ނަޝީދާއި ޑިމޮކްރެޓްސްގެ އެންމެން އެނބުރި އެމްޑީޕީއާ ގުޅެން ނިންމައިފި

ނަޝީދު: އެ މަނިކުފާނު އަލުން އެމްޑީޕީއާ ގުޅެން ވަނީ ނިންމާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނުގެ ޑިމޮކްރެޓްސް ޕާޓިގައި ތިއްބެވި އެންމެހައި ބޭފުޅުން އެކީ އެނބުރި އެމްޑީޕީއަށް ގުޅިވަޑައިގަންނަވަން މިއަދު ނިންމަވައިފިއެވެ.

އެމްޑީޕީ ބައިބައިވެ، ނަޝީދުގެ ވަފާތެރިން ޑިމޮކްރެޓްސް އުފެއްދީ މިދިޔަ ރިޔާސީ އިންތިޚާބަށް ކުޑަތަންވެފައި އޮއްވައެވެ. އޭރު އެ މަނިކުފާނު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވެސް ވާދަކުރެއްވިއެވެ. ޕާޓީން ވަކިވެވަޑައިގަތީ އެ އިންތިޚާބުން ނާކާމިޔާބުވުމުންނެވެ.

ޑިމޮކްރެޓްސްއިން މިއަދު ވަނީ ގައުމީ މަޖިލީހުގެ ޚާއްސަ ބައްދަލުވުމެއް ބާއްވައިފައެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން މެންބަރުންތަކެއް 'ސަން'އަށް ކަށަވަރުކޮށްދިން ގޮތުގައި އެ ބައްދަލުވުމަށް ވަނީ އެ ޕާޓީގެ އެންމެން އެކީ އެނބުރި އެމްޑީޕީއާ ގުޅެން ގަރާރެއް ހުށަހަޅައިފައެވެ. އެ ގަރާރު ފާސްކޮށް، އެ ޕާޓީން ނިންމީ އެންމެން އެކީ އެމްޑީޕީއާ އަލުން ގުޅޭށެވެ.

އެ ގަރާރުގައި ވަނީ ލޯކަލް ކައުންސިން އިންތިޚާބު ކާމިޔާބުކުރުމަށާއި ގައުމުގެ މުސްތަގުބަލަށް އެންމެ ރަނގަޅު ގޮތަކީ ވަރުގަދަ އިދިކޮޅު ޕާޓީއެއް އޮތުން ކަމަށެވެ. އެކަން ކުރަން ގިނަ ބަޔަކު އެކުގައި މަސައްކަތްކުރަން ޖެހޭ ކަމަށް ގަބޫލުކުރާތީ، ޑިމޮކްރެޓްސްގެ މެންބަރުން ވަނީ އެނބުރި އެމްޑީޕީއާ ގުޅެން އިގުރާރުވެފައެވެ.

"އެމްޑީޕީގެ އަސާސީ ގަވާއިދުގައި މައްސަލައެއް ނެތް. ހިޔާލު ތަފާތުވީ އޭރުގެ ސަރުކާރާ،" އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން މެންބަރަކު ވިދާޅުވިއެވެ.

https://sun.mv/207367

މިދިޔަ ސަރުކާރު ނިމެންދިޔައިރު އެމްޑީޕީގެ ތެރޭގައި ވަރަށް ބޮޑަށް ހިޔާލު ތަފާތުވިއެވެ. ޚާއްސަކޮށް، ނަޝީދާއި އޭރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާ ދެ ބޭފުޅުންގެ ގުޅުން ވަރަށް ބޮޑަށް ގޯސްވިއެވެ. ނަޝީދު ގެންދެވީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި، ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރައްވަމުންނެވެ.

އޭރު އެމްޑީޕީގެ ރައީސްކަމުގައި ހުންނެވި ނަޝީދު އަމިއްލަފުޅަށް އެ މަގާމުން އިސްތިއުފާދެއްވީ ނޮވެންބަރު 13، 2023 ގައެވެ.

އޭރު އެ މަނިކުފާނަށް ވަފާތެރި މެންބަރުން ވަނީ އެމްޑީޕީ ދޫކުރައްވައި ވަޑައިގެން ޑިމޮކްރެޓްސް އުފައްދަވައިފައެވެ. އެ ޕާޓީގެ ރައީސަކަށް ފުރަތަމަ ހުންނެވީ ހަސަން ލަތީފެވެ. ނައިބު ރައީސަކަށް ހުންނެވީ އެމްޑީޕީގެ ނައިބު ރައީސްކަން ކުރެއްވި މުހައްމަދު ޝިފާޒް (ޝިއްޕެ)އެވެ.

އެމްޑީޕީއަށް ފާޑުކިޔުމަށް ފަހު ޑިމޮކްރެޓްސްއިން ވަނީ ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކޮށްފައެވެ. އެކަމަކު، އެ ޕާޓީއަށް ލިބުނީ އެންމެ ހަތް އިންސައްތަ ވޯޓެވެ. ދެވަނަ ބުރަށް ނުދިއުމުން ވެސް އެމްޑީޕީއާ ގުޅިގެން މަސައްކަތްކުރަން ޑިމޮކްރެޓްސްއިން ދެކޮޅު ހެދިއެވެ.

https://sun.mv/204711

އެކަމަކު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ފަހުން ނަޝީދު ވަނީ އެންމެ ރަނގަޅު ގޮތަކީ ޑިމޮކްރެޓްސްއާއި އެމްޑީޕީ ގުޅިގެން މަސައްކަތްކުރުން ކަމަށް ވިދާޅުވެ އެކި ފަހަރު މަތިން ވާހަކަފުޅުދައްކަވައިފައެވެ. އޭގެ ފަހުން، އެ މަނިކުފާނުގެ އަރިސް ބޭފުޅުންތަކެއް ކަމަށްވާ ހަސަން ލަތީފާއި ޝިފާޒްގެ އިތުރުން ޑިމޮކްރެޓްސްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރަކަށް ފުރަތަމަ ހުންނެވި އަލީ އާޒިމް ވަނީ ކުއްލިއަކަށް އެކީ އެމްޑީޕީއަށް ސޮއިކޮށްފައެވެ.

އެ ބޭފުޅުން އެނބުރި އެމްޑީޕީއަށް ވަޑައިގަތީ ނަޝީދު އަންގަވައިގެން ކަމަށް ތުހުމަތުކުރެވިފައި އޮއްވައި އެ ދުވަހު އެ މަނިކުފާނު ވަނީ 'އެމްޑީޕީއަކީ ދަރިއެއް'ފަދަ ޕާޓީއެއް ކަމަށް ވިދާޅުވެ، ދެ ޕާޓީއަށް ވެސް ކާމިޔާބަށް އެދޭ ކަމަށް ވިދާޅުވެފައެވެ.

https://sun.mv/201592

ސިޔާސީ ކަންކަމުން ފެޔަށް ޖެހިވަޑައިގެން ހުންނެވި ނަޝީދު މާލެ ވަޑައިގެން އިއްޔެ ވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުމަށް ފަހު މިއަދު ޑިމޮކްރެޓްސްއިން ވަނީ އެނބުރި އެމްޑީޕީއާ ގުޅެން ނިންމައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ނަޝީދު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓުގެ ވާދަވެރިކަން ވަރަށް ބޮޑެވެ. ފައްޔާޒާއި ނަޝީދުގެ ޝައުގުވެރިކަން ފާޅުކުރެއްވިއިރު، ފާޅުގައި ވިދާޅުނުވި ނަމަވެސް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވެސް އެ މަސައްކަތް ކުރައްވާކަން ވަނީ އެނގިފައެވެ.

comment ކޮމެންޓް