޒާއި ރެއާލަށް ޝުކުރު އަދާކޮށްފައެވެ.
އޭނާ ބުނި ގޮތުގައި ރެއާލް ކަހަލަ ޓީމަކަށް ސޮއިކުރުމަކީ ކޮންމެ ދުވަހަކު ކުރެވޭ ކަހަލަ ކަމެއް ނޫނެވެ. ރެއާލާ ގުޅެވުމުން ވަރަށް އުފާވެ، ފަހުރުވެރިވެފައިވާ ކަމަށް ބުންޏެވެ. އާނޯލްޑް ރެއާލާ ގުޅުމުން މިހާރު ވެސް ބައެއް ކަހަލަ ބަދަލުތައް އަންނަނީ ފެންނަމުންނެވެ.
އޭނާ އެންމެ ފުރަތަމަ ލިވަޕޫލަށް ކުޅެން ފެށިއްސުރެ ބޭނުން ކުރަމުންދިޔަ 66 ނަންބަރުގެ ބަދަލުގައި މި ފަހަރު ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ 12 ނަންބަރެވެ. ޖާޒީގެ ފަހަތުގައި ޖަހާފައިވާ ނަން ވެސް ވަނީ އެލެގްޒެންޑާ އާނޯލްޑްގެ ބަދަލުގައި ޓްރެންޓަށް ބަދަލުކޮށްފައެވެ.
އާނޯލްޑް ރެއާލާ ގުޅުފައިވަނީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާގެ އެއްބަސްވުމުގައި އެއް ބިލިއަން ޔޫރޯގެ ރިލީސް ކްލައުސްއެއް ވެސް ވަނީ ހިމަނާފައެވެ.
އުމުރުން ހަ އަހަރުން ފެށިގެން ލިވަޕޫލަށް ކުޅުނު އެލެގްޒެންޑާ އާނޯލްޑް ލިވަޕޫލްގެ ސީނިއާ ޓީމަށް އެންމެ ފުރަތަމަ ކުޅެފައިވަނީ 2016 ވަނަ އަހަރެވެ. ލިވަޕޫލަށް އޭނާ ވަނީ 354 މެޗު ކުޅެދީ 23 ލަނޑު ކާމިޔާބުކޮށް 86 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.
ރަސްމިއްޔާތަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެލެގްޒެންޑާ އާނޯލްޑް ބުނީ، އޭނާ ސްޕެނިޝް ބަސް ދަސް ކުރާތާ މިހާރު ދުވަސްކޮޅެއް ވެއްޖެ ކަމަށާއި އަދި މި ބަސް ދަސްކުރަން އޭނާ ކޮށްފައިވާ މަސައްކަތުން ވެސް ރެއާލަށް މިވީ ބަދަލަށް އިސްކަންދީފައިވާ މިންވަރު ހާމަވާނެ ކަމަށެވެ. ރެއާލާ އެކު އޭނާގެ އައިޑޮލްއެއްގެ ގޮތުގައި ދެކޭ ޒާބީ އޮލޮންސޯގެ ކޯޗުކަމުގެ ދަށުން ކުޅެ، ކާމިޔާބީތަކެއް ހާސިލުކުރަން ކެތްމަދުވެފައިވާ ކަމަށް އޭނާ ބުންޏެވެ.
އެލެގްޒެންޑާ އާނޯލްޑް ރެއާލްގެ ޖާޒީގައި ފުރަތަމަ ފެންނާނީ ކްލަބް ވޯލްޑް ކަޕުންނެވެ.