މާލެއަށް ބަރޯސާނުވެ، އަތޮޅުތެރެއިން ސިއްހީ ފަރުވާ ހޯދާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުން: ނާޒިމް

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް: ވިދާޅުވީ އަތޮޅު ތެރެއިން ސިއްޙީ ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވާކަމަށް --- ފޮޓޯ/ ހެލްތް މިނިސްޓްރީ

މާލެ އައުމުގެ ބަދަލުގައި އަތޮޅުތެރޭގެ ރަށްތަކުން ސިއްހީ ފަރުވާ ހޯދާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުން އަންނަކަން ތަފާސްހިސާބުތަކުން އެނގޭ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް މިރޭ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ސިއްހީ ދާއިރާގައި ދިމާވެފައި އޮންނަ އެންމެ ބޮޑު މައްސަލައަކީ ފަރުވާއަށް މުޅީންހެން މާލެއަށް ބަރޯސާވާންޖެހިފައި އޮތް އޮތުމެވެ. ނަތީޖާއަކީ މާލޭގެ ހޮސްޕިޓަލުތަކަށް ނުކަތާ މިންވަރަށް ބަލި މީހުން ބަލަން ޖެހުމެވެ. އޭގެ ސަބަބުން ފަރުވާ ނުލިބި އެތައް ދުވަހެއް ލަސްވެއެވެ.

އެސްއެސްޓީވީގެ "ބާރު ހަތަރެއް"ގައި މި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ތަފާސްހިސާބުތަކަށް ބަލާއިރު، އަތޮޅު ތެރޭގެ ރަށްތަކުން ފަރުވާ ހޯދާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާރު ވެސް އަތޮޅު ތެރޭގައި ބޭސް ފަރުވާ ހޯދާ މީހުންގެ އަދަދުތައް ދަނީ ހަމަ ވަރަށް ބާރު ސްޕީޑުގައި އިތުރުވަމުން. ކުޅުދުއްފުށްޓަށް ބެލިޔަސް އައްޑުއަށް ބެލިޔަސް، އުނގޫފާރު، ތިނަދޫ، މި ތަންތަނަށް ބެލިޔަސް، ވަރަށް ގިނަ ދިވެހި ރައްޔިތުން ބޭސް ފަރުވާގެ ޚިދުމަތްތައް އެ ތަންތަނުން އެބަ ހޯދައި" ހެލްތު މިނިސްޓަރު ނާޒިމް

ނާޒިމް ވިދާޅުވީ އަތޮޅުތެރޭގައި ސިއްހީ ފަރުވާ ޚިދުމަތްތައް ތަރައްގީވުމުން، އެ ޚިދުމަތް ހޯދުމަށް މާލެއަށް ބަރޯސާވާ މީހުންގެ އަދަދު މަދުވާނެ ކަމަށެވެ. އެހެން ނަމަވެސް ބޮޑެތި ބޭސް ފަރުވާގެ ޚިދުމަތް ހޯދުމަށް މާލެ ސަރަހައްދަށް މީހުން އަންނާނެ ކަމަށާއި، އެއީ ހުއްޓުވޭނެ ކަމެއް ނޫން ކަމަށް ނާޒިމް ވިދާޅުވިއެވެ.

"ދަންނަވަން ބޭނުންވާ ވާހައަކީ އަބަދު ވެސް އަތޮޅު ތެރެއިން މާލެއަށް، މީހުން ބޭސްފަރުވާގެ ޚިދުމަތް ހޯދަން އަންނާނެ. ތަރައްގީވަމުންދާ ވަރަކަށް މި ޚިދުމަތަށް [މާލެ ސަރަހައްދަށް] އަންނަ މީހުންގެ އަދަދު މަދުވުމަކީ ގާތްކަމެއް. އެހެން ނަމަވެސް އެ ކަމަކީ ހުއްޓޭނެ ކަމެއް ނޫން. އަދި ހުއްޓޭނެ ކަމަށް އިންތިޒާރު ކުރަންޖެހޭ ކަމެއް ކަމަށް ވެސް އަޅުގަނޑު ނުދެކެން" ހެލްތު މިނިސްޓަރު ނާޒިމް

ނާޒިމް ވިދާޅުވީ ސިއްހީ ނިޒާމެއްގައި އެންމެ މުހިންމު އެއް ކަމަކީ، މި ފަދަ ޚިދުމަތްތައް ވަށައިޖެހޭ ނިޒާމެއްގެ ދަށުން ކުރިޔަށް ގެންދިއުން ކަމަށެވެ.

އަތޮޅު ތެރޭގެ ރަށްތައް ތަރައްގީ ކުރުމުގައި ރާއްޖެއަށް ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރަށްތައް ދުރުދުރުގައި ހުރުމެވެ.

އެ ގޮންޖެހުންތަކާ އެކު ވެސް ސަރުކާރުން ވެސް ދަނީ ރާއްޖޭގެ ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެ ގޮތުން މިދިޔަ މަހުގެ ފަހުކޮޅު ޑައިލިސިސްގެ ޚިދުމަތް ނ، މ، ތ އަދި ގއ އަތޮޅަށް ފުޅާކޮށްފައިވެވެ. އަދި މި އަހަރުގެ ސެޕްޓެންބަރުގެ ނިޔަލަށް ހުރިހާ އަތޮޅަކަށް އެ ޚިދުމަތް ފުޅާ ކުރުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް