މަތިވެރިކަން ލިބެނީ ﷲ ރުހިވޮޑިގެންވާ ގޮތަށް، ހީވާގިކަމާ އެކު މަސައްކަތްކޮށްގެން: ޚުތުބާ

ބަޔަކު މަގުމަތީ ނަމާދުކުރަނީ: ޚުތުބާގައި ބުނީ ރުއްސެވުން ލިބޭނީ ހީވަގިކަމާ އެކު މަސައްކަތްކުރާ މީހުންނަށް ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަގީގީ މަތިވެރިކަން ލިބިގެންވާ މީހުންނަކީ މާތްﷲ ރުއްސަވައިވޮޑިގެންވާ ގޮތަށް އަމަލުތައް ބަހައްޓައި، މަތީ ދަރަޖަ ހޯދުމަށް ހީވާގިކަމާ އެކު މަސައްކަތް ކުރާ މީހުން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ، 'ތަވާޟުޢުވެރިކަމަކީ ދަރަޖަ އުފުލިގެންވާ ކަމެއް' މި މައުޟޫއުގެ މައްޗަށެވެ.

ޚުތުބާގައި ވަނީ، ތަވާޟުއުވެރިކަމަކީ ހިތްތިރިކަމާއި މަޑުމޮޅިކަން ކަމަށާއި މީސްކިތަކުންގެ މައްޗަށް ކިބުރުވެރި ނުވުން ކަމަށެވެ. އެއީ، ނަބިއްޔުންގެ ޚުލްގުފުޅެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ، އެ ސިފައިގެ ސަބަބުން ޝަރަފު އިތުރުވާ ކަމަށެވެ. އެ ސިފަ ލިބިގެންވާ މީހަކަށް އެހެން މީހުންގެ ތައުރީފާއި ޝުކުރުގެ ބަސްތައް އޮހޭނެ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

މީހުންތަކެއް ޚުތުބާ އަޑުއަހަން މިސްކިތުގައި: ޚުތުބާގައި ބުނީ، މަތިވެރިކަން ލިބިގެންވަނީ ﷲރުހިވޮޑިގެންވާ ގޮތަށް ހީވާގިކަމާއެކު، މަސައްކަތް ކުރާ މީހުންނަށް ކަމަށް ---- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ތަވާޟުއުވެރިކަމުގެ ސިފައިން ޒީނަތްތެރިވާ މީހާގެ ދަރަޖަ މާތް ﷲ އުފުއްލަވާ ކަމަށާއި އެ ސިފައިގައި ހިފަހައްޓައިފި މީހާއަށް އާޚިރަތުގެ ނިއުމަތާއި ބާއްޖަވެރިކަން ދެއްވާ ކަމަށް ޚުތުބާގައި ބުންޏެވެ. އެ ސިފައަކީ މީސްތަކުންގެ މެދުގައި ލޯތްބާއި އޯގާތެރިކަން އިތުރުވާ ކަމެއް ކަމަށާއި އުޚުއްވަތްތެރިކަން ފެތުރޭ ސަބަބެއްކަން ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

"މުސްލިމުންގެ އުޚުއްވަތްތެރިކަމަކީ އެންމެހައި ޢުމުރު ފުރާތަކަށާއި އެކިއެކި ގިންތިތަކާއި ފަންތިތަކުގެ މެދުގައި އޮންނަ އެއްޗެކެވެ. އޭގައި ކުޑަކުއްޖެއް، ބޮޑުމީހެއް ނުވަތަ މުއްސަންޖެއް، ފަޤީރެއް ނުވަތަ ޢަރަތްބެއް ޢަޖަމީއެއް ނުވަތަ ކަޅުމީހެއް ދޮންމީހެއް ތަފާތެއް ނެތެވެ. ތަފާތުވަނީ ހަމައެކަނި އެ މީހެއްގެ ތަޤުވާވެރިކަމާއި ހެޔޮޢަމަލުންނެވެ،" ޚުތުބާގައި ބުންޏެވެ.

މީހުންތަކެއް މިސްކިތުގައި ޚުތުބާ އަޑުއަހަނީ ---- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ޚުތުބާގައި ވަނީ ތަވާޟުއުވެރިވާންވީ ކަންތައްތައް ކިޔައިދީފައެވެ. އެގޮތުން، ތަވާޟުއުވެރިކަމަކީ މުސްލިމުންގެ އަޚުލާގު ކަމަށާއި އެންމެ ފުރަތަމަ ތަވާޟުއުވެރިވާންވާނީ ﷲ އަމުރުކުރެއްވި ގޮތަށް ހެޔޮ އަމަލުކޮށް، ނުބައި ކަންކަމުން ދުރުވުމަށް ކަމަށް ޚުތުބާގައި ބުންޏެވެ.

ދެވަނަ ކަމެއްގެ ގޮތުން ޚުތުބާގައި ތަވާޟުޢުވެރިވާން ބުނެދިނީ މާތްﷲގެ މަތިވެރިކަމާއި جَلَالُވަންތަކަމާއި كِبْرِيَاءُވަންތަކަމާއި عِزَّةވަންތަ ކަމަށެވެ.

މިހާރު ދެ ޖިންސުގެ މީހުން ހެދުން އެޅުމުގައި އިސްލާމީ އުސޫލުތަކުން ބޭރުވެ މީހުން ނަކަލުކުރުން އާންމުވެފައިވާ ކަމަށް ޚުތުބާގައިވެއެވެ.

"ޚާއްޞަކޮށް މިއަދުގެ ޒުވާނުންގެ މެދުގައި މި ކަން ވަނީ ރީތި ކަމެއްކަމުގައި ވެފައެވެ. ނަބިއްޔާގެ ޙަދީޘްފުޅު އަޑުއައްސަވާށެވެ! (بَيْنَمَا رَجُلٌ يَـجُرُّ إِزَارَهُ مِنَ الْـخُيَلَاءِ، خُسِفَ بِهِ، فَهُوَ يَتَجَلْجَلُ فِي الْأَرْضِ إِلَى يَوْمِ الْقِيَامَةِ)[1] މާނައީ: "ފިރިހެނަކު ބޮޑާކަމާ އެކު އޭނާގެ އިޒާރު (ހެދުން) ބިންމަތީ ދަމަމުން ދަނިކޮށް އޭނާ ބިމުގެ އަޑިއަށް ގަންބަވައިގެންފިއެވެ. ފަހެ، ޤިޔާމަތާ ހަމަޔަށް އޭނާ ބިމުގެ އަޑިއަށް ގެނބިގެނބި ހުންނާނެތެވެ," ޚުތުބާގައި ހަނދާންކޮށްދިނެވެ.

އެހެންވެ، ހެދުން އެޅުމުގައި ނަބިއްޔާ ރިވެތި ނަމޫނާއިން އިބުރަތް ހާސިލުކުރުމަށް ޚުތުބާގައި ވަނީ ގޮވާލައްވާފައެވެ.

އިސްލާމިކް މަރުކަޒުގައި ހުކުރު ނަމާދު ކުރުން: ޚުތުބާގައި ވަނީ، މަތިވެރިކަން ލިބިގެންވަނީ ﷲރުހިވޮޑިގެންވާ ގޮތަށް ހީވާގިކަމާއެކު، މަސައްކަތް ކުރާ މީހުންނަށް ކަމަށް ބުނެފައި -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

މީގެ އިތުރުން، މަސައްކަތްތަކުގައި މީހުންނާ ބައިވެރިވެ، އެ މީހުންނަށް އެހީތެރިވުމުގައިއާއި އަނބިދަރިންނާ މެދު ރަނގަޅު ގޮތުގައި މުއާމަލާތުކޮށްގެން ގޭގެ މަސައްކަތުގައި އެހީތެރިވުމުގައި ތަވާޟުޢުވެރިވުމަށް ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

ތަވާޟުއުވެރިވުމަށް ދެން ޚުތުބާގައި ގޮވާލީ، ކުޑަކުދިންނަށް އޯގާތެރިވެ، އެ ކުދީންނާއި ސަމާސާކުރުމުގައާއި ގެންގުޅޭ ނޯކަރުންނާ މެދު މުއާމާލާތު ކުރުމުގައެވެ. މިއަދުގެ ޚުތުބާގައި ވަނީ، މަގާމުތަކަށް އައްޔަނުކޮށްފައިވާ މީހުން ހިމެނޭހެން އެންމެހާ މީސްތަކުން މާތް ﷲއަށް ތަވާޟުއުވެރިވުމަށް ގޮވާލައި، ވަސިއްޔަތްކޮށްފައެވެ.

"ޙަޤީޤީ މަތިވެރިކަން ލިބިގެންވާ މީހުންނަކީ މާތް الله ރުއްސަވައިވޮޑިގަންނަވާ ގޮތަށް ޢަމަލުތައް ބަހައްޓައި، ދާއިމީ ނިޢުމަތުގެ ގޮވަތީން މަތީ ދަރަޖަ ހޯދުމަށް ހީވާގިކަމާ އެކު މަސައްކަތްކުރާ މީހުންނެވެ،" ޚުތުބާގައި ބުންޏެވެ.

މުއުމިނުން ކަމުގައިވާ ހާލު، ﷲގެ ރަޙުމަތަށް އުންމީދުކޮށްގެން އަޒާބަށް ބިރުވެތިވުމަށް ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ. އޭރުން މާތް ރުއްސެވުން ލިބޭނެއެވެ.

comment ކޮމެންޓް