ރާއްޖޭގެ ރިސޯޓުތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ ޓެކާސް ދިރާގު ރިސޯޓު ކަޕް 2025ގެ ސައުތު ކާފު ޒޯނުގައި ޖޭޑަބްލިއު މެރިއަޓް ފުރަތަމަ މޮޅު ހޯދިއިރު، އޮޒެން ލައިފް މާދޫ ވެސް, ހާޑް ރޮކް ހޮޓެލް އަތުން މޮޅުވެއްޖެ އެވެ.
ކްރޮސްރޯޑްސްގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗު ޖޭޑަބްލިއު މެރިއަޓް ކާމިޔާބުކުރީ ސާއީ ލެގޫން އާއި ވާދަކޮށް 3-2 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ޖޭޑަބްލިއު މެރިއަޓްގެ ލަނޑުތަކުގެ ތެރެއިން އެއް ލަނޑަކީ ސާއީ ލެގޫންގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. މެޗުގައި އެ ޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކުރީ މުޙައްމަދު އަލީފް އާއި ހުސެއިން މުނާޒެވެ. ސާއީގެ ދެ ލަނޑު ޖެހީ ގުރެއިޝް އަބްދުލް ރައްޒާގާއި އިބްރާހީމް އަބްދުލް ރަހްމާނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޖޭޑަބްލިއު މެރިއަޓްގެ ހުސެއިން މުނާޒެވެ.

ދެވަނަ މެޗު އޮޒެން ކާމިޔާބުކުރީ ހާޑް ރޮކް ހޮޓެލްއާ ވާދަކޮށް 3-0 ގެ ނަތީޖާއަކުންނެވެ. އެ ޓީމުގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކުރީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު މުޙައްމަދު އައްޒާމެވެ. ދެން އެ ޓީމަށް ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު މާއިލް އަރީފެވެ.
މި މެޗުތަކާއެކު ދެ ގްރޫޕުގައި ވެސް ކޮންމެ ޓީމަކަށް ދެ މެޗު ވަނީ ލިބިފައެވެ.

މުބާރާތުގެ ޕޮއިންޓް ޓޭބަލް މިވަގުތު ފެންނަން އޮތް ގޮތް
މުބާރާތުގެ މެޗުތަކެއް ދެން ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގައެވެ. ހަވީރު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެސްއޯ މޯލްޑިވްސް އާއި ވެލައްސަރު މޯލްޑިވްސް އެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ސަން ސިޔާމް އޮޅުވެއްޔާއި އެނބޫދޫ ވިލެޖެވެ.
ދެ ގްރޫޕުގެ އެއްވަނަ ޓީމަށް ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުވާއިރު، ދެވަނަ އަދި ތިންވަނަ ޓީމުތަކުގެ މެދުގައި ޕްލޭ އޮފް ބުރެއް ކުރިއަށްދާނެ އެވެ. މި މެޗުތަކުން މޮޅުވާ ޓީމުތަކަށް ސެމީން ފުރުސަތު ލިބިގެންދާނެ އެވެ.