މާލޭގެ ބޮޑުތަކުރުފާނު މަގު ނުވަތަ ބޭރު މަގުގައި ޕާކުކުރާ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ޓޯކުރާ އުޅަނދުތައް ދޫކުރާނީ 48 ގަޑިއިރު ފަހުން ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން ވަނީ މަޖީދީ މަގުގައި ޕާކުކުރާ އުޅަނދުތައް ވެސް ޓޯކުރަން ފަށައިފައެވެ.
މިއަދު ސޯޝަލް މީޑިއާގައި ފުލުހުން ކޮށްފައިވާ ޕޯސްޓެއްގައިވަނީ، ބޮޑުތަކުރުފާނު މަގުގެ ހިތިގަސްމަގު ކަންމަތިން ފެށިގެން މެހެލިގޯޅިއާ ހަމައަށް އާންމު ދަތުރުފަތުރާއި ޕަބްލިކް ޓަރާންސްޕޯޓަށް ދަތިވާ ގޮތަށް ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅނދުތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާނެ ކަމަށެވެ.
އެގޮތަށް ޕާކުކޮށްފައި ހުންނަ އުޅަނދު ދުއްވި ފަރާތާމެދު ފުލުހުން ފިޔަވަޅު އަޅާނެ ކަމަށާއި އެގޮތަށް ޓޯކުރާ އުޅަނދުތައް ދޫކުރާނީ 48 ގަޑިއިރު ފަހުން ކަމަށް ފުލުހުން ބުންޏެވެ.
އެހެންކަމުން އުޅަނދުތައް ޕާކުކުރުމަށް ކަނޑައަޅާފައިވާ ޕާކިންޒޯންތަކުގައި ޕާކުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ. އަދި، މަލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތަށް އާންމު ރައްޔިތުންގެ ފަރާތުންދޭ އެއްބާރުލުން ފާހަގަކޮށް ފުލުުހުން ވަނީ ޝުކުރުއަދާކޮށްފައެވެ.
ވެރިކަން ކުރަމުން އަންނަ މާލޭގައި ގަވާއިދާ ޚިލާފަށް ޕާކުކުރުމުގެ މައްސަލައަކީ ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ.
މާލޭ ސަރަހައްދުގައި ރެޖިސްޓްރީކޮށްގެން ދުއްވޭނެ ކަމަށް ކަނޑައަޅަން ފެންނަ އުޅަނދުގެ އަދަދަށްވުރެ އިތުރަށް 30،000 އުޅަނދު މާލޭ ސިޓީގައި މިހާރު ވެސް ދުއްވަމުން އަންނަ ކަމަށް، އިސްލާމިކް ޔުނިވަސީޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އިން ހެދި ދިރާސާއިން ދައްކާފައެވެ.
ދިރާސާގައި ވަނީ ސައިކަލުގެ އަދަދު 76،518އަށް، އަދި ކާރުގެ އަދަދު 5،610އަށް މަދުކުރުމަށް ލަފާދީފައެވެ.