ރާއްޖޭގެ ފުރަތަމަ މާސްޓާސް ޓޭބަލް ޓެނިސް ޓޯނަމަންޓްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ރާއްޖޭގެ ފުރަތަމަ މާސްޓާސް ޓޭބަލް ޓެނިސް ޓޯނަމަންޓްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކުރުން -- ފޮޓޯ/ ދިރާގު

ރާއްޖޭގައި ބާއްވާ ފުރަތަމަ ތޮއްޑޫ މާސްޓާސް ޓޭބަލް ޓެނިސް ޓޯނަމަންޓްގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށްފިއެވެ.

އަންނަ އޮގަސްޓު މަހުގެ 19އިން 25އަށް އއ. ތޮއްޑޫގައި ބާއްވާ މި ތާރީޚީ މުބާރާތް ވާނީ އެ ރަށުގައި އެ ގޮތަށް ބާއްވާ ފުރަތަމަ ބައިނަލްއަގުވާމީ ޓޭބަލް ޓެނިސް މުބާރާތަށެވެ.

ތޮއްޑޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑް (ޓީއެލްއޭސީ)އާއި އިހާ ޓޭބަލް ޓެނިސް އެކަޑަމީ (އައިޓީޓީއޭ) ގުޅިގެން އިންތިޒާމްކުރާ އެ މުބާރާތުގައި ޖަރުމަން، ޗައިނާ، ސްޕެއިން، އިންޑިއާ، އިނގިރޭސިވިލާތް، އަދި އެމެރިކާ ހިމެނޭ ގޮތަށް 20 އަށް ވުރެ ގިނަ ގައުމުން 130 އަށް ވުރެ ގިނަ އެތުލީޓުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

އުމުރުން 35 އަހަރުން މަތީގެ ކުޅުންތެރިންނަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ މަގްސަދަކީ ތޮއްޑޫގެ ލޯކަލް ކޮމިއުނިޓީއަށް އިގްތިސާދީ އަދި އިޖުތިމާއީ ފައިދާތައް ފޯރުކޮށްދިނުމުގެ އިތުރުން ރާއްޖޭގައި ޓޭބަލް ޓެނިސް އިތުރަށް ކުރިއެރުވުމެވެ.

ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ، އެ މުބާރާތުގެ ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވުމަކީ އެ ކުންފުންޏަށް ލިބޭ ފަޚުރެއް ކަމަށެވެ. އެގޮތުން، މުޖުތަމައުގެ ތެރޭގައި ބާއްވާ ހަރަކާތްތަކަށް އެއްބާރުލުންދީ، ކުޅިވަރު ތަރައްގީ ކުރުމަކީ ދިރާގުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށް ދިރާގުން ބުންޏެވެ.

"މިއީ ބައިނަލްއަގުވާމީ ކުޅިވަރު ހަރަކާތްތައް ބާއްވާ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިތުރަށް ޕްރޮމޯޓްވެގެންދާނެ ކަމެއް،" މިރްޝާން ވިދާޅުވިއެވެ.

ތޮއްޑޫ ކައުންސިލްގެ ރައީސް އަޙްމަދު ކަރަމް ވަނީ، ލޯކަލް ޓޫރިޒަމް ކުރިއަރުވައި، މުޖުތަމައުގެ ތެރޭގައި ކުރިއަގެންދާ މި ފަދަ ހަރަކާތްތަކަށް ދިރާގުން ދެމުންގެންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައި، ޝުކުރު އަދާކުރައްވައިފައެވެ.

https://sun.mv/204610

އެ މުބާރާތް ބާއްވަނީ ތޮއްޑޫ ކައުންސިލާއި ދިވެހި ޓޭބަލް ޓެނިސް އެކެޑަމީ، ''އިހާ'' ގުޅިގެންނެވެ. އިހާ އެކެޑެމީގެ ފައުންޑަރު، އިބްރާހިމް ލަތީފް ވިދާޅުވީ އެ މުބާރާތަކީ ރާއްޖޭގައި ޓޭބަލް ޓެނިސް ކުރިއެރުވުމަށް އަހަރުތަކެއް ވަންދެން ކުރަމުންގޮސްފައިވާ ބުރަ މަސައްކަތްތަކެއްގެ ނަތީޖާ ކަމަށެވެ.

"އަދި، މި މުބާރާތް ބޭއްވުމަށް ދިރާގުން ދީފައިވާ ފުރިހަމަ އެއްބާރުލުން އަގުވަޒަންކޮށް، ރާއްޖޭގެ އަންނަން އޮތް ޖީލުތަކުގެ އެތުލީޓުން ކުރިއެރުވުމަށް ދިރާގުން ކުރާ މުހިންމު މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރަން،" އިބްރާހިމް ލަތީފް ވިދާޅުވިއެވެ.

ދިރާގުން ދަނީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ފަތުވެރިކަން ކުރިއެރުވުމަށާއި، މުޖުތަމައުގެ ތެރޭގައި ހިންގާ ހަރަކާތްތަކަށް އެއްބާރުލުންދީ ކުޅިވަރު ތަރައްގީކުރުމަށް ކުރިއަށްގެންދާ މި ފަދަ މުހިންމު ހަރަކާތްތަކުގައި އެންމެ އިސް ސަފުގައި ބައިވެރިވަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް