އިންވެސްޓަރުންނަކީ މޮޔައިންނެއް ނޫން، އެ މީހުން ނާންނާނެ: ޔާމީން

ކުރީގެ ރައީސް ޔާމީން: އެ މަނިކުފާނު ވިދާޅުވީ، މި ސަރުކާރަށް ފާޑުކިޔުން ހަޖަމުނުވާ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

ދިވެހި އިގުތިސާދު އޮތީ ވަރަށް ބޮޑަށް އަނަރޫފަވެފައި ކަމަށާއި އެ ކަންކަން ރަނގަޅު ނުކުރާހާ ހިނދަކު މި ތަނަށް އިންވެސްޓަރުން ނާންނާނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މި ސަރުކާރުގެ އިގުތިސާދީ ސިޔާސަތަށް ވަރަށް ބޮޑަށް ރޭ ފާޑުވިދާޅުވެއްޖެއެވެ.

މި މަހު ފިޗުން ވަނީ ރާއްޖެއަށް ދިން 'ސީސީ' ރޭޓިން ދަމަހައްޓަން ނިންމައިފައެވެ. އެއީ، އިގުތިސާދު ހީނަރުވެ، ދަރަނި ނުދެއްކުމުގެ ބިރު ވަރަށް ބޮޑުވުމުން ދީފައި އޮތް ރޭޓިންއެކެވެ.

އަމިއްލަފުޅު ޕާޓީ ޕީއެންއެފްގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޔާމީން ރޭ ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް ވިސްނައިދޭން އުޅެނީ ވަރަށް ބައިވަރު މަޝްރޫއުތައް ކުރިއަށްދާ ކަމަށް ކަމަށެވެ. އެކަމަކު، އެއީ އެކަން ވާނެ ގޮތް ނޫން ކަމަށާއި އެއަށްވުރެ އިގުތިސާދު އޮތީ މާ ބޮޑަށް އަނަރޫފަވެފައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އިސްކޮޅާ ނުބައްދަލު ވާހަކަނުދައްކާށޭ. އިސްކޮޅާ ނުބައްދަލު މަޝްރޫއުތައް ހިންގަން ނޫޅޭށޭ. ދިވެހިރާއްޖެ މި އޮތީއަކީ ތި ވަރުގެ އިގުތިސާދީ ތަނަވަސް ހިސާބެއްގައެއް ނޫން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީން: އެ މަނިކުފާނު ވަނީ އިގުތިސާދީ ސިޔާސަތަށް ފާޑުވިދާޅުވެފައި --- ފޮޓޯ/ ޗެނަލް13

ޔާމީން ވިދާޅުވީ، އެންމެ ފުރަތަމަ ސަރުކާރުން ކުރަންޖެހޭ ކަމަކީ ކްރެޑިޓް ރޭޓިން މަތިކުރުން ކަމަށެވެ.

އެކަން ކުރެވޭނީ އިގުތިސާދު ހަމައަކުން އަޅުވައިގެން ކަމަށާއި އެކަން ކުރަން ބޭކާރު ޚަރަދުތައް ހުއްޓާލައި އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކެއް ހޯދަންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އިންވެސްޓަރުންގެ އިތުބާރު ލިބޭނީ އޭރުންކަން ފާހަގަކުރައްވައި އެ މަނިކުފާނު ވަނީ 'ބޭސިކްސް' ދަސްކުރަން ސަރުކާރަށް ގޮވާލައިފައެވެ.

"އިންވެސްޓަރުން ޓަކިޖަހާނެ އެތައް ދޮރެއް އެބަހުއްޓޭ. އެހެންވީމާ ދިވެހިރާއްޖޭގެ ދޮރުގައި ތިމަންނަމެން ޓަކިޖަހަންޖެހޭ ސަބަބު ބުނެދޭށޭ. އެ ސަބަބު ބުނެދީގެން ނޫނީ މި ތަނަކަށް އިންވެސްޓަރުން ނާންނާނެ،" އެ މަނިކުފާނު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

"އިންވެސްޓަރުންނަކީ މޮޔައިންނެއް ނޫނޭ، މޮޔައިންނަށް ނުހައްދަވާ،"

ޔާމީން ވިދާޅުވީ، އިންވެސްޓަރުން އެންމެ ފުރަތަމަ ވެސް ބަލާނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ކަމަށެވެ.

https://sun.mv/207206

އެ މަނިކުފާނު ވިދާޅުވީ، ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް އަންނާނީ މި ގައުމާ ގުޅޭ ގޮތުން ވަރަށް ގިނަ ކަންކަން ދަސްކޮށްފައި ކަމަށެވެ. އެ ގޮތުން، އެ މީހުން ކުރާނެ ކަމަކީ ރާއްޖެއިން ރަނގަޅު ލޯ ފާމެއް ނަގައިގެން ރާއްޖޭގެ ހާލަތާއި އެ މީހުންނަށް މި ތަނުގައި އިންސާފު ލިބޭނެތޯ ޔަގީންކުރުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުން އެ މަނިކުފާނު ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުން ފެށިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވަރުގަދަ އިންވެސްޓެއް ނާންނަ ކަމަށެވެ.

"އެއީ، ރާއްޖޭގައި ބިން ނެތިގެންތޯ؟ ރާއްޖޭގައި ރީތި ރަށް ނެތިގެންތޯ؟ ރަށް ނުދޭތީތޯ އެއީ؟ ހުރިހާ އެއްޗެއް ވެސް އެބަހުއްޓޭ،" އެ މަނިކުފާނު ވިދާޅުވެދެއްވިއެވެ.

"އިންޓަނޭޝަނަލް އިންވެސްޓާސްއެއް ނާންނާނެ އޭގެ ޒާތުގައި އަދި ތަނެއް ހުޅުވާލާފައި އަންނާށޭ ބުނެގެންނެއް،"

https://sun.mv/207237

ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރި ސަބަބުތަކުގެ ތެރޭގައި ޚަރަދުކުޑަކުރަން ތަންފީޒުކުރަން ނިންމި ސިޔާސަތު ތަންފީޒުނުކުރެވުން ހިމެނެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޚަރަދު ކުޑަކުރަން ގެންގުޅުއްވި ސިޔާސަތު ދޫކޮށްލައްވައި، މަޝްރޫއުތައް ސަރުކާރު ކުންފުނިތައް މެދުވެރިކޮށް ހިންގައިގެން ޚަރަދު ކުޑަކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.

މި އަހަރުގެ ފަހުކޮޅު 688 މިލިއަން ޑޮލަރު ދަރަންޏަށް ދައްކަންޖެހޭއިރު، އަންނަ އަހަރު 1.1 ބިލިއަން ޑޮލަރު ދަރަންޏަށް ދައްކަން ޖެހެއެވެ. އެ ދަރަނި ނުދެއްކިދާނެކަމުގެ ބިރު ބޮޑުވެ، ކްރެޑިޓް ރޭޓިން 'ޖަންކް'ގައި އޮތް ނަމަވެސް ސަރުކާރުން އަންނަނީ މާ ބޮޑު ތަފުސީލަކަށް ނުގޮސް ދަރަނި ދެއްކޭނެކަމުގެ ޔަގީންކަން ދެމުންނެވެ.

comment ކޮމެންޓް