މިތުރާ ގަޔާވެލީ... 16

"ކައިވެނީގެ ވާހަކަ ދައްކާއިރު، އަންހެންކުއްޖާގެ ބަސް އަހަރެމެންނަށް ވަރަށް މުހިއްމު..." އަސްލަމްގެ ވާހަކަ ނިމުމުން ނާޝިޒް ބުނެލިއެވެ. "އެހެންވެ މިއަދު ބައްދަލުކުރަން ބޭނުންވީ..."

އިކާންގެ ހިތް ތެޅިގަތެވެ. ރޫބީ ބުނާނީ ކީކޭ ހެއްޔެވެ؟ ކައިވެންޏަށް ދެކޮޅު ހަދާފާނެ ހެއްޔެވެ؟ ނޫނީ އޭނާގެ އާއިލާގެ ކުރިމަތީގައި ޝަރުތެއް ހުށަހަޅާފާނެ ހެއްޔެވެ؟ ރޫބީ އެއްޗެއް ނުބުނެ ހޭދަވެގެންދިޔަ ކޮންމެ ސިކުންތެއް އިކާނަށް އެއްހާސް އަހަރަށް ދިގުދެމިގެންދިޔަ ކަހަލައެވެ.

********

އިބާ ދިޔަގޮތަށް ރޫބީގެ ކައިރީގައި އިށީނެވެ. މަޑުމަޑުން ކޮނޑުގައި ޖެހިލިއެވެ.

"ޔެސް ބުނެބަ..." ހަމައެކަނި ރޫބީއަށް އިވޭ ވަރަށް ސިއްރުން އިބާ ބުނެލިއެވެ.

ރޫބީއަށް ބަލައިލެވުނީ އިކާންއާއި ދިމާއަށެވެ. ރޫބީގެ ޖަވާބަކަށް އިންތިޒާރުކުރާ ފަދައިން އިކާންވެސް އިނީ ރޫބީއަށް ބަލަހައްޓައިގެންނެވެ.

"އަޅުގަނޑު ގަބޫލު..." އިކާންގެ މޫނުން ނަޒަރު ވަކިކޮށް، ނާޝިޒަށް ބަލައިލަމުން، ރޫބީ ބުނެލިއެވެ.

"ޔޭ!" އިބާ އުފަލުން ރޫބީގެ ގައިގައި ބައްދައިލިއެވެ.

އިކާން ފުން ނޭވާއެއް ދޫކޮށްލިއިރު، އަސްލަމްއަށް ހުރެވުނީ ކޮޅަށް ތެދުވެއެވެ. އަސާގަނޑުގެ އެހީގައި ހަށިގަނޑު ސީދާކޮށްލާފައި، އަސްލަމް ރޫބީއާއި ދިމާއަށް ހިނގައިގަތެވެ. އެދުވަހަށް އަސްލަމް ހާދަ އިންތިޒާރެއް ކޮށްފިއެވެ. އިކާންގެ ރުހުމާއިއެކު ކައިވެންޏެއް ހަމަޖެހުނު އެއީ ފުރަތަމަ ފަހަރެވެ. އަސްލަމް ބޭނުންވީ ވީ އެންމެ އަވަހަކަށް ކައިވެނީގެ ކަންކަން ކޮށް ނިންމާށެވެ. އިބާ އަވަސް އަވަހަށް ކޮޅަށް ތެދުވެފައި، ރޫބީގެ އަތުގައި ހިފައި ކޮޅަށް ނެގިއެވެ.

"ތިކައިވެނި ވަރަށް ކުލަގަދަކޮށް ފާހަގަކޮށްދޭނަން..." ރޫބީގެ ކޮނޑުގައި މަޑުމަޑުން ޖަހައިލަމުން އަސްލަމް ބުނެލިއެވެ. "ކާފައަށް ކޮށްދޭންވީ އެންމެ ކަމެއް... ކާފަ ބޭނުންވަނީ ކާފަ ދުނިޔޭގަ ހުއްޓާ، މުނިކާފާއޭ ކިޔާލާފަ ގޮވާލާނެ..."

"ކާފާ..." އިކާން އަސްލަމް ހުއްޓުވިއެވެ.

ގެއަށް ދާން ނުކުތްއިރު، ރޫބީގެ ހިތް ވަނީ ނުތަނަވަސްވެފައެވެ. އެ ކައިވެނިން އިކާންއަށް އުފަލެއް ލިބިދާނެ ހެއްޔެވެ؟ އިކާންގެ އާއިލާގެ އެދުން ފުރިހަމަކޮށްދެވިދާނެ ހެއްޔެވެ؟ ރޫބީއަކީ އިކާންއާއި އެކަށީގެންވާ ކުއްޖެއް ނޫނެވެ. އިކާން އެއަށްވުރެ އެތައް ހާސް ގޮތަކުން ފުރިހަމައެވެ. އެއްކޮޅުން ރޫބީގެ ހިތެވެ. އަނެއްކޮޅުން ސިކުނޑިއެވެ. އޮޅުމެއްގެ ތެރޭގައި ހުރެގެން ރޫބީއަށް ނިންމުނީ އެންމެ ރަނގަޅަށް ކަމާއިމެދުވެސް އޭނާއަށް ޝައްކުވަނީއެވެ. އިކާންގެ އާއިލާ ރޫބީ ހީކުރިގޮތެއް ނުވިއެވެ. މުއްސަނދިންގެ އާއިލާއެއްގައި ހުންނާނެކަމަށް ރޫބީ ސިފަކުރި ބޮޑާކަމާއި ކިބުރުވެރިކަމުގެ އެއްވެސް ސިފައެއް އެމީހުންގެ ފުށުން ނުފެނުނެވެ.

"ދަރިފުޅު ނުދަނީތަ؟" ރޫބީ ކާރަށް އެރުމުންވެސް އިކާން ކާރަށް ނާރާތީ، ފަލާހާ އަހައިލިއެވެ.

"އެބަޖެހޭ ތާކަށް ގޮސްލަން... ފަޒާލް އަންނަންވާއިރަށް ފެންވަރައިގެން ތައްޔާރުވާންޖެހޭނެ..." ކާރު ނައްޓާލާތޯ ބަލަން މަޑުވެސްކޮށްނުލައި އިކާން ގޭތެރެއަށް ވަނެވެ.

ރޫބީގެ މޫނު މިލައިގެން ދިޔައެވެ. އިބާ ބުނިހެން އިކާން ގަޔާވާ ކުއްޖަކު ހުންނަނަމަ، ރޫބީއާއި ކައިވެނި ކުރަންވީ ކީއްކުރަން ހެއްޔެވެ؟ އެހާ ވަރުން ރޫބީއާއިހެދި އުޅެނީ ކީއްވެ ހެއްޔެވެ؟ ކުއްލިއަކަށް އިކާނަށްވީގޮތުން ރޫބީއަށް އުނދަގޫވިއެވެ. އިކާން ކާރަށް ނާރައި ދިޔުމުން ހިތާއިހިތުން ޝަކުވާ ކުރެވުނެވެ. އެކާރުގައި އިކާން އިންނަން ރޫބީގެ ހިތް އެދުނީ ކީއްވެ ކަމެއް އޭނާއަކަށް ނޭނގުނެވެ.

"ކްރަޝް ކައިރިއަށްދާން ލަސްވެގެންތަ؟ ތިހާވަރުން ދާން ބޭނުންވާކަން އެނގޭނަމަ، އަހަރެން ގެއަށް ދާނީ ޓެކްސީއެއްގަ..." ރޫބީ މަޑުމަޑުން ކުދިކިޔަން ފެށިއެވެ.

"ޓެކްސީއެކޭ..." ފަޒާލް ރޫބީއަށް ބަލައިލީ ލޯގަނޑުންނެވެ.

"އިކާން ކައިރީ ބުނޭ އަހަންނަށް ޓެކްސީއެއްގަވެސް ގެއަށް ދެވިދާނެއޭ..." ރޫބީ ތުންފިއްތައިލިއެވެ.

ފަޒާލް ދެފަރާތަށް ބޯ ހޫރައިލާފައި ކާރު ދުއްވައިލިއެވެ. ދެވަނަ ފަންގިފިލާގެ ބެލްކަނީގައި އިކާން ހުރީ ރޫބީ ދިޔަ މަންޒަރު ބަލާށެވެ. ރޫބީ އެހެން މީހަކުދެކެ ލޯބިވާކަން އެނގިހުރެ، އިކާން އޭނާގެ ހިތުގެ ހާލު ރޫބީއަށް ހާމަކުރާނީ ކިހިނެއް ހެއްޔެވެ؟ ފަހަތުން މީހަކު ކޮނޑުގައި ޖެހުމުން، އިކާން ސިހިފައި ފަސްއެނބުރުނެވެ. ދެއުކުޅުގައި އަތްވިދެލައިގެން އިބާ ހުރީ ދެލޯ އަޅާލައިގެންނެވެ. އިކާން ބަލައިލުމުން، އަތް މަޅައިލިއެވެ.

"ކީއްވެ ނުދިޔައީ؟" އަތް ތިރިކޮށްލަމުން، އިބާ ތުންފިއްތައިލިއެވެ. "ދޮންބެ އެގާލްދެކެ ލޯބި، އުހުނ، ލައިކްވާކަން އެނގެޔޭ... ދެން ކީއްވެ؟ ހުރިހާ ކަމެއް ހަމަޖެހުނީމަ ތިހެން އުޅެނީ ކީއްކުރަން؟ އަދިވެސް ކްރަޝްމަތިން ހަނދާން ނުނެތޭތަ؟ ތިކައިވެނި ކެންސަލްވެއްޖެއްޔާ ދެން ދުވަހަކުވެސް ދޮންބެއާ އަނގައިން ނުބުނާނަން..."

"ދޮންބެ މެރީ ކުރާނަމޭ!... އިބައްކޮ ހާސްނުވެބަލަ..." އިކާން ހަމަޖެހޭގޮތް ދައްކައިލިއެވެ.

"މެރީކުރީމަ ލޯބިވެސް ވާނެއޭ..." އިބާ ވާހަކަދެއްކީ ތަޖުރިބާ ލިބިފައިވާ މީހަކު ފަދައިންނެވެ.

އިކާން ދެލޯ ހަނިކޮށްލަމުން އިބާއަށް ބަލައިލިއެވެ. ބުނެވުނު އެއްޗެއް ވިސްނުމުން، އިބާ އަވަހަށް އަނގަމަތީގައި އަތް އެޅިއެވެ. އިކާން ކުރިއަށް ފިޔަވަޅެއް އަޅައިލުމުން އިބާ ދުއްވައިގަތެވެ.

********

ކާރުން ފޭބިގޮތަށްވެސް ރޫބީއަށް ބެލުނީ ފޯނެވެ. އިކާންގެ އެންމެ މެސެޖެއްވެސް ނުލިބެއެވެ. ރޫބީގެ ހިތުގައި ޝަކުވާތައް ފުނިޖެހުނެވެ. ރޫބީ ކައިވެންޏަށް އެއްބަސްނުވާއިރު، ރޫބީއާއި ހެދި އެހާ ވަރުން އުޅެފައި ކުއްލިއަކަށް އިކާނަށްވީ ކިހިނެއް ހެއްޔެވެ؟ ބޭނުންވި ކަންތައްވުމުން، އިކާން ރޫބީ ބާކީ ކޮށްލީ ކީއްވެ ހެއްޔެވެ؟ އައި ރުޅިން ފޯނު ހޫރާލަންވެސް ރޫބީގެ ހިތަށް އެރިއެވެ.

"ހާދަ ވަރަކަށް އިންތިޒާރުކޮށްފީމޭ..." ދާދި ކައިރިން ފިރިހެނެއްގެ އަޑު އިވުމުން ރޫބީ ދިޔައީ ސިއްސައިގެންނެވެ. "ތިކުއްޖާއާ ދިމާވޭތޯ މިގޭދަށުން ބުރުއެޅުނު އަދަދު ނޭނގެ..."

ނައީމު ހުރީ ހުރިހާ ދަތްތަކެއް ފެންނަވަރަށް ހީލައިގެންނެވެ. ރޫބީގެ ދެލޯ ބޮޑުވިއެވެ. މަޑުމަޑުން ފަހަތަށް ޖެހެންފެށި ވަގުތު، ނައީމު ރޫބީގެ އަތުގައި ހިފޭއްޓިއެވެ.

"ކިހި...ނެއް... މި...ގެ..." ރޫބީއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ.

"ތިހާ ނަލަވެގެން ކޮންތާކަށް ގޮއްސަ ތިއައީ؟" ދަހިވެތި ނަޒަރަކުން ރޫބީގެ ހަށިގަނޑަށް ބަލައިލަމުން ނައީމު އަހައިލިއެވެ. "އަހަންނާ އިންނަން އެއްބަސްވެފަ އިނގޭ ތިހުރީ... އަހަރެން ރުހޭކަމެއް ނޫން، ތިހާ ނަލަވެގެން އެހެން ފިރިހެނުން ކައިރިއަށް ދިޔުމަކީ..."

ބިރުންގޮސް ރޫބީއަށް ރަނގަޅަށް ނޭވާވެސް ނުލެވެއެވެ. ނައީމުގެ ނަޒަރުން ދިނީ ނުރައްކާތެރި އިންޒާރެކެވެ. ރޫބީ އައީ ކޮންތާކުންކަން ނައީމަށް އެނގޭ ކަހަލައެވެ. ރޫބީއަށް އަތް ދަމައިގަންނާކަށް ނުކެރުނެވެ. ނައީމު ހުރީ އެއަށްވުރެ ބާރަށް ހިފަހައްޓައިގެންނެވެ. ދަމައިގަތަސް ސަލާމަތް ނުވާނެކަން ރޫބީއަށް އެނގެއެވެ. ނައީމު ކަހަލަ މީހެއްގެ އަތްދަށުވެއްޖެނަމަ، ރޫބީއަށް އެއްވެސް ބާރެއް ނުދެއްކޭނެއެވެ.

"ހިނގާބަލަ އެތެރެއަށް.. ވާހަކަދައްކާލަން..." ނައީމުގެ ރާގު ބަދަލުވިއެވެ.

ރޫބީ ހުރީ ރަނގަޅު ފުރުސަތަކަށް ބަލަބަލައެވެ. ދުވާރުމަތިން ހުރަސްކުރި މީހަކު ދިޔުމަށް ތަން ދެއްކުމަށް ނައީމު އެއްފަރާތްވެލި ވަގުތު، ރޫބީ ނައީމުގެ އަތް ފޮޅުވައިލިއެވެ. ދުރަށް ކޮށްޕައިލާފައި، ދުވެފައި ގޮސް ގެއަށް ވަނެވެ. ސިޑިން މައްޗައް އަރައިގެން ދިޔަ ރޫބީ އެތައް ފަހަރަކު ވެއްޓުނެވެ. ނައީމު ފަހަތުން އައުމުން، އެތައް އަނިޔާއެއް ލިބުނުކަމެއްވެސް ރޫބީއަކަށް ނޭނގުނެވެ. ރޫބީއަށް ދޮރުން އެތެރެވެވުނީ ކިރިޔާއެވެ. ނައީމު ދޮރުގައި ހިފެހެއްޓިނަމަވެސް ދޮރު ލެއްޕުމުގައި ރޫބީ ކާމިޔާބު ހޯދިއެވެ. ނައީމު ތަޅުގައި ހިފައި ގުޑުވަން ފެށިއެވެ. ދޮރުގައި ތެޅީ، ދޮރު ވައްޓާލާހައި ބާރަށެވެ.

"ދޮރު ހުޅުވާ!... އެހެންނޫނީ ތަޅު ހަލާކުކޮށްލާފަ ވަންނާނީ" ނައީމު ހަޅޭއްލެވިއެވެ.

ނަޖާތަށް ގޮވަމުން ރޫބީ ކޮޓަރިއާއި ދިމާއަށް ދުއްވައިގަތެވެ. ގޭތެރޭގައިވީ ފަޅުކަމެވެ. އެކަކުވެސް ނެތެވެ. ބިރުގަނެފައި ހުރިވަރުން ރޫބީއަށް ގުޅުނީ ކާކަށް ކަމެއްވެސް ނޭނގުނެވެ. ރޫބީއަށް ވާހަކަދެއްކުނީ ފޯނުގެ އަނެއްކޮޅުން ވާހަކަ ދައްކާތާ އިރުކޮޅެއް ފަހުންނެވެ. ބުނެވުނީ ކީކޭ ކަމެއްވެސް ރޫބީއަކަށް ނޭނގުނެވެ.

އިކާން އައިއިރު، ނައީމެއް ނެތެވެ. ރޫބީ ދޮރު ހުޅުވީ، އިކާން އެތައް ވާހަކައެއް ދައްކައިގެންނެވެ. ބިރުންގޮސް ރޫބީގެ ހަށިގަނޑު ތުރުތުރުއަޅައެވެ.

"އިޓްސް އޯކޭ... އަހަރެން މިއައީނު..." ވިސްނައިދޭ ރާގަކަށް އިކާން ބުނެލިއެވެ.

ބޮލުގައި ދެއަތުން ހިފަހައްޓާލައިގެން ރޫބީ އިނެވެ. ލައިގެން ހުރި ހެދުމުގައި ހިރަފުހުގެ އަސަރުވީއިރު، ރޫބީގެ އަތުންނާއި ފައިތިލައިން ދެތިން ތަނެއް މަށައިގެން ގޮސްފައި ހުއްޓެވެ. ރޫބީގެ އަތުގައި ނައީމު ހިފިތަން، އިނގިލިތައް ވަކިވަކީން އެނގޭނޭހެން ރަތްވެފައި ހުއްޓެވެ. އިކާންގެ ހިތަށް އުނދަގޫ ގޮތެއް ވިއެވެ. އެއީ އިކާންގެ ސަބަބުން ރޫބީއަށް ލިބުނު ގެއްލުމެކެވެ. އެދުވަހު ރޫބީއާއި ބައްދަލުކުރަން ނައީމު ނުފޮނުވުނުނަމަ މިއަދު ރޫބީއަށް އެކަމާއި ކުރިމަތިލާކަށް ނުޖެހުނީހެވެ. އިކާނަށް އަމިއްލަ ނަފުސު ކުށްވެރި ކުރެވުނެވެ.

އިކާން ގޭގެ ވަށައިގެން ނަޒަރު ހިންގައިލިއެވެ. އާދައިގެ ކުޑަ ގެއެކެވެ. ދެމީހަކު އުޅޭކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ. އިކާން ބަދިގެއާއި ދިމާއަށް ހިނގައިގަތުމުން، ރޫބީވެސް އިކާންގެ ފަހަތުން ދިޔައެވެ. އެކަނި ހުންނަންވެސް ރޫބީ ހުރީ ބިރުގަނެފައެވެ.

"ފަސްޓްއެއިޑް ބޮކްސްއެއް އެބައިންތަ؟" ބަދިގެއަށް ވަދެފައި އިކާން ވަށައިގެން ނަޒަރުހިންގައިލިއެވެ.

"ކޮޓަރީގަ..." ރޫބީ އަތުން އިޝާރާތްކުރީ ކޮޓަރިއާއި ދިމާއަށެވެ.

އިކާން ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. ރޫބީ ހީވަނީ ޗާބީދީފައިވާ ބުދެއް ހެންނެވެ. އިކާން ދާހައި ތަނަކަށް ފަހަތުން ދެއެވެ. އެއީ އިކާން ބޭނުންވި ގޮތެވެ. އެވަގުތުކޮޅު ނިމެން އިކާން ބޭނުމެއް ނުވެއެވެ. ކޮޓަރިއަށް ވަދެފައި އިކާނަށް ހުރެވުނީ އެކި ދިމަދިމާއަށް ބަލާށެވެ. ކޮޓަރި ކުޑައެވެ. އެހެނަސް ތަރުތީބެވެ. ސާފުތާހިރެވެ. އެނދުގައި އެންމެ ރުލެއްވެސް ނެތެވެ. އަންހެންކުއްޖެއްގެ ގައިގައި ހުރުމަށް އިކާން އެންމެ ބޭނުންވާ އެއް ސިފައަކީ އެއީއެވެ.

ރޫބީ އިޝާރާތްކުރީ އަލަމާރި މައްޗަށެވެ. ބޭސްފޮށި ނަގަން އިކާންއަށް ޖެހުނީ ގޮނޑިއެއްގެ މައްޗަށް އަރާށެވެ. އިކާންގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ އަލަމާރި މަތީގައި އޮތް ރަތްކުލައިގެ ކުޑައެވެ. އެއީ ހަމަ އެކުޑައެވެ. ޔަގީންކުރަން އިތުރު ކަމެއް ކުރަން ނުޖެހޭ ވަރަށް އިކާނަށް އެކުޑަ އެނގެއެވެ. އެކަމަކު، އެ ކުޑަ ރޫބީއަށް ލިބުނީ ކިހިނެއް ހެއްޔެވެ؟ އިކާން ދެލޯ ބޮޑުކޮށްލަމުން ތިރީގައި ހުރި ރޫބީއަށް ބަލައިލިއެވެ. އިކާން ބަލައިލިގޮތުން ރޫބީއަށް ހީވީ ބިރެއް ފެނިގެން ބަލައިލި ހެންނެވެ. ތޫލި އަޑަކުން ހަޅޭއްލަވައިގަނެފައި ދުއްވައިގަތެވެ.

އިކާން ބޭސްފޮށި ހިފައިގެން ނުކުންނަން ދިޔަވަގުތު ދޮރު ކައިރީގައި އަޅުވާލާފައި އިން ތަޅުދަނޑީގައިލާއެތި ފެނުނެވެ. އެތެރެ ފެންނަ ކުޑަ އުރައެއްގެ ތެރެއަށް ލާފައި އިންއިރު، މުސަޅުގެ މެއާއި ދިމާގައި ރަތްކުލައިގެ ކުޑަ ހިތެއް ތަތްކޮށްލާފައި އިނެވެ. ރޫބީއަށް އެ އެތި ހާއްސަ މިންވަރު ބަލައިލި ކޮންމެ މީހަކަށްވެސް އެނގޭހައިވެއެވެ. އިކާންގެ ހިތަށް އަލުން ދިރުން ލިބުނު ފަދައެވެ. ރޫބީއަށް އެތަކެތި ހާއްސަވާ ފަދައިން އެތަކެއްޗާއި ގުޅިފައިވާ މީހާވެސް ހާއްސަވާނެއެވެ. އެމީހަކީ އިކާންކަން އެނގިއްޖެނަމަ، ރޫބީގެ ވިސްނުން ބަދަލުވާނެއެވެ. އިކާނާއިމެދު ދެކޭގޮތް ބަދަލުވާނެއެވެ. އިކާނަށް ހިނިތުންވެލެވުނެވެ.

********

ލިފްޓް ހުއްޓުމާއިއެކު، ނަޖާތު ލިފްޓުން ނުކުތެވެ. ދެތިން ފިޔަވަޅު ކުރިއަށް އަޅައިލިއެވެ. ނަޖާތުގެ ފަހަތުގައި ހުރި މީހާވެސް ކުރިއަށް ހިނގައިގަތެވެ. ނަޖާތު ކުއްލިއަކަށް ފަސްއެނބުރިފައި ފަހަތުގައި ހުރި މީހެއްގެ ކަރުގައި ހިފިއެވެ. އެމީހަކު ހުރީ އެފަދަ ކަމަކަށް ވިސްނައިގެނެއް ނޫނެވެ. ނަޖާތުގެ އަތުގެ ބާރު ގަދައެވެ. އެމީހަކު ގެންގޮސް ލިފްޓްގެ ތެރެއަށް ވައްދާފައި ބިތުގައި ޖައްސައިލިއެވެ.

"ކާކު ތީ؟" ނަޖާތު ހުށިޔާރުކަމާއިއެކު، އެމީހަކު އަޅައިގެން ހުރި މާސްކު ދަމައިގަތެވެ. ކުރިމަތީގައި ހުރި މީހެއްގެ މޫނު ފެނުމާއިއެކު، ނަޖާތުގެ މޫނުން ފެނުނީ ހައިރާންކަމެވެ.

ޔަޒްދާން މަޑުކުރީ ލިފްޓްގެ ދޮރު ލެއްޕެންދެނެވެ. ނަޖާތުގެ އަތުގައި ހިފައި، ފަހަތަށް ވާހެން އަތް އަނބުރައިލިއެވެ. ތެޅިތެޅި ވަރުބަލިވީއިރުވެސް ނަޖާތަށް ސަލާމަތެއް ނުވެވުނެވެ. ޔަޒްދާންގެ ބާރު މާ ގަދައެވެ. ލިފްޓްގެ ދޮރު ހުޅުވުނުއިރު، ނަޖާތު އޮތީ ހަބަރު ހުސްވެގެން ތިރިއަށް ވެއްޓިފައެވެ. ލިފްޓުން ނުކުމެގެން ރަންކުލައިގެ ދޮރާއި ދިމާއަށް ދިޔަ ޔަޒްދާންގެ އަތުގައި ނަޖާތު ގެންގުޅުނު ރަންކުލައިގެ ކާޑު އޮތެވެ. ތަޅުގައި ކާޑު ޖައްސާލުމާއިއެކު ބޮޑު ދޮރު ހުޅުވުނެވެ. އެތެރެއަށް ވަން ޔަޒްދާންގެ މޫނުން ފެނުނީ ހައިރާންކަމެވެ.

********

"ކޮބާ ކުރަފި؟" ދޮރު ކައިރިން ކުޑަކޮށް ބޯ ދިއްކޮށްލަމުން ރޫބީ އަހައިލިއެވެ.

ރޫބީ ހުރީ މައުސޫމު ގޮތަކަށް ދޮރުކަނީގައި ލައްވެލައިގެންނެވެ. ކުޑަކުއްޖެކޭ ތަފާތެއް ނެތެވެ. ރޫބީއަށް ވީގޮތް އެނގުމުން، އިކާންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ކުރަތްޕެއް ނުވެސް ފެނި މީހަކު އެހާ ބިރުގަނެދާނެ ހެއްޔެވެ؟ ބޭސްފޮށި ހިފައިގެން ގޮސް ސޯފާގައި އިށީންއިރުވެސް އިކާނަށް ހެވެނީއެވެ.

"ހަމަ އަސްލުވެސް ހީކުރީ ކުރަތްޕެއް ފެނުނީ ކަމަށޭ..." ރޫބީ ތުން ފިއްތައިލިއެވެ. "އަހަރެން ތަޅުވަންވެގެންތަ ތިހެން ތި ހަދަނީ؟ ހުރިހާ އަންހެންކުދިންވެސް ކުރަފިދެކެ ބިރުގަންނާނެއޭ..."

ކުރަތްޕެއްގެ ސަބަބުން އިކާންގެ ކުރިމަތީގައި ބޭޒާރުވާކަށް ރޫބީ ބޭނުމެއް ނުވިއެވެ.

އިކާން ހުރުމުން، ރޫބީގެ ހުރިހާ ނުތަނަވަސްކަމެއް ފިލިއެވެ. ރައްކާތެރިކަން އިހުސާސްވިއެވެ. ނައީމުގެ ކަންތައް ހަނދާން ނެތުނެވެ.

"ހުރިހާ އަންހެންކުދިން؟" ރޫބީގެ އަތުގައި ބޭސް އެޅުމަށް އަތް ހިއްލާލަމުން އިކާން އަހައިލިއެވެ.

އިކާންގެ މަޑު އަތްތިލައިގެ އެންމެ ބީހިލުމަކާއިއެކު، ރޫބީގެ ގައިގައި ހުރި ލޯލިތައް ކޮޅަށް ޖެހުނެވެ. ހިތުގެ ހިނގުން އަވަސްވެލިއެވެ. އެއީ ކުރިން ރޫބީއަށް ވީގޮތެއް ނޫނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު