މަހާޒުގެ ފާޑުކިޔުން އޭސީސީއަށް: ތިން މަސްވީއިރު ސުވާލުނުކުރޭ، އެއީ ތަހުގީގެއް ނޫން

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު: އޭސީސީން ބަލަމުންދާ ޖިނާއީ މައްސަލައިގައި އަދިވެސް ސުވާލުނުކުރާ ކަމަށް ވިދާޅުވެ ފާޑުވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ސުޕްރީމް ކޯޓުގެ ކުރީގެ ތިން ފަނޑިޔާރުންގެ މައްޗަށް ބަލަމުން އަންނަ ޖިނާއީ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްގެންދާތީ، އެ ތިން ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަހާޒް އަލީ ޒާހިރު މިއަދު ފާޑުވިދާޅުވެއްޖެއެވެ.

އޭސީސީން ޖިނާއީ ތަހުގީގު ހިންގަމުންދަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަކިކުރި މަހާޒާއި ޑރ. އަޒްމިރަލްދާ ޒާހިރާއި މާރިޗް ހަތަރު ވަނަ އިސްތިއުފާ ދެއްވި ހުސްނުއްސުއޫދުގެ މައްޗަށެވެ.

އޭސީސީން އެ މައްސަލަ ބަލަމުންދާކަން މިދިޔަ ފެބްރުވަރީ މަހުގެ 26ގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް އެންގުމުން، އެ ކޮމިޝަނުން އެ ތިން ބޭފުޅުން ސަސްޕެންޑުކުރިއެވެ.

އޭގެ ފަހުން ޖޭއެސްސީން އެ ތިން ބޭފުޅުންގެ ސުލޫކީ މައްސަލަތަކެއް ބަލާ ކަމަށް ހާމަކޮށް، އެ މައްސަލަ ބަލައި ނިމުމުން މަހާޒާއި އަޒްމިރަލްދާ ވަކިކުރަން ފާސްކުރިއެވެ. އެއަށްފަހު ޖޭއެސްސީން އެ މައްސަލަ މަޖިލީހަށް ފޮނުވުމުން، ޖުޑިޝަރީ ކޮމިޓީއާއި ތަޅުމުން ވެސް އެގޮތަށް ފާސްކުރީއެވެ.

އެ މައްސަލަ ބެލި ގޮތާ ގުޅޭ ގޮތުންނާއި، ފަނޑިޔާރުންނަށް ޖަވާބުދާރީވާން ފުރުސަތު ނުދިމުން އެ ތިން ބޭފުޅުންގެ އިތުރުން ރާއްޖެއާއި ބޭރުގެ ގާނޫނީ އިދާރާތަކުން ވެސް ކަންބޮޑުވުން ފާޅުކުރިއެވެ.

އޭސީސީން ބަލާ މައްސަލައާ ގުޅޭ ގޮތުން މަހާޒް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތިން މަސް ދުވަހަށްވުރެ ގިނަ ދުވަސް ހޭދަވެފައިވާއިރު ސުވާލު ވެސް ނުކޮށް މައްސަލަ ބާއްވައިގެން ތިބުމަކީ ތަހުގީގު ކުރުން ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ، ގާނޫނުގައި ބުނާ ހިމާޔަތް އޭސީސީގެ މެމްބަރުންނަށް ވެސް ލިބޭނީ ހެޔޮ ނިޔަތުގައި ގާނޫނާ އެއްގޮތަށް އަމަލުކޮށްގެން ކަމަށެވެ.

"އެހެން ނޫންނަމަ މެމްބަރުން އަމިއްލައަށް ފަރުދީ ގޮތުން ދައްކަންޖެހޭނެ އަގު މާބޮޑުވާނެ. އޮޔާއި ވައި ބަދަލުވާ ވަގުތާއި އެކަންކަމުން ނުކުންނަ ނަތީޖާ އެންމެނަށް ވެސް އެނގޭ." މަހާޒް ލިޔުއްވާފައިވެއެވެ.

އޭސީސީން ބަލަމުންދާ ޖިނާއީ މައްސަލައާ ގުޅޭ ގޮތުން މައުލޫމާތު ދޭން މީގެ ކުރިން އެ ކޮމިޝަނުން ވަނީ ދެކޮޅުހަދައިފައެވެ. އެގޮތުން އެ ތަހުގީގާ ގުޅޭ ގޮތުން މީޑިއާތަކުން ސުވާލުކުރުމުން އޭސީސީން ބުނެފައިވަނީ، ކޮމިޝަނުގެ ގާނޫނުގައި ބުނާ ކޮރަޕްޝަނުގެ އަމަލެއް އޭސީސީއަށް ހުށަހަޅައިފި ނަމަ، އެއްވެސް ފަރާތެއް އިސްތިސްނާ ކުރުމަކާ ނުލައި އެ މައްސަލައެއް ތަހުގީގު ކުރުމަކީ ކޮމިޝަނުގެ މައްޗަށް އޮންނަ ގާނޫނީ ޒިންމާއެއް އަދި ވާޖިބެއް ކަމަށެވެ.

އެހެންވެ، ގާނޫނުއަސާސީއާއި ކޮމިޝަނުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެފަދަ މައްސަލަތައް ބެލުމުގައި ޖިނާއީ އަދުލުގެ ނިޒާމުގައު ހިމެނޭ ގާނޫނުތަކާއި ގަވައިދުތަކުން ކޮމިޝަނަށް މަތިކޮށްފައިވާ ބާރުތަކުގެ ތެރެއިން މައްސަލަތައް ބަލަމުންދާނެ ކަމަށް އޭސީސީން ބުނެފައިވެއެވެ.

https://sun.mv/203088

އެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުންނާއި އަމިއްލައަށް ވަކިވުމުން ގޮނޑި ގެއްލޭ ގޮތަށް މި ސަރުކާރުން ގާނޫނު އަސާސީއަށް ގެނައި އިސްލާހާ ދެކޮޅު މައްސަލައެއް ސުޕްރީމް ކޯޓުގައި ބަލަމުން ދަނިކޮށެވެ.

އެހެންވެ، ސުއޫދާއި އަޒްމިރަލްދާ ވަނީ ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވައި، އަމާޒަކަށްވީ ދުސްތޫރީ މައްސަލަ ބެލުން ހުއްޓުވުން ކަމަށް ތުހުމަތުކުރައްވައިފައެވެ. ނަމަވެސް ސަރުކާރުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

comment ކޮމެންޓް