އީރާނުން އިސްރާއީލަށް ބާރުގަދަ ރައްދު ހަމަލާތައް ދޭނެ ކަމަށް ބެލެވެނީ ރޭގަނޑު

މީގެކުރިން އީރާނުން އިސްރާއީލަށް ދިން ރައްދު ހަމަލާތަކެއްގެ ފައިލް ފޮޓޯ

ތެހެރާން (13 ޖޫން 2025): އީރާނުން އިސްރާއީލަށް ރައްދު ހަމަލާތައް ދޭނެ ކަމަށް ބެލެވެނީ ރޭގަނޑުގެ ވަގުތުގައި ކަމަށް މުހައްލިލުން ވިދާޅުވެއްޖެއެވެ.

އިސްރާއީލުން އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ރޭ ދިން ހަމަލާތަކާ ގުޅިގެން އީރާނުގެ އެކި ފެންވަރުގެ މަސްއޫލުވެރިންވަނީ އިސްރާއީލަށް "ތަދުވާވަރުގެ" ވޭންދެނިވި ހަމަލާތަކެއް ދޭނެ ކަމަށާއި އެކަމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށް ވިދާޅުވެފައެވެ.

މި ކަމާބެހޭގޮތުން ޚިޔާލު ފާޅުކުރައްވާފައިވާ އަސްކަރީ އަދި ސްޓްރެޓީޖިކް މުހައްލިލުން ވިދާޅުވެފައިވާ ގޮތުގައި އީރާނުން މިއަދު އިސްރާއީލަށް ދިން ޑްރޯން ހަމަލާތަކަކީ ސީރިއަސް ހަމަލާތަކެއް ނޫނެވެ. އެއީ، މޫމެންޓަމް ދެމެހެއްޓުމަށް އީރާނުން ދިން ހަމަލާތަކެކެވެ.

އީރާން ތައްޔާރުވަމުން ދަނީ އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ކުފޫހަމާވަރުގެ ހަމަލާތަކެއް ދިނުމަށްކަމަށް ބައެއް ތަހުލީލީ ރިޕޯޓްތަކާއި ގިނަ މުހައްލިލުން ބުނެފައިވެއެވެ.

އަސްކަރީ މުހައްލިލެއް ކަމަށްވާ ފާއިޒް އައްދުވައިރީ ވިދާޅުވި ގޮތުގައި ހަމަލާތައް ދޭނެކަމަށް ބުނެ އެކަން ދިގުދަންމާލުމަކީ ވެސް އިސްރާއީލަށް ދަތިތަކެއް ކުރިމަތިވާނެ ކަމެކެވެ. އެއީ، ބަންކަރުތަކަށް ވަދެފިލައި ތިބެން ޖެހޭ މުއްދަތު އިތުރުވުމަކީ ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ ކަމަކަށްވާނެތީއެވެ.

އިސްރާއީލުގެ އާންމުންނާއި ލީޑަރުން ރޭން ފެށިގެން ތިބެނީ އީރާނުން ދީފާނެ ހަމަލާތަކަކުން ސަލާމަތްވުމަށް ބަންކަރުތަކާއި ބިންގަރާސްތަކަށް ވަދެ ފިލައެވެ. މިއީ މުއްދަތު ދިގުވެއްޖެނަމަ ބޮޑުވޭނަކަށް ވާނެ ކަމެކެވެ. ކާބޯތަކެއްޗާއި ބޭސް ފަދަ ތަކެތި އެތައް ހާސް ބަންކަރަކަށް ފޯރުކޮށްދިނުމަކީ ފަސޭހަ ކަމަކަށް ނުވާނެކަން އެބޭފުޅުން ފާހަގަކުރައްވައެވެ.

އީރާނުން ރައްދުދޭނެކަމަށް ބަލައި އެއާޕޯޓްތައް ބަންދުކޮށް މުޅި އިސްރާއީލު ހުއްޓުމަކަށް ގެނަސްގެން ދިގުމުއްދަތަކަށް ތިބުމަކީ ވެސް ފަސޭހަކަމެއް ނޫނެވެ. އަނެއްކޮޅުން އަސްކަރީ ގޮތުން ބަލާއިރު ވެސް ބަލިސްޓިކް މިސައިލުން ނޫނީ އަޑަށްވުރެ ބާރަށް ދަތުރުކުރާ މިސައިލުން އާންމު ގޮތެއްގައި ހަމަލާތައްދޭނީ ރޭގަނޑުގެވެ.

އިސްރާއީލުން ވެސް އީރާނަށް ހަމަލާދިނީ އީރާނުގެ ގަނޑިން ރޭ ދަންވަރެވެ. އެއީ، ހަމަލާއަކުން ގެއްލުމެއް ލިބުނަސް އެކަމަށް އެޓެންޑްވާން ރޭގަނޑު ދަތިވާނެތީއެވެ.

އިސްރާއީލުގެ ހަމަލާތަކުން އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއްކަން އަދި އެނގިފައެއް ނުވެއެވެ. އިސްރާއީލުގެ ހަމަލާތައް އީރާނުގެ ނަތަންޒް ނިއުކްލިޔާ މަރުކަޒަށް އެރިއެވެ. ނަމަވެސް އީރާނުގެ އެޓަމިކް އެނާޖީ އެޖެންސީ ބުނާގޮތުން އެ މަރުކަޒުން ރޭޑިއޭޝަން ލީކުވަމުން ނުދެއެވެ. އަދި، ގެއްލުން ލިބިފައިވަނީ ވެސް އެ މަރުކަޒުގެ އިމާރާތުގެ ބައެއް ތަންތަނަށެވެ.

ރިޕޯޓްތައް ބުނާގޮތުން ޔޫރޭނިޔަމް ފައްކާކުރާ މަރުކަޒުތައް ފަދަ އީރާނުގެ ނިއުކްލިޔާ ހައްސާސް މަރުކަޒުތައް ހުންނަނީ ފަރުބަދަތަކުގެ ވަރަށް އަޑީގައެވެ. އަސްކަރީ މުހައްލިލު ފާއިޒް އައްދުވައިރީ ވިދާޅުވި ގޮތުގައި އިސްރާއީލުން އީރާނަށް ހަމަލާދިނީ އާދައިގެ ފައިޓާޖެޓްތަކުންނެވެ. އެ ޖެޓްތަކުން ދޭ ހަމަލާތަކުން އެފަދަ ތަންތަން ހަލާކެއް ނުކުރެވޭނެއެވެ.

ބަންކަރުތަކާއި ޓަނަލްތައް ހަލާކު ކުރެވޭނީ ޖޭޕީޔޫ 57 މަރުކާގެ ބަންކަރ ބަސްޓިން ބޮމުންނެވެ. އެފަދަ ބޮން އިސްރާއީލުގައި ނެތް ކަމަށާއި އެ ބާވަތުގެ ބޮން އަޅާ ބޯޓުތައް ވެސް އިސްރާއީލުގައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ޖޭޕީޔޫ 57 ބޮމުން ވެސް ފަރުބަދަތަކުގެ 500 ވަރަކަށް މީޓަރު އަޑީގައިވާ ބަންކަރުތައް ހަލާކު ނުކުރެވޭނެކަމަށް އުރުދުންގެ ރިޓަޔަޑް ޖެނެރަލް ފާއިޒް އައްދުވައިރީ ވިދާޅުވިއެވެ.

ނަމަވެސް، އޭނާ ވިދާޅުވި ގޮތުގައި އީރާނަށް ހަމަލާދިން އިސްރާއީލުގެ ފައިޓާޖެޓްތަކުގެ ތެރެއިން އެންމެ ޖެޓެއް ވެސް ވައްޓާނުލެވުމަކީ އަދި ހަމަލާދިން މިސައިލްތައް ވައްޓާނުލެވުމަކީ އީރާނުގެ ވައިގެ ދިފާއީ ބާރުތަކުގެ ބަލިކަށިކަން ވަރަށް ބޮޑަށް ހާމަވި ކަމެކެވެ.

އިސްރާއީލަށް ހަމަލާދެވޭ ވަރުގެ ބަލިސްޓިކް މިސައިލް އީރާނުގައި ހުރިނަމަވެސް އީރާނަށް އެހާ ގަދަފަދަ ހަމަލާތައް ދޭން އިސްރާއީލަށް ކެރުނީ އީރާނުގެ ދިފާއީ ބާރުތަކުގެ ބަލިކަށިކަން އެނގޭތީކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމެރިކާގެ އެހީގައި އިސްރާއީލުންވަނީ ވައިގެ ދިފާއީ ނިޒާމުތައް ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައެވެ. އެހެން ނޫންނަމަ ޙޫޘީން ދޭ ހަމަލާތަކުން ވެސް އަދި އޭގެ ކުރިން ހިޒްބުﷲ ދިން ހަމަލާތަކުން ވެސް އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއް ލިބުނީސް ކަމަށް އޭނާ ވިދާޅުވިއެވެ. މިސައިލް ހަމަލާތަކުން އިސްރާއީލަށް ސަލާމަތް ވެވެނީ އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމު ވަރުގަދަވުމުގެ ސަބަބުންކަމަށް އޭނާ ވިދާޅުވިއެވެ.

އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުތަކުގައި ހަތަރު ލޭޔަރު ހިމެނެއެވެ. އެއީ، އަޔަންޑޯމްއާއި ޑޭވިޑް ސްލިންގް އަދި އާރޯ ނިޒާމާއި އެމެރިކާގެ ޕެޓްރިޔޮޓް ނިޒާމެވެ. އިސްރާއީލަށް އަމާޒުވާ މިސައިލްތައް ވައްޓާލުމަށް އަރަބި ގައުމުތަކުގައި އެމެރިކާ ގާއިމުކޮށްފައިވާ ސީދާ އެމެރިކާގެ ވައިގެ ދިފާއީ ނިޒާމުތައް ވެސް ބޭނުންކުރެއެވެ.

comment ކޮމެންޓް