އީރާންގެ 100 އަށްވުރެ ގިނަ ހަމަލާ އީސްރާއީލަށް

އިސްރާއީލުން އީރާނަށް ދިން ހަމަލާތަކުގައި ހަލާކުވެފައިވާ ކާރުތަކަކާއި އިމާރާތެއް. ފޮޓޯ/އޭޕީ

އީރާނުގެ ނިއުކްލިއާ ސެންޓަރުތަކަށް އަމާޒުކޮށް ރޭ ފަތިހު އިސްރާއީލުން ދިން ހަމަލާގެ ބަދަލުގައި 100 އެއްހާ ޑްރޯން އިސްރާއީލު ސަރަހައްދަށް ފޮނުވާލާފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

އިސްރާއީލުން ވަނީ އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

"އީރާނުން އިސްރާއީލުގެ ސަރަހައްދާ ދިމާއަށް ގާތްގަނޑަކަށް 100 ޔޫއޭވީ ފޮނުވާލި، އެކަން ހުއްޓުވުމަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ،" އިސްރާއީލުގެ އަސްކަރީ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް އެފީ ޑެފްރިން ނޫސްވެރިންނަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކުގައި 200 ފަޔާ ޖެޓުން މުޅި އީރާނުގެ ގާތްގަނޑަކަށް 100 އަމާޒަކަށް ހަމަލާދީފައިވާނެ ކަމަށެވެ.

އީރާނުން އިސްރާއީލަށް ހަމަލާތައް ދޭން ފެށީ އީރާނަށް ހަމަލާދީ ބައެއް ކޮމާންޑަރުންނާއި ސައިންސްވެރިން މަރާލި "ޖަރީމާ"އަށް ފަހު "ހަރުކަށި އަދަބު ލިބޭނެ ކަމަށް އުންމީދު ކުރަންޖެހޭ" ކަމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ ވަނީ އިސްރާއީލަށް އިންޒާރު ދީފައިވަނިކޮށެވެ.

އީރާނުގެ ނިއުކްލިއާ މަރުކަޒުތައް ހިމެނޭ ގޮތަށް އެކި ސަރަހައްދުތަކަށް ހަމަލާދިނީ އެ މީހުންގެ ޖެޓުތަކުން ކަމަށް އިސްރާއީލުން ބުނެއެވެ.

އީރާނުގެ އުތުރު ތެހެރާންގެ މީހުން ދިރިއުޅޭ އިމާރާތަކަށް ހަމަލާދީފައި. ފޮޓޯ/އޭޕީ

އެ ގޮތުން، 200 ޖެޓް ރޭޑްތަކުގައި ގާތްގަނޑަކަށް 100 ޓާގެޓަކަށް ހަމަލާދީފައިވާ ކަމަށް އިސްރާއީލުން ބުނެއެވެ.

އީރާނުން ބުނި ގޮތުގައި ނިއުކްލިއާ ފެސިލިޓީތަކަށް އިސްރާއީލުން ދިން ހަމަލާތަކަށް ފަހު ރޭޑިއޭޝަން ލީކުވުން ފަދަ އެއްވެސް ކަމެއްގެ ނިޝާނެއް އަދި ނުފެނެއެވެ.

އިސްރާއީލުގެ އެ ހަމަލާތަކުގައި ރިވޮލިއުޝަނަރީ ގާޑްސްގެ އިސްވެރިޔާ ހުސައިން ސަލާމީއާއި ހަތިޔާރު އެޅި ސިފައިންގެ ޗީފް އޮފް ސްޓާފް މުހައްމަދު ބަޣްރީ މަރުވެފައިވާކަން އީރާނުގެ ދައުލަތުގެ މީޑިއާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

comment ކޮމެންޓް