އާމްދަނީގެ ފަސް އިންސައްތަ ކައުންސިލްތަކަށް ދޭންޖެހޭތީ ނާޒިމްގެ ކަންބޮޑުވުން

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް: އޭނާ ވިދާޅުވީ، ބްލޮކް ގްރާންޓަށް ދައުލަތުގެ އާމްދަނީގެ 5 ޕަސެންޓު ދޭންޖެހޭ ގޮތަށް އޮތް އޮތުން ބަދަލުކުރަންޖެހޭ ކަމަށް -- ފޮޓޯ/ މަޖިލީސް

ދައުލަތުގެ އާމްދަނީގެ ފަސް އިންސައްތަ ކައުންސިލްތަކަށް ބޮލްކް ގްރާންޓްގެ ގޮތުގައި ދޭންޖެހޭ ގޮތަށް އޮތް އޮތުމަކީ މައްސަލައެއް ކަމަށާއި ގާނޫނަށް އިސްލާހު ގެނެސްގެން އެކަން ބަދަލުކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ ނިޒާމާ ގުޅޭ ގޮތުން މެންބަރުންގެ ހުރި ކަންބޮޑުވުންތަކަށް ބަހުސްކުރުމަށް ހުށަހަޅާފައި އޮތް ގަރާރުގެ އިބުތިދާއީ ބަހުސްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، ބްލޮކް ގްރާންޓްގެ ގޮތުގައި ކައުންސިލްތަކަށް ދެނީ ދައުލަތުގެ އާމްދަނީގެ ފަސް އިންސައްތަ ކަމަށެވެ.

އެ ގޮތުން މިދިޔަ އަހަރު އެކަނި ވެސް 2.4 ބިލިއަން ރުފިޔާ އެގޮތަށް ބްލޮކް ގްރާންޓްގެ ގޮތުގައި ދިނުމަށް ކަނޑައެޅި ކަމަށް ނާޒިމް ވިދާޅުވިއެވެ.

އާމްދަނީ އިތުރުކުރުމަށް މަޖިލީހުން ފާސްކުރި ޓެކްސް ބިލުތަކާ އެއްގޮތަށް މި އަހަރުގެ އާމްދަނީ ބޮޑުވަމުންދާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، މައްސަލައަކީ އެ ބޮޑުވާ އާމްދަނީގެ ފަސް އިންސައްތަ ވެސް ބްލޮކް ގްރާންޓްގެ ގޮތުގައި ދޭންޖެހުން ކަމަށެވެ.

އެހެންވީމާ އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އާމްދަނީން ޕަސެންޓަކަށް ހަދާފައި އޮތީމާ ދިމާވާނެ މައްސަލަ. އާމްދަނީ ބޮޑުވަމުންދާ ވަރަކަށް ބްލޮކް ގްރާންޓް ބޮޑުވަމުންދޭ. އެ އަދަދު ބޮޑުވަމުން ދިއުމަކީ ރައްޔިތުންނަށް އެއްޗެއް ލިބޭތީ އަޅުގަނޑުމެން މައްސަލަ ޖެއްސުމެއް ނޫން،މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް

ނާޒިމް ވިދާޅުވީ، ބްލޮކް ގްރާންޓްގެ ގޮތުގައި ދެވުނު ފައިސާގެ ތެރެއިން ކައުންސިލްތަކަށް ޚަރަދު ނުކުރެވި، ގާތްގަނޑަކަށް 1.7 ބިލިއަން ރުފިޔާއާ 2.5 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ކައުންސިލްތަކުގެ އެކައުންޓުތަކުގައި އެބަހުރި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވާ ކަމަށެވެ. އެ ފައިސާއަކީ ރައްޔިތުންގެ ބޭނުންތަކަށް ހޭދަ ނުކުރާ ފައިސާއެވެ.

ސަބަބަކީ އެ ފައިސާގެ އެކްސެސް ސަރުކާރަކަށް ވެސް އަދި އެ ޚަރަދުކުރެވޭނެ ގޮތްތަކެއް ކައުންސިލްތަކަކަށް ވެސް ނެތުން ކަމަށާއި އެއީ ބޭންކުތަކަށް ފައިދާވާ ގޮތަށް، ބޭންކުތަކުގައި ގަނޑުކުރެވިފައިވާ ފައިސާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ދައުލަތުގެ ފައިސާގެ ގޮތުގައި އެ ފައިސާ އެހެން ހުއްޓައި، ކޮންމެ މަހަކު ސަރުކާރުން އެތައް މިލިއަން ރުފިޔާގެ ޓީބިލާއި އިންޓްރެސްޓް ދައްކައިގެން ލޯނު ނަގަމުން ދަނީ އެ ފައިސާގައި އަތްލެވޭނެ ގޮތެއް ވެސް، އަދި ނަފާ ލިބޭނެ ގޮތެއް ވެސް ނެތުމުން ކަމަށް ވިދާޅުވެ ނާޒިމް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

އެހެންކަމުން އެއީ ލާމަރުކަޒީ ގާނޫނު އިސްލާހުކުރަންޖެހޭ މައިގަނޑު ސަބަބެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.

މި އަހަރަށް ލަފާކުރި ބަޖެޓުގައި ބްލޮކް ގްރާންޓްގެ ގޮތުގައި އެންމެ ފުރަތަމަ ހިމަނާފައިވަނީ 1.4 ބިލިއަން ރުފިޔާއެވެ.

https://sun.mv/198811

އެއީ، ލާމަރުކަޒީ ގާނޫނުގައި ބަޔާންކުރާ އަދަދަށްވުރެ ކުޑަ އަދަދެކެވެ. އެހެންވެ، އިދިކޮޅު ފަރާތްތަކުން ވަނީ އެ ކަމުގެ ކަންބޮޑުވުން ފާޅުކޮށް، ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފައެވެ.

އެހެންވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ގާނޫނުގައި ބަޔާންކުރާ އަދަދަށް ކައުންސިލްތަކަށް ބްލޮކް ގްރާންޓް ދެއްވާނެ ކަމަށް ކުރިން ވިދާޅުވެފައެވެ.

އޭރު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ވަނީ ލާމަރުކަޒީ ގާނޫނުގައި ބަޔާންކުރާ މިންގަނޑާ އެއްވަރަށް އެ އަދަދު އިތުރުކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. އެހެންވެ، ގާނޫނުގައި ބަޔާންކުރާ މިންގަނޑަށް އެ އަދަދު އިތުރުކުރަން ބޭނުންވާ 99.6 މިލިއަން ރުފިޔާ ކޮންޓިންޖެންސީ ބަޖެޓުން ނަންގަވައި، ބްލޮކް ގްރާންޓްގެ ގޮތުގައި ހިމަނަން މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.

ނަމަވެސް އަދި އަދަށް ވެސް ބްލޮކް ގްރާންޓް ބޮޑުނުވެ، އެކަމުގެ ޝަކުވާތައް ކައުންސިލްތަކުން ކުރަމުންދެއެވެ. ޚާއްސަކޮށް އިދިކޮޅު ފަރާތްތަކުން އެކަމުގެ ނުރުހުން ފާޅުކުރަމުންދެއެވެ.

comment ކޮމެންޓް