ކަސްޓަމްސްގެ ޕޭމަންޓެއް ދައްކަން އެދި އެސްއެމްއެސް ފޮނުވައިގެން ސްކޭމެއް ހިންގަނީ، ސަމާލުވޭ!

މީހަކު ފޯނާ ކުޅެނީ: ކަސްޓަމްސްގެ ނަމުގައި ސްކޭމެއް ހިންގާތީ ސަލާމުވާން ވަނީ އެދިފައި -- ސަން ފޮޓޯ

މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ޕޭމަންޓެއް ދައްކަން ކަމަށް ބުނެ، އެސްއެސްއެސް މެދުވެރިކޮށް ލިންކެއް ފޮނުވައިގެން ސްކޭމެއް ހިންގަމުންދާތީ ސަމާލުވާން އެދިއްޖެއެވެ.

ކަސްޓަމްސްއިން ބުނީ އެ އިދާރާގެ އެއްވެސް ޕޭމަންޓެއް ދެއްކުމަށް އެދި ލިންކަކާއެކު އެސްއެމްއެސްއެއް ނުފޮނުވާނެ ކަމަށެވެ. އަދި އެ ފަދަ ލިންކުތަކަށް ސަމާލުވާން ވަނީ އެދިފައެވެ.

ކަސްޓަމްސްއިން ހިއްސާކުރި ޕޯސްޓުގައިވާ ގޮތުން އެ ފަދަ އެސްއެމްއެސްތަކުގައި ވަނީ ކަސްޓަމްސް ފީ ދައްކާފައިނުވާތީ، ޕޯސްޓު މެދުވެރިކޮށް ޖަހާފައިވާ އޯޑަރު ޑެލިވާ ނުކުރެވޭނެ ކަމަށެވެ. އޯޑަރު ލަސްވިޔަ ނުދިނުމަށް ކަމަށް ބުނެ، ފައިސާ ދައްކާނެ ލިންކެއް ވެސް އެ އެސްއެމްއެސްގައި ވެއެވެ.

ސްކޭމްގެ މައްސަލަތައް ރާއްޖޭގައި ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ.

ޢީދު ބަންދުގައި ސްކޭމްގެ 35 މައްސަލަ ހުށަހެޅިއިރު، އެ ހަފުތާގައި އެކަނި ތިން ލައްކައެއްހާ ރުފިޔާ ގެއްލުނު ކަމަށް ފުލުހުން ބުނެފައިވެއެވެ.

https://sun.mv/207209

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނި ގޮތުގައި، ސްކޭމްގެ މައްސަލަތަކުގައި އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ވައިބާއާއި ފޭސްބުކް މާކެޓް ޕްލޭސްއެވެ.

އެހެންކަމުން، އެ ސެންޓަރުން ވަނީ، އެ ތަންތަނުން އޮންލައިންކޮށް ވިޔަފާރިކުރާއިރު ސަމާލުވުމަށާއި އޯޓީޕީއާއި ޕާސްވޯޑުތައް ހިއްސާނުކުރުމަށް އެދިފައެވެ. އަދި، ސްކޭމް މައްސަލައަކަށް ޝައްކުވާ ހިސާބުން އަވަހަށް އެކަމެއް ރިޕޯޓުކުރުމަށް އެ ސެންޓަރުން ވަނީ އެދިފައެވެ.

މިދިޔަ މެއި 26ގައި ފުލުހުން ބުނީ، މަކަރާއި ހީލަތް ހަދައިގެން ހިންގި ސްކޭމްތަކުގައި މިދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި 2.5 މިލިއަން ރުފިޔާ ގެއްލުނު ކަމަށާއި އޭގެ ތެރެއިން މިހާތަނަށް ހޯދުނީ ހަތް ލައްކަ ރުފިޔާ ކަމަށެވެ.

comment ކޮމެންޓް