ޕާޓީއަށް ގެއްލުން ދިން މީހެއް ނޫން ނަމަ މަރުހަބާ ކިޔާނަން: އެމްޑީޕީ ޕީޖީ

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒާ އެކު ރައީސް ނަޝީދާއި ޞާލިޙް: ނަޝީދު ވަނީ އެނބުރި އެމްޑީޕީއަށް ވަޑައިގަންނަވަން ނިންމަވާފައި -- ފޮޓޯ/ އަވަސް

އެމްޑީޕީއަށް ގެއްލުންވާ ކަންކަން ކޮށްފައިވާ ފަރާތެއް ނޫންނަމަ އަލުން އެމްޑީޕީއާ ގުޅުމުގެ ފުރުސަތު އޮންނަންޖެހޭނެ ކަމަށާއި އެ ފަރާތްތަކަށް އެ ޕާޓީން މަރުހަބާ ވެސް ކިޔާނެ ކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕު (ޕީޖީ)ން މިއަދު ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު އެމްޑީޕީ ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ، އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްރެޓްސްގެ މެންބަރުން އަލުން އަނބުރާ އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމެވުމުން އެކަމާ ގުޅޭގޮތުން ސުވާލުކުރައްވައިފައެވެ.

އެ ސުވާލަށް ޖަވާބުދެއްވައި އެމްޑީޕީ ޕީޖީގެ ފަރާތުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، އެ ޕާޓީގެ އުސޫލުތަކާ ޚިލާފުނުވެ، ޕާޓީއަށް އެއްވެސް ގެއްލުމެއް ދީފައިނުވާނަމަ ކޮންމެ މީހަކަށް ވެސް އެ ޕާޓީއާ ގުޅެވޭނެ ކަމަށެވެ. އަދި، އެ ޕާޓީން އެ މީހަކަށް މަރުހަބާ ވެސް ކިޔާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީ ޕީޖީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: އެމްޑީޕީއަށް ގެއްލުންވާ ކަންކަން ކޮށްފައިވާ މީހެއް ނޫންނަމަ ޕާޓީއާ ގުޅުމުގެ ފުރުސަތު އޮންނަންޖެހޭނެ ކަމަށް ބުނި -- ފޮޓޯ/ މަޖިލިސް

އެމްޑީޕީގެ އުސޫލުތަކާއި އަސާސްތަކާ ޚިލާފުވެ، ޕާޓީއަށް ގެއްލުންވާ ކަންކަން ކޮށްފައިވާ ފަރާތެއް ނޫންނަމަ އެމްޑީޕީއާ ގުޅުމުގެ ފުރުސަތު އޮންނަންޖެހޭނެ. އަޅުގަނޑުމެން އެ ކަމަށް މަރުހަބާ ކިޔާނަން،ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

ނަމަވެސް، ޕާލިމެންޓްރީ ގްރޫޕްގައި އެކަމާ ގުޅޭގޮތުން ވަކި މަޝްވަރާއެއް ނުކުރާ ކަމަށް މައުރޫފް ވިދާޅުވިއެވެ.

ނަޝީދާއި އެ މަނިކުފާނުގެ ޑިމޮކްރެޓްސް ޕާޓީގައި ތިއްބެވި އެންމެހައި ބޭފުޅުން އެކީ އެނބުރި އެމްޑީޕީއަށް ގުޅިވަޑައިގަންނަވަން ނިންމެވީ އިއްޔެ އެ ޕާޓީން ބޭއްވި ގައުމީ މަޖިލީހުގެ ޚާއްސަ ބައްދަލުވުމުގައެވެ. އެ ނިންމުމާ ގުޅިގެން އެމްޑީޕީން ވެސް ވަނީ މިރެއަށް ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމެއް ބާއްވަން ނިންމައިފައެވެ.

މިދިޔަ ސަރުކާރު ނިމެންދިޔައިރު އެމްޑީޕީގެ ތެރޭގައި ވަރަށް ބޮޑަށް ހިޔާލު ތަފާތުވިއެވެ. ޚާއްސަކޮށް، ނަޝީދާއި އޭރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާ ދެ ބޭފުޅުންގެ ގުޅުން ވަރަށް ބޮޑަށް ގޯސްވިއެވެ. ނަޝީދު ގެންދެވީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި، ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރައްވަމުންނެވެ.

އެމްޑީޕީ ބައިބައިވެ، ނަޝީދުގެ ވަފާތެރިން ޑިމޮކްރެޓްސް އުފެއްދީ މިދިޔަ ރިޔާސީ އިންތިޚާބަށް ކުޑަތަންވެފައި އޮއްވައެވެ. އޭރު އެ މަނިކުފާނު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވެސް ވާދަކުރެއްވިއެވެ. ޕާޓީން ވަކިވެވަޑައިގަތީ އެ އިންތިޚާބުން ނާކާމިޔާބުވުމުންނެވެ.

https://sun.mv/207449

އެކަމަކު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ފަހުން ނަޝީދު ވަނީ އެންމެ ރަނގަޅު ގޮތަކީ ޑިމޮކްރެޓްސްއާއި އެމްޑީޕީ ގުޅިގެން މަސައްކަތްކުރުން ކަމަށް ވިދާޅުވެ އެކި ފަހަރު މަތިން ވާހަކަފުޅުދައްކަވައިފައެވެ.

ސިޔާސީ ކަންކަމުން ފެޔަށް ޖެހިވަޑައިގެން ހުންނެވި ނަޝީދު މާލެ ވަޑައިގެން މިދިޔަ ހޯމަ ދުވަހު ވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުމަށް ފަހު އިއްޔެ ޑިމޮކްރެޓްސްއިން ވަނީ އެނބުރި އެމްޑީޕީއާ ގުޅެން ނިންމައިފައެވެ. ހަމައެއާއެކު ނަޝީދު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ.

ނަޝީދާއި އެ މަނިކުފާނުގެ ޑިމޮކްރެޓްސް ޕާޓިގައި ތިއްބެވި އެންމެހައި ބޭފުޅުން އެކީ އެނބުރި އެމްޑީޕީއަށް ގުޅިވަޑައިގަންނަވަން ނިންމާފައިވާތީ އެކަމާ ގުޅޭގޮތުން މަޝްވަރާކުރަން އެމްޑީޕީގެ ގައުމީ މަޖިލިސް މިރޭ އެއްވާން ވެސް ވަނީ ނިންމައިފައެވެ.

comment ކޮމެންޓް