މެސީގެ މޮޅު ކުޅުމާ އެކު އިންޓާ މައޭމީން ޕޯޓޯ ބަލިކޮށްފި

ފީފާ ކްލަބް ވޯލްޑް ކަޕްގެ ގްރޫޕް އޭގައި އިންޓާ މައޭމީއާއި އެފްސީ ޕޯޓޯ ބައްދަލުކުރި މެޗު އިންޓާ މައޭމީން ފަހަތުން އަރައި ކާމިޔާބުކޮށްފިއެވެ.

އިންޓާ މައޭމީގެ ކެޕްޓަން އަދި ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ލިއޮނެލް މެސީގެ ފަރާތުން މޮޅު ކުޅުމެއް ފެނުނީ މެޗު އެ ޓީމުން ކާމިޔާބުކުރީ ޕޯޓޯއިން ލަނޑެއް ޖަހައި ލީޑު ނަގާފައިވަނިކޮށް ފަހަތުން އަރައި 2-1 އިންނެވެ. ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަކޮށް ބޯޅަ ގެންގުޅުނުތަން ފެނުނީ މެޗުގައި ގިނަ ހަމަލާ އުފައްދާފައިވަނީ ޕޯޓޯއިންނެވެ.

މެޗުގެ އަށްވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޕޯޓޯއިންވަނީ ލަނޑެއް ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ސާމޫ އަގެހޯވާއެވެ. ފުރަތަމަ ހާފުގައި ޕޯޓޯއަށްވަނީ ލީޑު ފުޅާކުރާނެ ފުރުސަތު ލިިބިފައެވެ. ނަމަވެސް، އިންޓާއިން މެޗުގައި ދެއްކި ހިތްވަރު ގަދަ ކުޅުމުގެ ސަބަބުން ޕޯޓޯއަށް އެކަން ކުރެވޭގޮތެއް ނުވިއެވެ.

މި ހާފުގައި އިންޓާ މައޭމީގެ މެދުތެރެެއިން މެސީ އުމުރުން 37 އަހަރުގައި ވެސް ދައްކަމުންދިޔަ ކުޅުމުގެ ސަބަބުން މި ފެންވަރުގެ މެޗުތަކުގައި އޭނާއަށް އަދިވެސް ރަނގަޅު ކުޅުމެއް ދެއްކިދާނެކަން ސާބުތުކޮށްދެމުންދިޔައެވެ. ހަމައެއާއެކު ސާޖިއޯ ބުސްކަޓްސް ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާ ގިނަ ބަޔަކު ހައިރާންކޮށްލާފައެވެ. މެޗުގެ އިންޓާ މައޭމީއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު ދެވަނަ ހާފުގެ ކުޅުން ފެށިތާ ދެވަނަ މިނެޓުގައި ކާމިޔާބުކޮށްފައިވަނީ ޓެލަސްކޯ ސެގޮވިއާއެވެ. މެސީ ވަނީ މެޗުގެ 54 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ހިލޭ ޖެހުމަކުން މެޗުން އިންޓާ މައޭމީ މޮޅުކޮށްދިން ލަނޑު ޖަހައިދީފައެވެ. މިއީ އޭނާ އިންޓާ މައޭމީއަށް ކާމިޔާބުކޮށްދިން 50 ވަނަ ލަނޑެވެ. އަދި މިއީ ކްލަބް ވޯލްޑް ކަޕް މުބާރާތް ތަކުގައި އޭނާ މިހާތަނަށް ކާމިޔާބު ކުރި ހަވަނަ ލަނޑެވެ.

މި ކާމިޔާބީއާ އެކު އިންޓާ މައޭމީ މިހާރު އޮތީ ކުޅުނު ދެ މެޗުން ލިބިފައިވާ ހަތަރު ޕޮއިންޓާ އެކު ގްރޫޕް އޭގެ ދެވަނައިގައެވެ. އަދި، ޕޯޓޯ އޮތީ އެއް ޕޮއިންޓާ އެކު ގްރޫޕްގެ ތިންވަނައިގައެވެ. ގްރޫޕްގައި ދެން ހިމެނޭ ދެ ޓީމު ކަމަށްވާ ޕަލްމެއިރާސްއާއި އަލް އަހްލީ ބައްދަލުކުރި މެޗު 2 ލަނޑު ސުން ލަނޑުން ކާމިޔާބުކޮށްފައިވަނީ ޕަލްމެއިރާސްއެވެ.

މި ކާމިޔާބީއާ އެކު ޕަލްމެއިރާސް އޮތީ ހަތަރު ޕޮއިންޓާ ފައިދާ ގޯލަށް ބަލާއިރު ގްރޫޕްގެ އެއްވަނައިގައެވެ. އަދި، އަލް އަހްލީ އޮތީ އެއް ޕޮއިންޓާ އެކު ގްރޫޕްގެ ހަތަރުވަނައިގައެވެ.

ގްރޫޕްގައި ކޮންމެ ޓީމަކަށް ބާކީ އެއް މެޗު އޮތްއިރު ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު މިހާރު ބޮޑީ ހަތަރު ޕޮއިންޓާ އެކު އެއްވަނަ އަދި ދެވަނައިގައި އޮތް ޕަލް މެއިރާސްއާއި އިންޓާ މައޭމީއަށެވެ. އެއީ، އަންނަ އަންގާރަ ދުވަހު އިންޓާ މައޭމީއާއި ޕަލް މެއިރާސް ބައްދަލުކުރާ މެޗު އެއްވަރުކޮށްލައިގެން ދެ ޓީމަށް ދެވަނަ ބުރު ކަށަވަރުވާނެތީއެވެ.

މި ގްރޫޕުން ޕޯޓޯއާއި އަލް އަހްލީއަށް ދެވަނަ ބުރުގެ ޖާގައެއް ލިބެން އަންނާނީ އިންޓާ މައޭމީއާއި ޕަލް މެއިރާސްގެ މެޗު ކޮންމެ ވެސް އެއް ޓީމެއް ކާމިޔާބުކޮށް، ޕޯޓޯއާއި އަލް އަހްލީ ބައްދަލުކުރާ މެޗު ތަފާތު ބޮޑުކޮށް ކޮންމެ ވެސް އެއް ޓީމެއް ކާމިޔާބުކޮށްގެންނެވެ. މެޗު އެއްވަރުވެއްޖެނަމަ ދެވަނަ ބުރަށް ދާނީ އިންޓާ މައޭމީއާއި ޕަލްމެއިރާސްއެވެ.

comment ކޮމެންޓް