ޖީއެމްސީއީއަކީ ޕިރަމިޑް ސްކީމެއް، ސްކީމުގައި މީހުން ބައިވެރިކުރާ ބަޔަކަށް ފިޔަވަޅު އަޅާނަން: ފުލުހުން

ގިނަ އަދަދެއްގެ ދިވެހީން އިންވެސްޓުކުރަމުން ދާ "ޖީއެމްސީއީ" ޓްރޭޑިންގެ އެޕް: ސީއެމްޑީއޭއިން ބުނީ ޖީއެމްސީއީއާ ބެހޭގޮތުން ކަންބޮޑުވުން ހިއްސާކުރާ ކަމަށް ---

ގިނަ އަދަދެއްގެ ދިވެހީން އިންވެސްޓުކުރަމުން އަންނަ ޖެމްކިއު އިންވެސްޓްމެންޓް ސްކީމް (ޖީއެމްސީއީ)އަކީ ޕިރަމިޑް ސްކީމެއްކަން ކަށަވަރުވެފައިވާ ކަމަށާއި، އެ ސްކީމް ހިންގައި ޕްރޮމޯޓް ކުރާ މީހުންނަށް ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.

ޖީއެމްސީއީ ސްކީމް ރާއްޖެއަށް ތައާރަފުވެ، ހިންގަން ފެށިތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. ވަރަށް ގިނަ ދިވެހީން ދަނީ މި ސްކީމަށް އިންވެސްޓުކުރަމުންނެވެ. އެ ސްކީމަށް މީހުން ފައިސާ ލުމުން, ފައިދާގެ ނަމުގައި ފައިސާ ދެމުންދާ ކަމަށް ވެއެވެ.

އެނގިފައިވާ ގޮތުގައި އެއީ ބޭރުގެ ކުންފުންޏަކާ ގުޅިގެން ރާއްޖޭގައި ބަޔަކު އިސްވެ ހިންގާ ސްކީމެކެވެ.

https://sun.mv/204708

އުސޫލު ބުނާގޮތުން އެފަދަ ސްކީމެއް ރާއްޖޭގައި ހިންގޭނީ ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ހުއްދައާ އެކުއެވެ. ނަމަވެސް، އެ ސްކީމް ހިންގަނީ އެ އޮތޯރިޓީގެ ހުއްދައާ ނުލައި ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، އެ ސްކީމް ހިންގަނީ ސީއެމްޑީއޭގައި ރަޖިސްޓްރީނުކޮށް ކަމަށްވާތީ އެއީ ގާނޫނީ ހަމަތަކުގެ ތެރެއިން ހިންގާ ސްކީމެއް ނޫން ކަމަށެވެ.

އެ މައްސަލައިގައި ފުލުހުން، ބޭރު ގައުމުތަކުގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ކުރި މަސައްކަތްތަކުގެ އަލީގައި ޖީއެމްސީއީއަކީ ޕިރަމިޑް ސްކީމެއްކަން ކަށަވަރުވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

"މި ސްކީމުގައި އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކްރިޕްޓޯ ގްރިޑް ޓްރޭޑިން ކުރާ ކަމަށް ދެއްކި ނަމަވެސް، އެއީ އޮޅުވާލުމެކެވެ. ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 319 ވަނަ މާއްދާގެ ދަށުން، މިފަދަ ޕިރަމިޑް ސްކީމުގައި ބައިވެރިވުމުގެ ހައްގު ވިއްކާލުމަކީ ވެސް ގާނޫނީ ގޮތުން ކުށެއްގެ ގޮތުގައި ކަނޑައަޅައިފައިވާ އަމަލެއްކަން މި ފުރުސަތުގައި ހަނދާން ކޮށްދެމެވެ." ބަޔާނުގައިވެއެވެ.

ފުލުހުން ބުނީ އެފަދަ ޕިރަމިޑް ސްކީމުތަކުގައި އިންވެސްޓް ނުކުރުމަށް އެ މުއައްސަސާއާއި ސީއެމްޑީއޭއިން އިލްތިމާސްކުރާ ކަމަށެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް ފަދަ އެންމެންނަށް ފަަރިތަނޫން ބަސްތައް ބޭނުންކޮށްގެން އޮޅުވާލައިގެން ހިންގާ އިންވެސްޓްމެންޓް އެޕްލިކޭޝަންތައް އިންޓަނެޓުގައި ގިނަވަމުންދާ ދުވަސްވަރެއްގައި، ރަނގަޅަށް ދިރާސާނުކޮށް، ބުރަ މަސައްކަތުން ރައްކާކޮށްފައިވާ ފައިސާ އެފަދަ ސްކީމުތަކަށް އިންވެސްޓުކުރުމުން އިއާދަނުކުރެވޭ މާލީ ގެއްލުންތަކާ އެތައް ބަޔަކު ކުރިމަތިލާން ޖެހޭ ކަމަށް ފުލުހުން ފާހަގަކުރިއެވެ.

"އެހެންކަމުން މިފަދަ ސްކީމްތަކުން ދުރުހެލިވެ ރައްކާތެރިވެ ތިބުމަށް ތަކުރާރުކޮށް ދަންނަވަމެވެ." ބަޔާނުގައިވެއެވެ.

ފުލުހުން ބުނީ ސީއެމްޑީއޭއާއި އެ މުއައްސަސާ ގުޅިގެން އެ މައްސަލަ ބޭރުގެ އޭޖެންސީތަކުގެ އެހީތެރިކަމާއެކު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެ ސްކީމް ހިންގައި، ޕްރޮމޯޓްކޮށް، އޭގައި ބައިވެރިވުމަށް މީހުން ހޯދުމުގައި ޝާމިލުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަން ޖެހޭ މަސައްކަތް ސީއެމްޑީއޭއާއެކު ކުރަމުން އަންނަކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

https://sun.mv/205795

މީގެ ކުރިން ވެސް މި ގޮތަށް އެތައް ސްކީމެއް ރާއްޖޭގައި ހިންގައިފައި އެބަހުއްޓެވެ. އެފަދަ ސްކީމުތަކަށް އިންވެސްޓް ކޮށްގެން, ފުރަތަމަކޮޅު ފައިސާ ލިބުނު ނަމަވެސް ފަހުން ބޮޑެތި ގެއްލުންތައް ލިބިފައި އެބަހުއްޓެވެ.

ރާއްޖޭގެ ގާނޫނުގައި މި މައްސަލައަށް ސީދާ ގާނޫނެއް ނެތަސް، "ޕިރަމިޑް ސޭލްސް" ސްކީމްތައް މާނަ ކޮށްދީފައިވާ މާއްދާއެއް ގާނޫނުލް އުގޫބަތުގައި އެބަ އޮތެވެ. ނަމަވެސް މިއީ ތަހުޒީބު ގައުމުތަކުގައި މި ގާނޫނު އޮންނަ ގޮތާ އަޅާބަލާއިރު ވަރަށް އާދައިގެ މާއްދާއެކެވެ.

comment ކޮމެންޓް