އިނގުރައިދޫގައި މަސްތުވާތަކެތި ވިއްކާކަމުގެ ތުހުމަތުގައި 62 އަހަރުގެ މީހަކު ހައްޔަރުކޮށްފި

އިނގުރައިދޫގައި މަސްތުވާތަކެތި ވިއްކާކަމުގެ ތުހުމަތުގައި 62 އަހަރުގެ މީހަކު ހައްޔަރުކޮށްފި --

ރ. އިނގުރައިދޫގައި މަސްތުވާތަކެތި ގެންގުޅެ، އެތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތުގައި އުމުރުން 62 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، ދަފްތަރު ނަންބަރު 2689، އަލީ ޝަރީފެވެ.

ފުލުހުން ބުނީ މިއީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މިދިޔަ ހޮނިހިރު ދުވަހު އިނގުރައިދޫގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްކަމަށެވެ. މި އޮޕަރޭޝަންގައި އަލީ ޝަރީފް ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ އާ ގުޅިގެން އޭނާ 10 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މިމައްސަލަ އިނގުރައިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

މިދިޔަ ހުކުރު ދުވަހު ފުލުހުން ވަނީ، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓުތަކަކާއެކު ހުޅުމާލެއިން 60 އަހަރުގެ ފިރިހެނަކު ވެސް ހައްޔަރުކޮށްފައެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި ވަރަށް އާންމުވެފައިވާ މައްސަލައެކެވެ.

ރާއްޖެ އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތި މިދިޔަ އަންގާރަ ދުވަހު ކަސްޓަމުން ވަނީ ހުއްޓުވައިފައެވެ. މަގުމަތީ އަގުން ބަލާނަމަ މިތަކެތީގެ އަގު ގާތްގަނޑަކަށް 26 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ މީގެކުރިން ވިދާޅުވެފައެވެ.

comment ކޮމެންޓް