ފީފާ ކްލަބް ވޯލްޑް ކަޕްގެ ގްރޫޕް އެޗްގައި ރެއާލް މެޑްރިޑާއި އަލް ހިލާލް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
ރެއާލްގެ ކޯޗުކަމާ އަލަށް ހަވާލުވި ޒާބީ އޮލޮންސޯގެ ފުރަތަމަ މެޗު އެއްވަރުވީ 1-1 އިންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ގިނަ ހަމަލާ އުފައްދާފައިވަނީ ރެއާލުންނެވެ. ރެއާލްގެ ފުރަތަމަ 11 ގައި އެ ޓީމާ ވަރަށް ފަހުން ގުޅުނު ދެ ކުޅުންތެރިން ކަމަށްވާ ޓްރެންޓް އެލެގްޒެންޑާ އާނޯލްޑާއި ޑީން ހުއިސެން ކުޅެފައިވެއެވެ. ނަމަވެސް، އިތުބާރު ފޯވަޑް ކިލިއަން އެމްބާޕޭ ކުޅެފައެއް ނުވެއެވެ.
އަލް ހިލާލަށް ބަލައިލާއިރު އެ ޓީމުން ވެސް މެޗަށް ނުކުތީ އާ ކޯޗު ކަމަށްވާ ވަރަށް ފަހުން އިންޓާ މިލާނުން އެ ޓީމަށް ބަދަލުވި ސިމޯނީ އިންޒާގީގެ ކޯޗުގެކަމުގެ ދަށުން ފުރަތަމަ މެޗަށެވެ. މި ޓީމުން ފާހަގަކޮށްލެވޭ ކުޅުންތެރިންތަކެއް ފެނިފައިވެއެވެ. މިގޮތުން ޖާއޮ ކޮންސޭލޯ، ރުބެން ނެވޭސް، ސާގެއި މިލިިންކޮވިޗް ސަވިޗް އަދި ޔަސީން ބޯނޯ ފަދަ ކުޅުންތެރިން ހިމެނުނެވެ.
ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވަރަށް ހަމަހަމަ ކުޅުމެއް ފެނުނުއިރު މި ހާފުގައި އަލް ހިލާލުން ވަނީ ނުރައްކާތެރި ހަމަލާތަކެއް ނުފައްދާފައެވެ. އަދި، ލަނޑު ޖަހާނެ ފުރުސަތު ވެސް ތަނަވަސްކޮށްފައިވެއެވެ. މިއާ އެކު ވެސް މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ރެއާލުންނެވެ. މި ލަނޑު 34 ވަނަ މިނެޓުގައި އުފެއްދި ކައުންޓާ އެޓޭކެއްގައި ކާމިޔާބުކޮށްދިނީ ގޮންޒާލޯ ގާސިއާއެވެ.
ނަމަވެސް، ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް އަލް ހިލާލަށް ލިބުނު ޕެނަލްޓީއަކުން ނެވޭސް ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު ނަމަވެސް ލަނޑެއް ފެންނަ ގޮތެއް ނުވިއެވެ. މި ހާފުގައި އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މެޗު ނިމެން ގާތްވެފައިވަނިކޮށް ރެއާލަށެވެ. ނަމަވެސް، އެ ޓީމަށް ލިބުނު ޕެނަލްޓީ ކެޕްޓަން ފެޑެރީކޯ ވަލްވާޑޭ ޖެހުމުން އަލް ހިލާލްގެ ކީޕަރު ބޯނޯވަނީ ދިފާއުކޮށްފައެވެ.
މުބާރާތުގައި ރެއާލް ކުޅޭ ދެވަނަ މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ މަޗޫކާއާއެވެ. އަދި، އަލް ހިލާލް ބައްދަލުކުރާނީ އާރްބީ ސާލްޒްބާގްއާއެވެ.