ކައުންސިލަރުންގެ އަދަދާއި މުސާރަ ކުޑަ ކުރުމާ މެދު ޚިޔާލު ހޯދަން ހުށަހެޅި ގަރާރު ކޮމިޓީއަށް

ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ޝުޖާއު: ކައުންސިލަރުންގެ އަދަދު މަދުކުރުމާ މެދު ޚިޔާލު ހޯދަން ހުށަހެޅި ގަރާރު ބަލައިގަނެ ކޮމިޓީއަށް ފޮނުވަިއފި -- ފޮޓޯ/ މަޖިލިސް

ކައުންސިލަރުންގެ އަދަދު މަދުކޮށް، މުސާރައާއި އިނާޔަތްތައް އާބާދީއާ އެކަށީގެންވާ ވަރަށް ކުޑަކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޚިޔާލު ހޯދުމަށް ހުށަހެޅި ގަރާރު ބަލައިގަނެ މިއަދު ކޮމިޓީއަށް ފޮނުވައިފިއެވެ.

ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ޝުޖާއު ހުށަހެޅުއްވި އެ ގަރާރު ބަލައިގެންފައި ވަނީ 52 މެންބަރުންގެ ވޯޓުންނެވެ. ގަރާރާ ދެކޮޅަށް އެމްޑީޕީގެ 11 މެންބަރުން ވަނީ ވޯޓުދެއްވައިފައެވެ.

އެއާއެކު ރިޔާސަތުން ވަނީ އެ ގަރާރު ދިރާސާކުރުމަށް މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ފޮނުވައިފައެވެ.

އެ ގަރާރު ހުށަހެޅީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގައި ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކުގެ މައްޗަށް މެންބަރުންގެ ޚިޔާލުތައް ދެނެގަތުމަށްޓަކައެވެ.

އެ ގަރާރުގައި ކައުންސިލަރުންގެ އަދަދުތަކާ ގުޅޭގޮތުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެގޮތުން ދައުލަތުގެ ޚަރަދު ބޮޑުވެ، އިގްތިސޯދުކުރަން ޖެހިފައިވާ މިފަދަ ދަނޑިވަޅެއްގައި ގާނޫނުގައި ބަޔާންކުރާތީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ކޮންމެ ރަށަކުން މަދުވެގެން ފަސް ކައުންސިލަރުން ތިބެން ލާޒިމުކޮށްފައި އޮތް އޮތުން ރަނގަޅުތޯ ސުވާލުއުފައްދާފައިވެއެވެ.

ފާއިތުވި 15 އަހަރުތެރޭ ލޯކަލް ކައުންސިލްގެ ހަތަރު އިންތިޚާބެއް ބާއްވައި، އެތައް ހާސް ކައުންސިލަރުންނެއް އިންތިޚާބުކޮށް، އެތަކެއް ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން އެ ނިޒާމަށް ޚަރަދުކުރި ނަމަވެސް އެ ނިޒާމުގެ ސަބަބުން ރަށްތަކުގެ ތަރައްގީއަށް ގެނެވުނު އިތުރު ބަދަލެއް ފެންނާން ނެތްކަން ވަނީ ގަރާރުގައި ފާހަގަކޮށްފައެވެ. ޚާއްސަކޮށް އިދިކޮޅު ޕާޓީން ނެރޭ ކެންޑިޑޭޓުން ގިނަފަހަރަށް ސަރުކާރަށް އެއްބާރުލުން ނުދޭކަމުގެ ޝަކުވާ އޮންނަ ކަމަށް ބުނެފައިވެއެވެ.

އޭގެ އިތުރުން ކައުންސިލްތަކުގެ ބަޖެޓު ކުޑަކުރުމަށް ވެސް މި ގަރާރުގައި ޚިޔާލުފާޅުކޮށްފައިވެއެވެ. އެގޮތުން ކައުންސިލަރުންގެ މުސާރައަށް ބޮޑު ހޭދައެއްކުރާއިރު އެއީ އެކަން ހަމަ އޮންނަންޖެހޭ ގޮތްތޯ ސުވާލު އުފައްދާފައިވެއެވެ. އެ ނިޒާމުގައި ދެކޮޅުނުޖެހޭ އެތައް ކަމެއް ހުރިކަން ފާހަގަކޮށް ގަރާރުގައި ބުނީ ޒިންމާތައް ބޮޑު، އާބާދީ ބޮޑު ރަށްރަށާއި، މީހުން މަދު އަދި ކުރާނެ މަސައްކަތް މަދު ރަށްރަށުގެ ކައުންސިލަރުންގެ މުސާރައާއި އިނާޔަތްތައް ވެސް އެއްވަރު ކަމަށެވެ.

މި ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި:

  • 2،000 މީހުންނަށް ވުރެ މަދު އާބާދީއެއްގައި ނަމަ ތިން ކައުންސިލަރުން، 2000އަށް ވުރެ އާބާދީ ގިނަ ނަމަ ފަސް ކައުންސިލަރުން ތިބޭ ގޮތަށް ކަނޑައެޅުން.
  • އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އަދަދު ވެސް އެފަދައިން ކަނޑައެޅުން.
  • އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސަކީ ސީދާ ވޯޓަކުން ހޮވާ ފަރާތެއް ކަމުގައި ކަނޑައެޅުން.
  • ސިޓީ ކައުންސިލަރުންގެ އަދަދު މިހާރު ހުރި މިންވަރަށްވުރެ އިތުރުނުވާނެހެން ހަމަޖެއްސުން.
  • ކައުންސިލްތަކުގައި އަންހެނުންނަށް ޚާއްސަކުރެވޭ އިންސައްތަ 33 ޕަސެންޓުން 40 ޕަސެންޓަށް މަތިކުރުން.

ސަރުކާރުން ގެންނަން އުޅޭ ބަދަލުތަކާ އިދިކޮޅު އެމްޑީޕީން ދަނީ ދެކޮޅު ހަދަމުންނެވެ.

އެއީ ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވާލުމަށް މި ސަރުކާރުން ކުރަން އުޅޭ ކަމެއްގެ ގޮތުގައި އެ ޕާޓީން ސިފަކުރެއެވެ. ވަކިން ޚާއްސަކޮށް ކައުންސިލަރުންގެ އަދަދު މަދުވެއްޖެނަމަ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ނުދެވި، ކައުންސިލެއް ހިންގަން ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށް ބުނެއެވެ.

ނަމަވެސް އެމްޑީޕީގެ އެންމެ ފުރަތަމަ ސަރުކާރުގައި ލާމަރުކަޒީ ނިޒާމު ވުޖޫދުކުރުމުގައި، ގެންގުޅުނީ ގޯސް ނިޔަތެއް ކަމަށާއި، އެއީ މި ނިޒާމު އިސްލާހުކުރަންޖެހޭ އެންމެ މުހިންމު އެއް ސަބަބުކަމަށް ވިދާޅުވެ، މި ނިޒާމު އިސްލާހުކުރުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމަށް ސަރުކާރު މެންބަރުން ވަނީ މަޖިލިސް ތަޅުމުގައި ވެސް ތާއީދުކުރައްވައިފައެެވެ.

comment ކޮމެންޓް