މިނިސްޓަރު އިހުސާނަށް ދައޫދު ގުޅި، ތަހުގީގަށް ދިނީ ދޮގު ބަޔާނެއް: ކޮމިޝަން

ދާއޫދުއާއި ރައުދު -----

ހ. ފެންޓެނޯއީ ގެއިން ހައްވާ ޔުމްނު ރަޝީދު (21އ) ވެއްޓުނު މައްސަލައިގެ ތަހުގީގަށް އަހުމަދު ދާއޫދު ދީފައި ވަނީ ދޮގު ބަޔާނެއް ކަމަށާއި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަނިކޮށް ހޯމް މިނިސްޓަރު އަލީ އިހުސާނަށް ދާއޫދު ގުޅާފައިވާ ކަމަށް، އެ މައްސަލަ ތަހުގީގުކުރަން އުފެއްދެވި ރިޔާސީ ކޮމިޝަންގެ ތަހުގީގީ ރިޕޯޓުގައި ބުނެފިއެވެ.

ދާއޫދަކީ މި މައްސަލައިގައި ހިމެނޭ ރައުދު އަހުމަދު ޒިލާލުގެ އެއްބަނޑު އެއްބަފާ ބޭބެއެވެ. މީގެ ކުރިން އޭނާ ހުންނެވީ ރައީސް އޮފީހުގެ އަންޑާ ސެކްރެޓެރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައެވެ. ނަމަވެސް، މި މައްސަލަ ފެންމަތިވުމުން އެޕްރިލް މަހުގެ 24ވަނަ ދުވަހު އޭނާ ވަނީ މަގާމުން ސަސްޕެންޑު ކޮށްފައެވެ.

https://sun.mv/205173

ޔުމްނުގެ މައްސަލައިގައި ދާއޫދު ވަނީ ބަޔާން ދީފައެވެ. އެ މައްސަލައިގައި ދާއޫދު ތަހުގީގަށް ބުނީ، މި މައްސަލައާ ގުޅިގެން ސަރުކާރުގެ އެއްވެސް އިސް ބޭފުޅަކާ މުއާމަލާތު ކޮށްފައިނުވާނެ ކަމަށެވެ.

ހާދިސާއަށް ފަހު އެރޭ ރައުދާއި ދާއޫދު ބައްދަލުވެފައިވާ ކަމަށާއި ޔުމްނުގެ ވާހަކަ ދެމީހުންގެ މެދުގައި ދައްކާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ. ނަމަވެސް، އިންސާނިއްޔަތުގެ ނަޒަރުން ބަލާއިރު، ޔުމްނުއަށް ލިބުނު އަނިޔާތަކަށް ފަރުވާ ނުލިބި ފުރާޅުމަތީގައި އޮންނަން ޖެހުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

ހާދިސާ ހިނގި ދުވަހު އެކި ފަހަރުމަތިން ދާއޫދު މިނިސްޓަރު އިހުސާނާ ވާހަކަ ދައްކާފައިވާ ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ. އަދި، ހާދިސާގެ ފަހުން ރައުދު ގެއަށް ގެންދިޔުމުން އޭނާ ބަލައި ފޭބީ ދާއޫދު ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.

މި ރިޕޯޓުގައި މިނިސްޓަރު އިހުސާނާއި ދާއޫދާ ދެމެދު ދެކެވުނު ވާހަކަތަކުގެ ތަފުސީލު ހިއްސާކޮށްފައި ވެއެވެ. އެގޮތުން، ދާއޫދު އިހުސާނަށް ގުޅީ ހުކުރު ދުވަހުގެ މެންދުރު ފަހު 3:45ގައި ކަމަށާއި އެއީ އެއް މިނިޓުގެ ކޯލެއް ކަމަށާއި އެ ކޯލަށް ޖަވާބުދީ އައިޑީކާޑު ނަމްބަރު ފޮނުވައިދިނުމަށް އިހުސާނު ވިދާޅުވެފައި ވާކަމަށް އެ ބަޔާނުގައި ވެއެވެ.

އޭގެ ފަހުން އައިޑީކާޑު ނުފެނިގެން މި ތަފުސީލުތައް އެންމެ ރަނގަޅުވާނެތޯ އަހައި ދާއޫދު އިހުސާނަށް މެސެޖު ކުރި ކަމަށް އެ ރިޕޯޓުގައި ވެއެވެ. ޖަވާބުގައި އިހުސާނު ވިދާޅުވީ "އޯކޭ" މިފަދައިން ކަމަށް ރިޕޯޓުގައި ވެއެވެ.

މީގެ ފަހުން ދާއޫދު ފޮނުވި މެސެޖެއްގައި ފުލުހުން އޭނާގެ ކޮއްކޮއަށް ތުހުތަމު ކުރާ ކަމަށާއި ނަމަވެސް އެއީ އެކްސިޑެންޓެއްކަމަށް ލަފާކުރެވޭކަމަށް ބުނެ ދާއޫދު ވަނީ އިހުސާނަށް މެސެޖުކޮށްފައެވެ. އެ މެސެޖަށް ދިން ޖަވާބުގައި ވަނީ "ލެޓް މީ ޗެކް" މިފަދައިންނެވެ.

މިނިސްޓަރަށް ޝުކުރު އަދާކުރުމަށްފަހު އެރޭ 19:10ގައި ދާއޫދު އަނެއްކާ ވެސް ގުޅިކަމަށް އިހުސާނު ދިން ބަޔާނުގައި ވެއެވެ. ރިޕޯޓުގައި ވަނީ އެ ކޯލު ނުނެގުމުން އެރޭ 21:10ގައި ނޫސްވެރިން އެގޭ ކުރިމަތީގައި ތިބިކަމަށް ބުނެ މެސެޖެއް ކުރުމަށް ފަހު އަނެއްކާ ވެސް ދާއޫދު ގުޅިކަމަށެވެ. އެ ކޯލުގައި ދާއޫދު މިނިސްޓަރާ ހިއްސާކޮށްފައި ވަނީ ނޫސްވެރިން ގޭ ކުރިމަތީގައި ތިބުމުގެ ކަންބޮޑުވުމެވެ.

ރިޕޯޓުގައި ވާގޮތުން މިއީ 31 ސިކުންތުގެ ކޯލެކެވެ. އެއަށްފަހު އިހުސާނު ވަނީ އޭރު ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އަލީ ޝުޖާއުއަށް ނުވަތަ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަބްދުﷲ ޝަރީފަށް ގުޅުމަށް ފަހު ދާއޫދު ދިން އެޑްރެސްގައި އެއްވެސް ކަމެއް ހިނގާތޯ ބަލައިދިނުމަށް އެދިފައެވެ.

"އެބޭފުޅަކު އެތާތިބީ ފުލުހުންކަމަށް ބުނުމުން، ދާއޫދު އަހުމަދަށް ގުޅައި އެތާ ތިބީ ޕޮލިހުންކަމަށާއި ގޭގެ ދޮރު ހުޅުވުމަށް ބުނި ކަމަށާއި، އެދުވަހު ދާއޫދު އަހްމަދަށް ގުޅީ މި ކޭސްގައިކަން ނޭންގޭކަމަށާއި، އެކަމަކު ފަހުން އެނގުނުގޮތުގައި އެއީ މި މައްސަލަކަމަށާއި، އެ ދުވަހު ދަތުރު މަތީގައި ކަމުން މި ކޭސްގެ ޑީޓެއިލްސް އެއްވެސް ވަރަކަށް ހޯދިފައި ނުވާކަމަށެެވެ،" އިހުސާނާ ހަވާލާދީ ރިޕޯޓުގައި ވެއެވެ.

އޭގެ ފަހުން އެޕްރިލް 19ވަނަ ދުވަހުގެ ރޭ 1:43ގައި ވެސް ދާއުދު ވަނީ އިހުސާނަށް މެސެޖެއް ކޮށްފައެވެ. އެ މެސެޖުގައި ވަނީ، ފުލުހުން ރައުދު ހައްޔަރު ނުކުރާކަމަށާއި ގޭތެރެ ބަލައި ފާސްކޮށް ސުވާލު ކުރި ކަމަށެވެ. އަދި ފުލުހުންނަށް އެއްބާރުލުން ދޭނަމަ ހައްޔަރު ނުކުރާނެކަމަށް ފުލުހުން ބުނިކަމަށް އެ މެސެޖުގައި ވެއެވެ.

މި މެސެޖުގެ ރައްދުގައި އިހުސާނު ވިދާޅުވީ، ފުލުހުންނަށް އެއްބާރުލުން ދިނުމަށް ކޮއްކޮގާތު ބުނުމަށެވެ.

މި މައްސަލަގައި ދާއޫދު ފުލުހުންނާއި ކޮމިޝަނަށް ދިން ބަޔާނުގައި ފުށުއެރުންތަކެއް އެބަހުރި ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. އެހެންކަމުން ދާއޫދު ތަހުގީގަށް ދޮގު ބަޔާނެއް ދީފައިވާކަން ފާހަގަކުރެވޭކަމަށް ރިޕޯޓުގައިވެއެވެ.

މީގެ އިތުރުން މި ރިޕޯޓުގައި ވަނީ، ހާދިސާ ހިނގި ރޭ ރައުދާއި ޔުމްނު ފިޔަވައި އިތުރު މީހަކު ނުފެންނަ ކަމަށް ސީސީޓީވީ ފުޓޭޖުން ދައްކާ ކަމަށެވެ.

https://sun.mv/207422

އަދި ހެކިންގެ ހެކިބަހާއި ފޮރެންސިކް ރިޕޯޓުތަކަށް ބަލާއިރު ވެސް ތިންވަނަ ފަރާތެއް ހާދިސާ ހިނގި ތަނުގައި އެ ވަގުތު ހަރަކާތްތެރިވިކަން އެނގެން ނެތުމުން، ފެންޓޯނިއާގެ ނުވަ ވަނަ ފަންގިފިލާގެ ސިޑިގޮޅީގައިވާ ކުޑަ ދޮރުން ޔުމްނު ވައްޓާލުމުގައި ނުވަތަ ފުންމާލުމުގައި ނުވަތަ ވެއްޓުމުގައި ރައުދު ފިޔަވައި އެހެން ފަރާތެއްގެ ބައިވެރިވުމެއް އަމަލީ ގޮތުން އޮވެދާނެ ކަމަށް ކޮމިޝަނަށް ނުފެންނަ ކަމަށް އެ ރިޕޯޓުގައި ވެއެވ.

comment ކޮމެންޓް