އީރާނުން އިސްރާއީލުގެ ހޮސްޕިޓަލްތަކަށް ހަމަލާދޭއިރު ދުނިޔެ އޮންނަނީ ކުޅި ބަލަން: އިސްރާއީލު

އިސްރާއީލުގެ ސްޓޮކް މާކެޓް އިމާރާތަށް އީރާން ދިން ހަމަލާ

ޓެލްއަވީވު (19 ޖޫން 2025): އީރާނުން އިސްރާއީލުގެ ހޮސްޕިޓާތަކަށާއި އާންމުން ދިރިއުޅޭ މަދަނީ ތަންތަނަށް ހަމަލާދީ، އާންމުން މަރަމުން ގެންދާކަމަށާއި މިއީ ބައިނަލްއަގްވާމީ ގާނޫނާ ޚިލާފު ކަމެއްކަމަށް އިސްރާއީލުގެ ދިފާއީ ވަޒީރު އިސްހާގް ކާޓްސް ބުނެފިއެވެ.

އީރާނުން މިއަދު އިސްރާއީލަށް ދިން ރައްދު ހަމަލާތަކުގައި އިސްރާއީލުގެ ވެރިރަށް ތެލްއަވީވަށާއި ބިރް އައްސަބަޢު ސިޓީއަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އީރާނުގެ ސުޕަސޮނިކް މިސައިލްތައް މަތަކުރުމުގައި އިސްރާއީލުގެ ދިފާއީ ނިޒާމުތައް މުޅިން ފެއިލްވުމާއެކު އީރާނުގެ ބާރުގަދަ އެތައް މިސައިލަކުންވަނީ އިސްރާއީލުގެ ބައެއް އުސް އިމާރާތްތައް ބިމާހަމަކޮށްލާފައެވެ. އަނެއްބައި އިމާރާތްތައްވަނީ ދެން އެ ތަންތަނުގައި ދިރިނޫޅެވޭ ވަރަށް އެތަންތަން ފުނޑާލާފައެވެ.

އީރާނުން މިއަދު ފުނޑާލި ބޮޑެތި އިމާރާތްތަކުގެ ތެރޭގައި ޓެލްއަވީވުގައި ހުންނަ އިސްރާއީލުގެ ސްޓޮކްމާކެޓް އިމާރާތާއި އިސްރާއީލުގައި އިންވެސްޓްކޮށްގެން އުޅޭ ބޭރުގެ ބޮޑެތި ކުންފުނިތަކުގެ އޮފީސްތައް ހުންނަ 50 ބުރީގެ އިމާރާތަކާއި ބިރް އައްސަބަޢުގައި ހުންނަ ޔަހޫދީ އަސްކަރިއްޔާގެ ޖާސޫސީ މައި މަރުކަޒު ހިމެނެއެވެ.

އިސްރާއީލުގެ ހޮސްޕިޓަލަށް ލިބުނު ގެއްލުން

އީރާނުގެ ބަޔާނެއް ބުނާގޮތުން މި ޖާސޫސީ މަރުކަޒު ފުނޑާލުމަށް އެ ގައުމުން ދިން ވަރުގަދަ ހަމަލާގައި އެތާނގެ ކައިރީގައި ހުންނަ އިސްރާއީލު ސިފައިންގެ އަސްކަރީ ހޮސްޕިޓަލަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބި އެ ހޮސްޕިޓަލް ވަރަށް ބޮޑަށް ހަލާކުވެފައެވެ.

ރިޕޯޓްތައް ބުނާގޮތުން އީރާނުގެ ހަމަލާގެ ސަބަބުން އެ ހޮސްޕިޓަލްގައި ތިބި ބަލި މީހުންނާއި ޑޮކްޓަރުންނާއި ނަރުހުންގެ ތެރެއިން އެތައް ބަޔަކު ޒަޚަމްވިއެވެ. މި ތަންތަނަށް ލިބިފައިވާ ގެއްލުންތައް ބަލާލުމަށްފަހު އިސްރާއީލުގެ ހަރުކަށި އަދި އަނިޔާވެރި ޖައްބާރެއްކަމަށްވާ އިސްރާއީލުގެ ދިފާއީ ވަޒީރު އިސްހާގް ކާޓްސް ވަނީ އީރާނުން ހަމަލާދެނީ އިސްރާއީލުގެ ހޮސްޕިޓަލްތަކާށާއި އާންމުން ދިރިއުޅޭ މަދަނީ ތަންތަނަށް ކަމަށް ބުނެ ވަރަށް ރުޅިއައިސްގެން ވާހަކަ ދައްކާފައެވެ.

އޭނާ ބުނިގޮތުގައި އީރާނުން އިސްރާއީލަށް ހަމަލާދީ އިސްރާއީލު މީހުން ޑަޒަންޑަޒަނަށް މަރަމުން ގެންދާއިރު ބައިނަލްއަގްވާމީ މުޖްތަމައު އޮންނަނީ ކުޅިބަލާށެވެ. އީރާން މައިތިރި ކުރަން އެއްވެސް ކަމެއް ނުކުރެއެވެ. މިމޭރުމުން ވާހަކަ ދައްކަމުން ކާޓްސްވަނީ ވަރަށް ރުޅިއައިސްގެން އީރާނަށާއި ބައިނަލްއަގްޥާމީ މުޖްތަމައަށް ބަހުގެ ހަމަލާތައް ދީފައެވެ.

އިސްރާއީލުން ވަނީ ޣައްޒާގެ 30 ހޮސްޕިޓަލަށް އެތައް ފަހަރަކު ހަމަލާދީ އެތަންތަން ހަލާކުކޮށް ޑޮކްޓަރުންނާއި ނަރުހުންގެ އެތައް ސަތޭކަ ބަޔަކު ޝަހީދުކޮށްލާފައެވެ. އަދި އިސްރާއީލުގެ ސިފައިން އެއްގަމުން އެ ހޮސްޕިޓަލްތަކަށް އަރައިގަނެ ބަލިމީހުންގެ ގަޔަށް ބަޑިޖަހައި އެތަށް ސަތޭކަ ބަލިމީހުންނެއްވެސްވަނީ ޝަހީދުކޮށްލާފައެވެ.

މީގެއިތުރުން އިސްރާއީލުވަނީ ޣައްޒާގެ އާންމުން ދިރިއުޅޭ އިމާރާތްތަކަށް ބޮންއަޅައި އިމާރާތްތައް އެއްކޮށް ބިމާހަމަކޮށްލައި ޣައްޒާގެ 60 ހާހަށް ވުރެ ގިނަ އާންމުން ޝަހީދުކޮށްލާފައެވެ.

މިދިޔަ އަހަރު އިސްރާއީލުން ލުބްނާނަށް ދިން ހަމަލާތަކުގައިވެސް ލުބްނާނުގެ ދެ ހޮސްޕީޓަލަކަށް ބޮންއަޅައި ޑޮކްޓަރުންނާއި ނަރުހުންނާއި ބަލިމީހުން ހިމެނޭގޮތަށް އެތަށް ބަޔަކު ޝަހީދުކޮށްލިއެވެ. އަދި އިސްރާއީލުން ބައިނަލްއަގްވާމީ ގާނޫނަށް ގޮންޖެހުމަށްފަހު އީރާނަށް އިސްވެ ހަމަލާދީ އީރާނުގެ ހޮސްޕިޓަލްތަކަށްވެސް ވަނީ ބޮންއަޅާފައެވެ.

އިސްރާއީލުގެ ހަމަލާތަކުގައި އީރާނުގެ 500 އަށް ވުރެގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު އީރާނުން އަމިއްލަ ނަފްސުގެ ދިފާއުގައި ދޭ ހަމަލާތަކުގައި އަދި މަރުވިކަމަށް އިސްރާއީލު އެއްބަސްވެފައިވަނީ އެންމެ 26 މީހުންނެވެ. ނަމަވެސް އީރާނުގެ ހަމަލާތަކުގައި އިސްރާއީލުގެ 100 އަށް ވުރެގިނަމީހުން މަރުވެފައިވާކަމަށް ނުރަސްމީ ރިޕޯޓްތައް ބުނެއެވެ.

މިއަދު އީރާނުން އިސްރާއީލަށް ދީފައިވަނީ އާދަޔާ ޚިލާފަށް ބާރުގަދަ ހަމަލާތަކެކެވެ. އިސްރާއީލުގެ އަސްކަރިއްޔާ ވެސް މިކަމަށްވަނީ އެއްބަސްވެފައެވެ. އަޑަށްވުރެ 16 ގުނަ ބާރަށް ދަތުރުކުރާ ދެވައްތަރެއްގެ ހައިޕަސޮނިކް މިސައިލް ބޭނުންކޮށްގެން އީރާނުން މިއަދު ދިން ހަމަލާތައް މަތަކުރުމުގައި އިސްރާއީލުގެ 6 ބާވަތުގެ ދިފާއީ ނިޒާމުތައްވެސްވަނީ ފެއިލްވެފައެވެ.

އީރާނުގެ ހަމަލާތަކުގައި އިސްރާއީލުގެ 137 މީހަކު ޒަޚަމްވެފައިވާއިރު ފުރާނަ ސަލާމަތް ކުރަން ދަތިވާވަރަށް 20 މީހަކު ޒަޚަމްވެފައިވާކަމަށް އިސްރާއީލުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އީރާންވަނީ ފުރާނަ ސަލާމަތް ކުރަން ބޭނުންނަމަ އިސްރާއީލު ގެ ޔަހޫދީން ފަލަސްތީނުގެ ބިން ދޫކޮށް އެމީހުން ގެ އަމިއްލަ ގައުމުތަކަށް ދިޔުމަށް ގޮވާލާފައެވެ. ފަލަސްތީނުގެ ބިމަށް ވެރިވެގަނެގެން އުޅޭ ޔަހޫދީންނަށް ލިބޭ ގެއްލުމަށް އީރާން ޒިންމާ ނުވާނެކަމަށްވެސް އީރާނުގެ އިންގިލާބީ ލަޝްކަރުތަކުން ނެރުނު ބަޔާނެއް ބުނެއެވެ.

comment ކޮމެންޓް