ނިމިދިޔަ 10 އަހަރު އިތުރު ނުކުރެވޭހާ އެނދު މި އަހަރު އެކަނި އައިޖީއެމްއެޗަށް އިތުރުކުރެވިއްޖެ: ނާޒިމް

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް: އޭނާ ވަނީ، ނިމިދިޔަ 10 އަހަރު އިތުރު ނުކުރެވޭހާ އެނދު މިއަހަރު އައިޖީއެމްއެޗަށް އިތުރުކުރެވިއްޖެ ކަމަށް ވިދާޅުވެފަ -- ފޮޓޯ/ ހެލްތު މިނިސްޓްރީ

ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗަށް ނިމިދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި އިތުރު ނުކުރެވޭހާ ގިނަ އަދަދަކަށް މި އަހަރު އެކަނި އެނދު އިތުރު ކޮށްފައިވާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ރޭ ވިދާޅުވެއްޖެއެވެ.

އެސްއެސް ޓީވީގެ 'ބާރު ހަތަރެއް' ޕްރޮގްރާމުގައި އައިޖީއެމްއެޗްގެ ކިއުއާއި ގުޅޭގޮތުން ސުވާލުކުރުމުން މިނިސްޓަރު ނާޒިމް ވިދާޅުވީ، ކިއު ކުޑަކުރުމަށް އަޅަންޖެހޭ އެއް ފިޔަވަޅަކީ ހޮސްޕިޓަލުގެ ކެޕޭސިޓީ އިތުރުކުރުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ބައެއް ހާލަތްތަކުގައި ބައެއް އޮޕަރޭޝަންތައް ލަސްކުރަނީ އޮޕަރޭޝަން ތިއޭޓަރުތަކުން ނުވަތަ ވޯޑަކުން ޖާގަ ނުލިބުމުން ކަމަށެވެ. އެކަން ހައްލުކުރުމަށް 75 އެނދުގެ އިތުރު ވޯޑެއް އައިޖީއެމްއެޗަށް އިތުރުކުރެވިފައި ވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އައިޖީއެމްއެެޗަށް ބެޑް އިތުރުކުރުމުގެ ވާހަކަ ދައްކާއިރު މި އަހަރު އައިޖީއެމްއެޗަށް މި އިތުރުކުރެވުނީ ގާތްގަނޑަކަށް ވޭތުވެދިޔަ 10 ވަރަަކަށް އަހަރު އިތުރު ނުކުރެވޭހާ ބެޑް. ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް

މިނިސްޓަރު ވިދާޅުވީ އައިޖީއެމްއެޗްގެ ކިއު ކުޑަކުރުމަށް މިހާރު ކުރަމުންދާ މަސައްކަތްތައް ދަނީ ރަނގަޅު މިސްރާބަކަށް ކަމަށާއި ހޮސްޕިޓަލަށް އިތުރު މުވައްޒަފުން ހޯދުމަށް ކުރަމުންދާ މަސައްކަތްވެސް ސަރުކާރުން މިހާރު ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރު ވަނީ ވޭތުވެދިޔަ ތަނުގައި މާލެ ސަރަހައްދުގެ ހެލްތް ފެސިލިޓީސްތަކަށް ނުހޯދާހާ މުއައްޒަފުން ހޯދުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރަމުން އަންނަކަން ފާހަގަކުރައްވާފައެވެ.

އެގޮތުން 300 އަށްވުރެ ގިނަ އަދަދަކަށް މުއައްޒަފުން ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށާއި އޭގެތެރޭގައި ތަފާތު ދާއިރާތަކުގެ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން އެލައިޑް ހެލްތް ޕްރޮފެޝަނަލުން ހިމެނޭކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ ޚިދުމަތް ދޭ މީހުންގެ އަދަދު އިތުރުވުމާއި ޖާގައިގެ ތަނަވަސްކަން އިތުރުވުމުގެ އިތުރުން ޚިދުމަތްދޭ ގޮތަށް ގެންނަ ބަދަލާއެކު އައިޖީއެމްއެޗްގެ ކިއުއަށް ކުރިއަށް އޮތްތަނުގައި ލުއި ލިބިގެންދާނެ ކަމަށެވެ.

ނަމަވެސް ހޮސްޕިޓަލުތަކުގައި ކިއު އޮންނާނެކަމީ ގަބޫލުކުރަންޖެހޭ ކަމެއް ކަމަށާއި މުހިންމު ކަމަކީ ވީހާވެސް ކިއު ކުޑަކޮށްގެން ރައްޔިތުންނަށް ލުއި ގޮތަކަށް ޚިދުމަތް ދިނުންކަމަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

comment ކޮމެންޓް