ނަރުދަމާ ނިމި ޚިދުމަތް ނުދެވި ލަސްވަނީ ހުއްދައާއި ލިޔެކިޔުންތައް ހަމަނުވާތީ: މުއްތަލިބު

ހައުސިން އެންޑް އިންފްރާސްތްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު: ވިދާޅުވީ ނަރުދަމާގެ މަސައްކަތް ނިމިފައިވީ ނަމަވެސް ޚިދުމަތް ނުދެވެނީ ހުއްދައާއި ލިޔެކިޔުންތައް ހަމަނުވާތީ ކަމަށް -- ފޮޓޯ/ މަޖިލިސް

ނަރުދަމާގެ މަސައްކަތް ނިމިފައިވާ ގިނަ ރަށްރަށުގައި ޚިދުމަތް ނުދެވި ލަސްވަމުންދަނީ ޔޫޒާ ރައިޓްސް އެގްރިމެންޓް (ޔޫއާރްއޭ)އަށް ބޭނުންވާ ލިޔެކިޔުންތަކާއި ޓެންޑާ ބޯޑުން ނަގަންޖެހޭ ހުއްދަތަށް ނުނަގައި ހުރުމުގެ ސަބަބުން ކަމަށް ހައުސިން އެންޑް އިންފްރާސްތްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވައި މިނިސްޓަރު ވިދާޅުވީ، ނަރުދަމާގެ މަސައްކަތް ނިމިފައި ހުރި ވަރަށް ގިނަ ރަށްރަށް އެބަހުރި ކަމަށެވެ.

ނަމަވެސް، ޚިދުމަތް ދިނުމަށް ފެށިފައިނުވަނީ ޔޫއާރްއޭއަށް ބޭނުންވާ ބައެއް ލިޔެކިޔުންތައް ހަމަނުވުމުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.

"ގިނަ ރަށްރަށުގެ މަސައްކަތް އޭރު ހަވާލުކޮށްފައި އޮތީ ޔޫއާރްއޭއިން ނަގަން ޖެހޭ ހުއްދަތައް ނުނަގައި، ޑިޒައިންތައް ފައިނަލް ނުކޮށް އެ ޕްރޮޖެކްޓުތައް ކުރިއަށް ގެންގޮސްފައި ހުރީ އަމިއްލަ ފަރާތްތަކަށް ފެނަކައިން ސަބް ކޮންޓްރެކްޓްކޮށްގެން. ސަބް ކޮންޓްރެކްޓް ކޮށްފައި ހުރީ ވެސް ޓެންޑާ ބޯޑުން ނަގަންޖެހޭ ހުއްދަތައް ނުނަގައި،" މުއްތަލިބު ވިދާޅުވިއެވެ.

ނަރުދަމާގެ މަސައްކަތެއް ކުރިއަށްދަނީ: ބައެއް ރަށްރަށުގައި މަސައްކަތް ނިމުނު ނަމަވެސް ޚިދުމަތް ދޭން ނުފެށޭ --- ފޮޓޯ/ އެމްޑަބްލިއުއެސްސީ

އެ ކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް އެންވަޔަރަމަންޓް މިނިސްޓްރީއާ ގުޅިގެން ކުރަމުން އަންނަ ކަމަށް މުއްތަލިބު ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް، ޔޫއާރްއޭގެ އުސޫލުތައް ލުއިކޮށްގެން ނަމަވެސް ރައްޔިތުންނަށް ވީހާވެސް އަވަހަށް ޚިދުމަތް ފޯރުކޮށްދެވޭނެ ގޮތެއް ހޯއްދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ލަސްތަކެއްނުވެ، އެ ޚިދުމަތްތައް ރައްޔިތުންނަށް ލިބޭނެކަމުގެ އުންމީދު މިނިސްޓަރު ވަނީ ދެއްވައިފައެވެ.

މިއީ މި ފަހަކުން މިނިސްޓަރު މުއްތަލިބު މަޖިލީހަށް ވަޑައިގަތް ދެވަނަ ފަހަރެވެ. މެއި މަހުގެ 12 ވަނަ ދުވަހު އޮތް ޖަލްސާއަށް ވަޑައިގެން ވެސް މިނިސްޓަރު ވަނީ މަޝްރޫއުތައް ލަސްވާ ސަބަބުތަކާ ގުޅޭގޮތުން ވާހަކަދައްކަވައިފައެވެ.

ރަށްރަށުގައި މަޝްރޫއުތައް ނުހިނގައި، ޚިދުމަތް ލަސްވާ ކަންބޮޑުވުން ވަރަށް ބޮޑެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ވެސް އެނގޭ ގޮތުގައި މަޝްރޫއުތަކަށް ކުރި ހޭދަ ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެ ގޮތުން، މި އަހަރު މިހާތަނަށް މަޝްރޫއުތަކަށް ޚަރަދުކުރީ އެންމެ 1.4 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރު 5.2 ބިލިއަން ރުފިޔާ ޚަރަދުކުރިއެވެ. އެހެންވެ، މިދިޔަ އަހަރަށް ވުރެ މަޝްރޫއުތަކަށް ކުރި ޚަރަދު އެ ވަނީ 3.7 ބިލިއަން ރުފިޔާ ދަށްވެފައެވެ.

comment ކޮމެންޓް