ސޮރީގެ ބިހައިންޑް ދަ ސީންސްއާއެކު، ފިލްމު ބަލައިލަން ކެތްމަދުވެފައި

މިއަހަރު އެންމެ ގިނަ މީހުން އިންތިޒާރު ކުރަނީ ޑައިރެކްޓަރު ފާތިމަތު ނަހުލާގެ 'ސޮރީ'އަށެވެ. ގިނަ ދުވަސްތަކެއް ވަންދެން ދާއިރާއާ ދުރުގައި ހުރުމަށް ފަހު މިއީ ނަހުލާގެ ފޭނުންނަށް ދެވޭ ވަރަށް ބޮޑު ހަދިޔާއަކަށް ވާނެއެވެ.

ސޮރީ އަޅުވަން ހަތަރު ވަރަކަށް ދުވަހަށް މިހާރު ވެފައިވާއިރު، ރޭ އެ ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ ބެލުންތެރިންނަށް ހަދިޔާއެއް ދީފައެވެ. އެގޮތުން، ރޭ އޮލިމްޕަހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެފިލްމުގެ ފަހު ތީމް ލަވައާއި ބިހައިޑް ދަ ސީންސް ބެލުންތެރިންނަށް ދައްކައިލާފައި ވެއެވެ. އަދި، ނަހުލާގެ ހިޓު ބިރުވެރި ފިލްމު "4426" ވެސް ރޭ ވަނީ ދައްކާފައެވެ.

ފިލްމު ކުޅުން އިރުގެ މަންޒަރުތަކަށް ބަލާއިރު، އެތައް އިހުސާސްތަކެއް ދައްކައުވައިދެއެވެ. ހިތާމައާއި މަޑުމޮޅިކަމެވެ. މަޖަލާއި އުފާވެރިކަމެވެ. ނަހުލާ ބުނާ ގޮތުން، މި ފިލްމުން އަސަރުގަދަ ބޮޑު މެސެޖެއް ދޭނެއެވެ. އެގޮތުން، ބިހައިންޑް ދަ ސީންސްއާއި ޓްރެއިލާއިން ފެނުނު މަންޒަރުތަކުން ނަހުލާގެ އެވާހަކަ ކަށަވަރުކޮށްދެއެވެ. ބެލުންތެރިންނަށް މިފަހަރު މި ދޫކޮށްލަނީ އާދައިގެ ފިލްމެއް ނޫނެވެ.

ނަހުލާ ބުނާގޮތުން ނަމަ، މި ފިލްމަކީ އާ ރެކޯޑެއް ހަދާނެ ފިލްމެކެވެ.

އަދި މި ފިލްމު ވާނީ ނަހުލާ މިހާތަނަށް ނެރުނު ހުރިހާ ފިލްމުތަކަށް ވެސް ގޮންޖަހާލާނެ ވަރުގެ އަސަރުގަދަ ފިލްމަކަށް ކަމަށް އޭނާ ބުންޏެވެ.

ފިލްމު ކުޅުނުއިރުގެ މަންޒަރު ތަކުން އެކަނި ނަހުލާ ވަނީ ބެލުންތެރިންނަށް އިންޒާރެއް ވެސް ދީފައެވެ. ފިލްމުގެ ބައެއް ތަރިން ބުނީ، މި ފިލްމުގައި ހަމަ ހަގީގަތުގައި ރޮއެފައި ހުރި މަންޒަރުތައް ހުންނާނެ ކަމަށެވެ. އެއީ، ނަހުލާގެ ވާހަކަ އެހާވެސް އަސަރުގަދަވެ، އެކަމުގެ ތެރެއަށް ވަދެވިފައި ހުންނަލެއް ބޮޑުކަމުންނެވެ. އެހެންވެ، ފިލްމު ބަލަން އަންނައިރު، ޓިޝޫ ގެނައުމަށް ވަނީ އެދިފައެވެ.

ސޮރީގެ ލީޑުން ފެންނާނީ މަރިޔަމް އައްޒައާއި ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ އިތުރުން ނަހުލާގެ ހަގު ދަރިފުޅު ލާލިއާއި މާމަ ދަރިފުޅު އެވެލީއެވެ. ފިލްމުގެ އިތުރު ރޯލުތަކުން ޝީލާ ނަޖީބާއި ހުސައިން ސޮބާހާއި މަރިޔަމް ނިޝާ ވެސް ފެންނާނެއެވެ.

ސޮރީގެ ސައުންޑްޓްރެކް ވެސް މިހާރު ނެރެފައިވާއިރު، އެ ސައުންޑްޓްރެކުގައި ޖުމްލަ ހަ ލަވަ ހިމެނެއެވެ. މި ސައުންޑްޓްރެކްގައި ލަވަ ކިޔާފައިވާ ފަންނާނުންގެ ތެރޭގައި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)، މަރިޔަމް އަޝްފާ އާއި އިބްރާހީމް އަލީ (ކުޑަ އިއްބެ) އަދި، ނަހުލާގެ ދޮށީ ދަރިފުޅު މަރިޔަމް އީނާޝް ސިނާން ހިމެނެއެވެ.

އެހެންކަމުން، މި ފިލްމުގެ އަޖުމަ ބަލައިލުން މުހިންމެވެ. މިއީ، ނަހުލާއާއި އޭނާގެ ޓީމުން ކޮށްފައިވާ މަސައްކަތުގެ ފުރިހަމަކަން ބަލައި، އަޅައިކިޔަލަން ލިބޭ ފުރުސަތެކެވެ. ފިލްމުގެ ޓިކެޓު ގަތުމަށް ގުޅާނީ 7844422އަށެވެ.

comment ކޮމެންޓް