އިސްރާއީލަކީ ހުޅަނގަށް ކުރަން ނުކެރޭ ހަޑި މުޑުދާރު ކަންކަން ކުރަން އަހަރެމެން އުފެއްދި ގައުމެއް: ޖަރުމަނު

ޖަރުމަނުގެ ޗާންސެލާ ފްރެޑްރިޝް މިޓްރިސް

ކެނަނަސްކިސް އަލަބާޓާ (18 ޖޫން 2025) : އިސްރާއީލަކީ ބައިނަލްއަގްވާމީ މުޖްތަމައުގައި ހުޅަނގުގެ ގައުމުތަކަށް ކުރަން ނުކެރޭ ހަޑި މުޑުދާރު ކަންކަން ކުރުމަށް އުފައްދާފައިވާ ގައުމެއް ކަމަށާއި ހުޅަނގަށް މިކަންކަން ކޮށްދޭތީ އިސްރާއީލަށް ޝުކުރުވެރިވާން ޖެހޭކަމަށް ޖަރުމަނުގެ ޗާންސެލާ ފްރެޑްރިޝް މިޓްރިސް ވިދާޅުވެއްޖެއެވެ.

ކެނެޑާގެ ކެނަނަސްކިސް އަލަބާޓާގައި ބޭއްވި ޖީ 7 ގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓަށްފަހު ޖަރުމަނުގެ ޒެޑް.ޑީ.އެފް ޓީވީ ނެޓްވާކަށް ދެއްވި ބަސްދީގަތުމެއްގައި ޗާންސެލާ ފްރެޑްރިޝް މިޓްރިސް ވިދާޅުވީ އިސްރާއީލަކީ ހުޅަނގުގެ ގައުމުތައް ތަމްސީލް ކުރާ ހުޅަނގުގެ ބައެކެވެ. އަދި ހުޅަނގުގެ ގައުމީ މަސްލަތު ހިމާޔަތް ކުރުމަށް މެދުއިރުމަތީގައި އުފައްދާފައިވާ ގައުމެވެ.

ފަލަސްތީނުގެ ބިމުގައި އިސްރާއީލު އުފެއްދީ ހުޅަނގުންކަން ބަޔާން ކުރައްވަމުން ޖަރުމަނުގެ ޗާންސެލާ ވިދާޅުވީ އިސްރާއީލު އުފެއްދުމުގެ މައިގަނޑު އެއް ބޭނުމަކީ ބައިނަލްއަގްވާމީ މުޖްތަމައުގައި ހުޅަނގުގެ ގައުމުތަކަށް ކުރަން ނުކެރޭ ހަޑި މުޑުދާރު ކަންކަން އިސްރާއީލު ލައްވައި ކުރުވުމެވެ.

އޭނާ މި އިޝާރާތް ކުރައްވަނީ ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގާ ގަތުލުއާންމުތަކާއި ނަސްލު ނައްތާލުމުގެ ޖަރީމާތަކާއި ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެއްސުމުގެ ޖަރީމާތަކަށް ވަނީ ބެލެވިފައެވެ. އަދި އިސްރާއީލުން ހިންގާ ޔަހޫދީ ޓެރަރިޒަމާއި ބަނޑުހައިކަން ތަހައްމަލްކުރާ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތީގެ ދަޅަދައްކައިގެން ކާބޯތަކެތި ބަހާތަންތަނަށް އެ މީހުން ގެންގޮސް ކާބޯތަކެއްޗަށް ދަހިކުރުމަށްފަހު އެ މީހުންގެ ގަޔަށް ބޮންއަޅައި ޝަހީދުކޮށްލުމަށް އިސްރާއީލު ހިންގާ ބާބަރިޒަމްގެ އަމަލުތަކުގެ މައްޗަށް ކަމަށް ވެސް ވަނީ ބެލެވިފައެވެ.

އެމެރިކާއާއި ޔޫރަޕްގެ ގައުމުތައް ތިބެނީ އިސްރާއީލުގެ މި ބާބަރިޒަމްއަށް ލޯމަރާލައިގެންނެވެ. ޔަހޫދީންގެ މި ބާބަރިޒަމަށް ހުޅަނގުގެ ގައުމުތަކުން އަޑިއަޑިން ތާއީދުކުރާކަން ހާމަވަނީ އިސްރާއީލުގެ ދިފާއުގައި އެ ގައުމުތައް ވާހަކަ ދައްކާތީއެވެ. އަދި ފަލަސްތީނު މީހުން މެރުމަށް އިސްރާއީލަށް ހަތިޔާރާއި ވަސީލަތްތަކާއި ވާގިވެރިކަން ދޭތީއެވެ. އިސްރާއީލުގެ ޖަރީމާތައް ބަލާ ބައިނަލްއަގްވާމީ ކޯޓުތަކުގެ ފަނޑިޔާރުންނަށް ބިރުދައްކައި އިސްރާއީލުގެ ޓެރަރިޒަމް ސްޕޮންސާ ކުރާތީއެވެ.

ހުޅަނގުގެ އިސްތިއުމާރީ ވެރިކަން އަރަބި ސަރަހައްދުން ދިޔުމުގެ ކުރިން އިނގިރޭސީން އިސްވެ ތިބެގެން އިސްރާއީލުގެ ނަމުގައި ހުޅަނގުގެ އިސްތިއުމާރު ތަމްސީލް ކުރާ ޔަހޫދީ ޒަޔަނިސްޓް އެންޓިޓީއެއް އަރަބި ބިމުގައި (ފަލަސްތީނުގައި) ޣައިރު ގާނޫނީ ގޮތުން އުފައްދާފައިވަނީ 1948 ވަނަ އަހަރުގައެވެ.

އިސްރާއީލޭ, މި ކިޔާ ޣައިރުގާނޫނީ ޒަޔަނިސްޓް އެންޓިޓީން ގެންދަނީ ފަލަސްތީނު ބިމަށް ވެރިވެގަތުމުގެ އިތުރުން ފަނާކުރަނިވި ހަތިޔާރު އުފައްދައިގެން އަވަށްޓެރިގައުމުތަކަށް ބިރުދައްކައި ގަތުލުއާންމު ހިންގައި ބިންތައްފޭރުމުގެ ބާބެރިޒަމްގެ އަމަލުތައް ހިންގަމުންނެވެ.

ހުޅަނގުގެ އިސްތިއުމާރުގެ ދުވަސްވަރު މިއަމަލުތައް ދުނިޔޭގައި ސީދާ ގޮތެއްގައި ހިންގީ ސީދާ ހުޅަނގުގެ ގައުުމުތަކުންނެވެ. އިނގިރޭސީންނާއި ފަރަންސޭސީންނާއި ޖަރުމަނު ފަދަ ހުޅަނގުގެ އިސްތިއުމާރީ ބާރުތަކުންނެވެ.

ޖަރުމަނުގެ ޗާންސެލާ ވިދާޅުވިގޮތުގައި މިހާރު ހުޅަނގުގެ ޕްރޮކްސީގައި މިއަމަލުތައް ހިންގަނީ އިސްރާއީލެވެ. ހުޅަނގުގެ ބާރުތަކުން މިހާރު އެ މީހުން ސިފަކުރަނީ "ތަހުޒީބު" ގައުމުތަކުގެ ގޮތުގައެވެ.

އިސްރާއީލުން އިއްޔެ ވެސް ވަނީ ޣައްޒާގައި ކާބޯތަކެތި ބަހާތަނަށް ކާބޯތަކެތި ހޯދުމަށް ގޮސްތިބި އެތައް ސަތޭކަ ބައެއްގެ ތެރެއިން 70 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ. މިއީ ހިޓްލަރު ފަދަ ހުޅަނގުގެ ޖައްބާރުވެރިން ހުޅަނގުގެ އިސްތިއުމާރުގެ ދުވަސްވަރު ހިންގި ފަދަ ޖަރީމާތަކެވެ.

އިނގިރޭސީންގެ އިސްތިއުމާރު އިންޑިއާގައި އޮތް ދުވަސްވަރު އިނގިރޭސިވިލާތުންވެސް ވަނީ ބަނޑަށް ޖައްސައިގެން އިންޑިއާގެ 10 ވަރަކަށް މިލިޔަން މީހުން ގަސްދުގައި މަރާފައެވެ. އިނގިރޭސި ބޮޑުވަޒީރެއްކަމަށްވާ ވިންސްޓަން ޗާޗިލްގެ ދައުރުގައި އިނގިރޭސީން އިންޑިއާގެ ރައްޔިތުން ބަނޑަށް ޖެއްސުމަށް އޭނާގެ ސަރުކާރުން މަސައްކަތް ކުރި އިރު ޗާޗިލްވަނީ އިންޑިއާ މީހުން ބަނޑަށް ތިއްބަސް މަހާތަމާ ގަންދީ ހުންނަވަނީ ކައިގެންކަމަށް ވިދާޅުވެ އިންޑިއާގެ މިނިވަންކަމުގެ ބާނީއަށް މަލާމާތް ކުރައްވާފައެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ވަނީ ޣައްޒާގެ ރައްޔިތުން ބަނޑަށް ތިއްބަސް ހަމާސްގެ ވެރިން ތިބެނީ ކައިގެން ކަމަށް ބުނެ ޗާޗިލް ދެއްކެވި ވާހަކަ ދައްކަވައި ފަލަސްތީނުގެ މުޖާހިދުންނަށް މަލާމާތް ކުރައްވާފައެވެ.

ފަލަސްތީނުގެ ބިމުގައި އިސްރާއީލު އުފައްދާފައިވަނީ ބައިނަލްއަގްވާމީ މުޖްތަމައުގައި ހުޅަނގުގެ ގައުމުތަކަށް ކުރަން ނުކެރޭ ހަޑި މުޑުދާރު އަމަލުތައް ހިންގުމަށް ކަމަށް ވިދާޅުވެ އެކަމަށްޓަކައި އިސްރާއީލަށް ޝުކުރު އަދާކުރެއްވި ޖަރުމަނުގެ ޗާންސެލާ ފްރެޑްރިޝް މިޓްރިސް ވަނީ އިސްރާއީލުން އީރާނަށް ހަމަލާދީ އީރާނާ ދެކޮޅަށް ހިންގާ ޖަރީމާތަކަށްޓަކައި އިސްރާއީލަށް ޚާއްސަ ޝުކުރެއް އަދާ ކުރައްވާފައެވެ.

ފްރެޑްރިޝް މިޓްރިސް ވިދާޅުވީ އީރާނަކީ ސަރަހައްދުގެ ގައުމުތަކަށް އިސްވެ ހަމަލާދީ ބުލީކޮށް ނުރައްކާތެރި ހަތިޔާރު އުފައްދައި މުޅި ދުނިޔެއަށް ބިރުދައްކަމުން ގެންދާ ނުރައްކާ ކުރާ އަދި އދ. ގެ ގަރާރުތަކަށް ގޮންޖަހާ ގައުމެއް ކަމަށާއި އީރާނަށް ހަމަލާދިނުމަކީ އިސްރާއީލުގެ ކެރުމާއި ހިއްވަރު ދައްކައިދިން ކަމެއްކަމަށް ސިފަކުރައްވާފައެވެ.

ޖީ 7 ގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓުން ނެރުނު ގުޅިފައިވާ ބަޔާނުގައިވެސް، އީރާނާ ދެކޮޅަށް އިސްރާއީލު ދެމުން ގެންދާ އުދުވާނީ ހަމަލާތަކަކީ އަމިއްލަ ނަފްސު ދިފާއު އިސްރާއީލު ފަށާފައިވާ ހަނގުރާމައެއްކަމަށް ސިފަކޮށް އިސްރާއީލުގެ ޓެރަރިޒަމަށް ވަނީ ފާޅުގައި ތާއީދުކޮށްފައެވެ.

ދުނިޔޭގެ އެއް ވަނަ ބޮޑު ހަނގުރާމަ އާއި ދެވަނަ ބޮޑުހަނގުރާމަވެސް ފެށީ ޔޫރަޕްގެ އިސްތިއުމާރީ ގައުމުތަކުންނެވެ. މީގެ ތެރެއިން އެއް ވަަނަ ބޮޑު ހަނގުރާމައިގައި ޔޫރަޕްގެ މިބާރުތަކުން ވަނީ ގާތްގަނޑަކަށް 16 މިލިޔަން މީހުން މަރާލާފައެވެ. ދެވަނަ ބޮޑު ހަނގުރާމައިގާ ޔޫރަޕްގެ ގައުމުތަކާއި އެމެރިކާ އަދި ޖަޕާނުން ވަނީ ގާތްގަނޑަކަށް 60 މިލިޔަން މީހުން މަރާލާފައެވެ.

comment ކޮމެންޓް