ފީފާ އިން އިންތިޒާމް ކޮށްގެން ކްލަބް ތަކުގެ މެދުގައި ކުޅޭ ކްލަބް ވޯލްޑްކަޕް ފާހަގަ ކޮށްލެވޭ ގިނަ ބަދަލު ތަކަކާއެކު މާދަމާ ފަތިހު ފެށުމަށް ތައްޔާރުވެއްޖެއެވެ.
ފުޓްބޯޅައިގެ ދުނިޔޭގައި ހަރަކާތްވެރިވާ ފާހަގަ ކޮށްލެވޭ ގިނަ ފަރާތްތަކެއްގެ ފާޑު ކިޔުން އަމާޒުވެގެންދާ މި ފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި، ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އެފްރިކާ ބައްރުން މިމުބާރާތުގައި ވާދަކުރާ އެއް ޓީމު ކަމުގައިވާ މިސްރުގެ އަލް އަހްލީ އާއި މުބާރާތް ބާއްވާ ޤައުމު އެމެރިކާ ތަމްސީލް ކުރާ އަދި އެޓީމަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އާޖެންޓީނާގެ ލިއޮނެލް މެސީ ކުޅެމުންދާ އިންޓާ މައޭމީއެވެ.
މި ފަހަރުގެ މުބާރާތަށް ގިނަ ބައެއްގެ، ހާއްސަކޮށް ޔޫރަޕްގެ ކްލަބް ތަކާއި ޔުއޭފާ އަދި ޔޫރަޕްގެ ބޮޑެތި ކްލަބްތަކަށް ކުޅެމުންދާ މޮޅެތި ކުޅުންތެރިންގެ ފާޑުކިޔުން އަމާޒުވެގެންދިޔައީ ފީފާ އިން ކޮންމެ އަހަރަކު ކޮންމެ ބައްރެއްގެ ޗެމްޕިއަން ކްލަބާއެކު ކުޅެމުންދިޔަ މުބާރާތް ހައެއް ނުވަތަ އަށް ޓީމުގެ ބަދަލުގައި 32 ޓީމަށް ބަދަލުކޮށް މަހެއްހާ މުއްދަތަށް ދިގުދެމިގެންދާގޮތަށް ކުޅޭ މުބާރާތަކަށް ހެދުމާއެކުއެވެ.
މިއާއެކު ޔޫރަޕްގެ ބޮޑެތި ކްލަބްތަކާއި އެ ކްލަބްތަކަށް ކުޅޭ ނަން މަޝްހޫރު ކުޅުންތެރިންވަނީ ފީފާއިން ކުޅުންތެރިންގެ ރައްކާތެރިކަމަށް ނުވިސްނާކަމަށް ބުނެ ޝަކުވާކޮށްފައެވެ.
ނަމަވެސް ސުވާލަކީ މިއީ ޔޫރަޕްގެ ކްލަބްތަކާއި ކުޅުންތެރިން އެކަނި ކުޅެން ރޭވި މުބާރާތެއްތޯއެވެ. މިއީ ދެ ކޮޅަށް ވެސް ވާހަކަދެކެވޭ ބޮޑު ބަހުސެއް ކުރެވިދާނެ މަޢުލޫއެކެވެ.
ފީފާ ކްލަބް ވޯލްޑްކަޕް އަކީ ކޮންމެ ބައްރެއްގެ ޗެމްޕިއަން ކްލަބާއި މުބާރާތް ބާއްވާ ޤައުމުގެ ކްލަބަކާއެކު އަށް ޓީމަށްވުރެ ގިނަ ނުވާ ގޮތަށް މީގެ 24 އަހަރު ކުރިން ފީފާއިން އިންތިޒާމް ކޮށްގެން ބާއްވަން ފެށި މުބާރާތެކެވެ. މި މުބާރާތުގެ 24 މުބާރާތް މިހާތަނަށް ބާއްވާފައިވާއިރު އެންމެ ފަހުން ކްލަބް ވޯލްޑްކަޕްގެ ނަމުގައި މި މުބާރާތް ބާއްވާފައިވަނީ 2023 ވަނަ އަހަރުއެވެ. އެ ފަހަރު މި މުބާރާތުގެ ޗެމްޕިއަންއަކީ ޔުއޭފާގެ އޭރުގެ ޗެމްޕިއަން މެންޗެސްޓަ ސިޓީއެވެ. އެހެން ކަމުން މިފަހަރުގެ މުބާރާތަށް ސިޓީ ނިކުންނާނީ އެންމެ ފަހުގެ ޗެމްޕިއަންގެ ގޮތުގައެވެ.

މިފަހަރުގެ ކްލަބް ވޯލްޑް ކަޕުގައި ވާދަކުރާ 32 ކްލަބު
ކްލަބް ވޯލްޑްކަޕްގެ ޓީމުތަކުގެ އަދަދު 32 އަށް އިތުރުކޮށް ފީފާ ވޯލްޑްކަޕެކޭ އެއްގޮތަށް ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު މި މުބާރާތް ބާއްވަން ނިންމާފައިވަނީ 2023 ވަނަ އަހަރެވެ. އަދި މި އަހަރުގެ ޖޫން، ޖުލައިގައި މި ބަދަލުތަކާއެކު ބާއްވާ ފުރަތަމަ މުބާރާތް ބާއްވަން ނިންމިއެވެ.
އަދި ކުރިން ބައްރުތަކުގެ ޗެމްޕިއަނުންގެ ގޮތުގައި ކުޅެމުންދިޔަ މުބާރާތުގެ ނަން ފީފާ އިންޓާކޮންޓިނެންޓަލް ކަޕްގެ ނަމަށް ބަދަލުކޮށް މިދިޔަ އަހަރު ފުރަތަމަ މުބާރާތް ބޭއްވުނެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހާސިލް ކުރީ ރެއާލް މެޑްރިޑެވެ.
މިފަހަރުގެ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ އަދަދު 32 ޓީމަށް އިތުރު ވުމާއެކު މި މުބާރާތް ކުޅުމަށް ހަމަޖެހިފައިވާ ގޮތަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
މިގޮތުން މިމުބާރާތަށް ކޮލިފައިވި 32 ޓީމު ހަތަރު ޓީމުގެ 8 ގްރޫޕަށް ބަހާލެވިފައިވެއެވެ. އަދި ގްރޫޕް މަރުހަލާގައި ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ، ދެ ޓީމު ފަހު 16 ޓީމުގެ ބުރަށް ހޮވިގެންދާނެއެވެ.
ފަހު 16 ޓީމުގެ ބުރުގައި ނޮކްއައުޓް އުސޫލުން ފަށައިގޮތަށް ކުއާޓާ ފައިނަލާއި، ސެމީ ފައިނަލަށްފަހު ފައިނަލަށް ދެ ޓީމު ހޮވި ޗެމްޕިއަން ކަނޑައެޅިގެންދާނެއެވެ. އެހެން ކަމުން މާދަމާ ރޭ ފަތިހު ފެށޭ މި މުބާރާތް ނިމިގެންދާނީ ޖުލައި މަހުގެ 13 ވަނަ ދުވަހުއެވެ.
މިމުބާރާތުގައި ވާދަކުރާ ޓީމުތަކަށް ބަލާލާއިރު ފީފާއިން އެންމެ ބޮޑަށް ބަލާފައިވަނީ އެ ބައްރެއްގެ ކްލަބް ފުޓްބޯޅައިގައި އެންމެ ފާހަގަކޮށްލެވޭ މުބާރާތުގައި އެންމެ ފަހު ހަތަރު އަހަރު އެންމެ ރަނގަޅު ކުޅުމެއް ދައްކާފައިވާ ޓީމުތަކަށެވެ.
ހަމައެއާއެކު އެއް ލީގަކަށް ނިސްބަތްވާ ދެ ޓީމަށްވުރެ ގިނަ ޓީމަށް މި މުބާރާތުގައި ވާދަނުކުރެވޭގޮތަށް ވެސް ފީފާއިން ވަނީ ނިންމާފައެވެ.
ޔުއޭފާއިން ކްލަބްތައް ހޮވުމުގައި އެންމެ ބޮޑަށް ބަލާފައިވަނީ ޗެމްޕިއަންސް ލީގުގެ އެންމެ ފަހު ހަތަރު މުބާރާތުގައި ޓީމުތަކުން ދައްކާފައިވާ ކުޅުމަށް ބެލުމަށްފަހުގައެވެ.
މިގޮތުން އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ)، ރެއާލް މެޑްރިޑާއި، ސިޓީ ފަދަ ޓީމުތައް ހިމެނިގެން ދިޔައިރު އެންމެ ފާހަގަ ވެގެންދިޔައީ މި ފަހަރުގެ އިންގްލިޝް ޕްރިމިއާ ލީގުގެ ޗެމްޕިއަން ލިވަޕޫލާއި ސްޕެނިޝް ލަލީގާގެ ޗެމްޕިއަން އެފްސީ ބާސެލޯނާ މިފަހަރުގެ މުބާރާތުން ނުފެނުމެވެ.
ޔޫރަޕުން 12 ޓީމު ބައިވެރިވުމުގެ އިތުރުން ދެން ހިމެނެނީ ދެކުނު އެމެރިކާ ސަރަހައްދު ނުވަތަ ކޮމެބޯލް އިން ހަ ޓީމު، އޭޝިއާ ސަރަހައްދު، އެފްރިކާ ސަރަހައްދު، އުތުރާއި މެދުތެރޭ އެމެރިކާ އަދި ކެރީބިއަން ސަރަހައްދު ކަމަށްވާ ކޮންކާކަފް ސަރަހައްދުން ކުރެ ކޮންމެ ސަރަހައްދަކުން ހަތަރު ޓީމެވެ.
އަދި އޯޝޭނިއާ ސަރަހައްދުން އެއް ޓީމާއި މުބާރާތް ބާއްވާ ޤައުމުން އެއް ޓީމެވެ. ނަމަވެސް އެންމެ ފަހު ވަގުތު މެކްސިކޯގެ ކްލަބް ލެއޮން އާއި ޕަޗޫކާ އިން ފީފާގެ އޯނާޝިޕް ގަވައިދާ ހިލާފުވުމުން ކްލަބް ލެއޮން ބާކީކޮށް އެމެރިކާގެ ލޮސް އެންޖަލިސް އެފްސީ އާއި މެކްސިކޯގެ ކްލަބް އެމެރިކާގެ މެދުގައި ކުޅުނު ޕްލޭ އޮފަކަށްފަހު އެލްއޭއެފްސީއަށް ޖާގަ ލިބިގެންދިޔައެވެ.
ގްރޫޕްތަކަށް ޓީމުތައް ޖެހިގެން ގޮސްފައިވާގޮތަށް ބަލާއިރު:
- ގްރޫޕް އޭ: ޕަލްމެއިރާސް، ޕޯޓޯ، އަލް އަހްލީ އަދި އިންޓާ މައޭމީ
- ގްރޫޕް ބީ: ޕީއެސްޖީ، އެޓްލެޓިކޯ މެޑްރިޑް، ބޮޓަފޯގޯ އަދި ސިއާޓްލް ސައުންޑާސް
- ގްރޫޕް ސީ: ބަޔޭން މިޔުނިކް، އޯކްލަންޑް ސިޓީ، ބޮކާ ޖޫނިއާސް އަދި ބެންފީކާ
- ގްރޫޕް ޑީ: ފްލެމެންގޯ، އީއެސް ޓޫނިސް، ޗެލްސީ އަދި އެލްއޭއެފްސީ
- ގްރޫޕް އީ: ރިވާ ޕްލޭޓް، އުރާވާ ރެޑް ޑައިމަންޑް، މޮންޓެރޭ، އިންޓާ މިލާން
- ގްރޫޕް އެފް: ފުލުމިނެންސޭ، ބޮރޫޝިއާ ޑޯޓްމުންޑް، އުލްސާން އެޗްޑީ އެފްސީ އަދި މަމެލޯޑީ ސަންޑައުން
- ގްރޫޕް ޖީ: ސިޓީ، ވައިދާދު، އަލް އައިން އަދި ޔުވެންޓަސް
- ގްރޫޕް އެޗް: ރެއާލް، އަލް ހިލާލް، ޕަޗޫކާ އަދި އެފްސީ ސާލްޒްބާގް
ކްލަބް ވޯލްޑްކަޕްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ 11 ސިޓީ އެއްގެ 12 ސްޓޭޑިއަމް އެއްގައެވެ. މިގޮތުން މާދަމާ ރޭ ފަތިހު ކުޅޭ ފުރަތަމަ މެޗު މައޭމީގައި ހުންނަ 65 ހާސް މީހުންގެ ޖާގައިގެ ހާޑް ރޮކް ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާއިރު ސެމީ ފައިނަލްގެ ދެ މެޗާއި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ނިއުޖާޒީގައި ހުންނަ 82،500 މީހުންގެ ޖާގައިގެ މެޓްލައިފް ސްޓޭޑިއަމްގައެވެ.
މި މުބާރާތުގެ އެންމެ ޚާއްސަ ކަމެއްގެ ގޮތުގައި ފާހަގަ ވެފައިވަނީ އިނާމް ފައިސާގެ ބޮޑުކަމެވެ. މިގޮތުން މުޅި މުބާރާތަށް އިނާމް ފައިސާގެ ގޮތުގައި އެއް ބިލިއަން އެމެރިކާ ޑޮލަރު ހޭދަކުރާނެއެވެ. މިގޮތުން މިމުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް 125 މިލިއަން އެމެރިކާ ޑޮލަރު ލިބިގެންދާނެއެވެ. އަދި މީގެއިތުރުން އެއް ބިލިއަންގެ ދެ ބައިކުޅަ އެއްބައި ބެހުމަށް ހަމަޖެހިފައިވަނީ މުބާރާތުން ޖާގަހޯދި 32 ޓީމަށެވެ. ނަމަވެސް އެކި ޓީމުތަކަށް ލިބޭ މިންވަރު ތަފާތުވާނެކަމަށް ވެއެވެ.
ގިނަ ބަޔަކު ގަބޫލް ކުރާގޮތުގައި މިފަހަރުގެ މުބާރާތް ކާމިޔާބު ކުރުން ގާތީ ޔޫރަޕްގެ ބޮޑެތި ޓީމުތަކުގެ ތެރެއިން ޓީމެކެވެ. ނަމަވެސް މި މުބާރާތުގައި ހައިރާން ކުރުވަނިވި ނަތީޖާ ތަކެއް ފެނިގެންދިއުން އުންމީދު ކުރާ ފަރާތްތަށް ވެސް މަދެއް ނޫނެވެ. އެހެން ކަމުން ފީފާ ކްލަބް ވޯލްޑްކަޕްގައި ވާދަވެރި އަދި ބަލާހިތްވާ މެޗުތަކެއް ފެނިގެންދާނެކަމަށް ބެލެވެއެވެ.