ޕީއެސްޖީ ބޮޓަފޯގޯގެ އަތްދަށުވެއްޖެ، މާރިޗު މަހަށް ފަހު ލަނޑެއް ނުޖެހުނު ފުރަތަމަ މެޗު

ފީފާ ކްލަބް ވޯލްޑް ކަޕްގެ ގްރޫޕް ބީގައި ޔޫރަޕްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) ދެކުނު އެމެރިކާގެ މިދިޔަ އަހަރުގެ ޗެމްޕިއަން ބޮޓަފޯގޯގެ އަތްދަށުވެއްޖެއެވެ.

ކެލިފޯނިއާގެ ރޯޒް ބޯލް ސްޓޭޑިއަމްގައި ކުޅުނު މެޗު ބޮޓަފޯގޯއިން ކާމިޔާބުކޮށްފައިވަނީ 1-0 އިންނެވެ.

ޕީއެސްޖީން މެޗުގެ ބޮޑުބައި ކޮންޓްރޯލްކުރި ނަމަވެސް ލަނޑެއް ޖެހޭގޮތެއް ނުވިއެވެ. ފުރަތަމަ 11އިން މުހިންމު ބައެއް ކުޅުންތެރިން އުނިކުރި ނަމަވެސް ވަރުގަދަ ޓީމެއް ނެރުނެވެ.

މެޗުގެ ހަމައެކަނި ލަނޑު ބޮޓަފޯގޯއިން ކާމިޔާބުކޮށް، ލީޑު ނަގާފައިވަނީ ޕީއެސްޖީން މޮޅަށް ކުޅެމުންދަނިކޮށް އުފެއްދި ހަމަލާއެއްގައި 36 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އީގޯ ހޭސުސްއެވެ.

މި ކާމިޔާބީއާ އެކު ބޮޓަފޯގޯއިން ގްރޫޕް ބީގެ އެއްވަނަ ހަ ޕޮއިންޓާ އެކު ހޯދިއިރު ބޮޓަފޯގޯވެގެން ގޮސްފައި މިވަނީ މި އަހަރުގެ މާރިޗު މަހަށް ފަހު ޕީއެސްޖީއަށް ލަނޑެއް ޖެހުނަނުދީ ހިފަހައްޓާލި ފުރަތަމަ ޓީމުގެ ގޮތުގައެވެ. އަދި، މި ކާމިޔާބީއާ އެކު ބޮޓަފޯގޯ ވެފައިވަނީ 2012 ވަނަ އަހަރަށް ފަހު ކްލަބް ވޯލްޑް ކަޕްގައި ޔޫރަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ބަލިކުރި ދެކުނު އެމެރިކާގެ ފުރަތަމަ ޓީމަށެވެ.

މެޗުން ބަލިވުމުން ޕީއެސްޖީ އޮތީ ތިން ޕޮއިންޓާ އެކު ދެވަނައިގައެވެ. ގްރޫޕްގައި އެޓްލެޓިކޯ މެޑްރިޑާއި ސިއާޓަލް ސައުންޑާސް ބައްދަލުކުރި މެޗު 3 ލަނޑު އެއް ލަނޑުން ކާމިޔާބުކޮށްފައިވަނީ އެޓްލެޓިކޯއިންނެވެ. މެޗުގައި އެޓްލެޓިކޯގެ ތިން ލަނޑު ކާމިޔާބުކޮށްދިނީ ޕަބްލޯ ބަރިއޯސްއާއި އެކްސެލް ވިޓްސެލްއެވެ. އަދި، ސިއާޓްލްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އަލްބާޓް ރަސްނަކްއެވެ.

މި ކާމިޔާބީއާ އެކު އެޓްލެޓިކޯ ވެސް ވަނީ މި ފަހަރުގެ މުބާރާތުގެ ފުރަތަމަ ކާމިޔާބީއާ އެކު ލިބުނު ތިން ޕޮއިންޓާ އެކު ގްރޫޕްގެ ތިންވަނައަށް އަރާފައެވެ. ގްރޫޕްގައި މިހާރު ކޮންމެ ޓީމެއް ދެ މެޗު ކުޅެފައިވާއިރު ދެވަނަ ބުރުން ޖާގަ ހޯދުމުގެ ފުރުސަތު ބޮޑީ ބޮޓަފޯގޯއަށެވެ. އެއީ، ފަހު މެޗުގައި އެޓްލެޓީކޯއާ ބައްދަލުކޮށް އެއްވަރުކޮށްލައިގެން ވެސް ދެވަނަ ބުރުގެ ޖާގައެއް އެ ޓީމަށް ކަށަވަރު ކުރެވާނެތީއެވެ. އެޓްލެޓިކޯއަށް ފުރުސަތު އޮންނާނީ ބޮޓަފޯގޯއާއި ބައްދަލުކުރާ މެޗު ކާމިޔާބުކޮށް ޕީއެސްޖީއާއި ސިއާޓްލް ސައުންޑަސް ބައްދަލުކުރާ މެޗުން ޕީއެސްޖީ މޮޅު ނުވެވިއްޖެނަމައެވެ. އަދި، ގްރޫޕްގެ ފަހު ދެ މެޗުން އެޓްލެޓިކޯއާއި ޕީއެސްޖީ މޮޅުވެއްޖެނަމަ ދެން ދެވަނަ ބުރަށް ދާ ޓީމެއް ކަށަވަރުވާނީ ހެޑް ޓު ހެޑަށް ބަލާ ކުރި ލިބޭ ބަޔަކަށެވެ.

comment ކޮމެންޓް