ހުޅުމާލޭގައި ކަފިހި ހުރަސް މަތިން މަގު ހުރަސްކުރި މީހެއްގެ ގައިގައި އެ މަގުން ދުއްވާފައި ދިޔަ ސައިކަލެއް ޖެހުމުން، ސައިކަލު ދުއްވަން އިން މީހާ މަޑުނުކޮށް ފިލި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ނިރޮޅުމަގު، އައިއޯއެން ފިހާރަ ކުރިމަތީގައި އޮންނަ ކަފިހިހުރަސް މަތީގައި ހިނގި އެ އެކްސިޑެންޓުގެ މައްސަލަ ރިޕޯޓުކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ 14:10 އެހައިކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.
އެ މުއައްސަސާއިން ބުނީ އެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 54 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ. އެ މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާތީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަން ފުލުހުން ފާގަކުރިއެވެ.
އެ މައްސަލައާ ގުޅިގެން އިއްޔެ ފުލުހުން ވަނީ ގއ. މާމެންދޫ، މޫންލައިޓްވިލާ، މުޙައްމަދު ނާޝިއު (20އ) ހައްޔަރުކޮށްފައެވެ. އޭނާއަކީ އެކްސިޑެންޓުވި ސައިކަލު ދުއްވި މީހާ ކަމަށާއި އޭނާއަކީ ސައިކަލު ދުއްވުމުގެ ލައިސަންސް ނެތް މީހެއްކަން ފުލުހުން ހާމަކުރިއެވެ.
އިއްޔެ ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ހަ ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
މަގު ހުރަސްކުރަން ކަފިހިހުރަސް ބޭނުންކުރި ނަމަވެސް، ބާރު ސްޕީޑުގައި ދުއްވާ ސައިކަލާއި ކާރުގައި ޖެހި މީގެ ކުރިން ވެސް ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާފައި އެބަހުއްޓެވެ. އެ އެކްސިޑެންޓުތަކުގައި ބައެއް މީހުންގެ ފުރާނަވެސް ގެއްލިފައި އެބަހުއްޓެވެ.