ޗެލްސީގެ ފެށުން ރަނގަޅު، ޑެލަޕްގެ ފެށުން މާ ރަނގަޅު

ފީފާ ކްލަބް ވޯލްޑް ކަޕްގެ ގްރޫޕް ޑީގައި ޗެލްސީން ލޮސް އެންޖަލިސް އެފްސީ ބަލިކޮށް، ފެށުން ރަނގަޅުކޮށްފިއެވެ.

އެޓަލާންޓާގެ މާސިޑީޒް ބެންޒް ސްޓޭޑިއަމްގައި 22،000 ސަޕޯޓަރުންގެ ކުރިމަތީ ކުޅުނު މި މެޗު ޗެލްސީން ކާމިޔާބުކޮށްފައިވަނީ 2-0 އިންނެވެ.

ފުރަތަމަ ލަނޑު ޖަހައި ޗެލްސީން ލީޑު ނަގާފައިވަނީ 34 ވަނަ މިނެޓުގައި ކާމިޔާބުކުރި ލަނޑަކުންނެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ޕެޑްރޯ ނެޓޯއެވެ. ޗެލްސީން ކާމިޔާބުކުރި ދެވަނަ ލަނޑު 79 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެންޒޯ ފެނާންޑޭޒެވެ. މި ލަނޑު އޭނާ ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ޗެލްސީއަށް ފުރަތަމަ މެޗު ކުޅެން އެރި ލިއާމް ޑެލަޕް ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. ޑެލަޕް ދެވަނަ ހާފުގައި ކުޅެން ނުކުމެ، މޮޅު ކުޅުމެއް ދައްކާ ގިނަ ބަޔެއްގެ ސަމާލުކަން ހޯދައިފައެވެ.

މެޗުގައި ވާދަކުރި އެލްއޭއެފްސީ ޓީމުގައި ފަރަންސޭސިވިލާތާ އެކު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ދެ ކުޅުންތެރިން ކަމަށްވާ ހޫގޯ ލޮރިސްއާއި އޮލިވާ ޖިރޫ ކުޅުނެވެ. އެ ޓީމުން ޗެލްސީއަށް ނުރައްކާކުރި ނަމަވެސް ލަނޑެއް ކާމިޔާބުކުރެވޭގޮތެއް ނުވިއެވެ.

ގްރޫޕް ސީގައި ބޮކާ ޖޫނިއާސްއާއި ބެންފީކާ ބައްދަލުކުރި މެޗު ފޯރިގަދަ ކުޅުމަކަށް ފަހު 2-2 އިންވީ އެއްވަރެވެ. މައޭމީގައި ކުޅުނު މެޗުގެ ފުރަތަަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ބޮކާއިންނެވެ. މި ލަނޑު 21 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިގުއެލް މެރެންޓިއެލްއެވެ. އޭގެ ހަ މިނެޓް ފަހުން ބޮކާގެ ރޮޑްރިގޯ ބަޓަގްލިއާ ކާމިޔާބުކޮށްދިން ލަނޑުން ދެ ލަނޑުގެ ލީޑެއް ނެގިއެވެ.

މެޗުގެ އޮއިވަރު ބެންފީކާ ކޯޅަށް ބަދަލުވީ ފުރަަތަމަ ހާފު ނިމެން ގާތްވެފައިވަނިކޮށް ބެންފީކާއަށް ޕެނަލްޓީއެއް ލިބުނު ހިސާބުންނެވެ. މިކަމުގެ ތެރޭގައި ބޮކާގެ ބެންޗުގައި އިން އެންޑާ ހެރޭރާއަށް ރެފްރީ ރަތް ކާޑު ވެސް ދައްކާފައިވެއެވެ. މި ޕެނަލްޓީ ބެންފީކާއަށް ކާމިޔާބުކޮށްދިނީ އެންގެލް ޑި މާރިއާއެވެ.

ދެވަނަ ހާފުގައި އަނެއްކާ ވެސް ލަނޑެއް ފެނުމުގެ ކުރިން ފެނުނީ ރަތް ކާޑެކެވެ. މި ކާޑު ދައްކާފައިވަނީ ބެންފީކާގެ ފޯވަޑް އަންޑްރިއާ ޕެލޯޓީއަށެވެ. މެޗުގައި ބެންފިކާއިން ދެވަނަ ލަނޑު ޖަހާ ނަތީޖާ ހަމަހަމަކޮށްފައިވަނީ 84 ވަނަ މިނެޓްގައި ކެޕްޓަން ނިކޮލަސް އޮޓަމެންޑީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް މެޗުގެ ތިންވަނަ ރަތް ކާޑު ބޮކާގެ ހޯގޭ ފިގާލްއަށް ދެއްކިއެވެ.

މެޗުގެ އެއްވަރުވުމުން ގްރޫޕް ސީގައި ކޮންމެ ޓީމެއް އެއް މެޗު ކުޅުނުއިރު ބަޔާން މިޔުނިކް އޮތީ ތިން ޕޮއިންޓާ އެކު އެއްވަނައިގައެވެ. އަދި، ބެންފީކާއާއި ބޮކާއަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

comment ކޮމެންޓް