ނަޝީދުމެން ވަކިވި މާޒީ ދޫކޮށް، ވެރިކަން ބަދަލު ކުރެވޭ ކޮންމެ ފޯމިއުލާއަކަށް ތައްޔާރު: ޝާހިދު

ނަޝީދާއި ޝާހިދު: ނަޝީދާއި މެންބަރުން ވަކިވުންވީ ހިތްދަތި ތަޖުރިބާއަކަށް ނަމަވެސް މާޒީ ދޫކޮށްލަން ވެއްޖެ ކަމަށް ޝާހިދު ވިދާޅުވި -- ފޮޓޯ/ އެމްޑީޕީ

މިހާރު ވެރިކަމުގައި އޮތީ އަނިޔާވެރި ސަރުކާރެއް ކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ބަދަލުކުރަން ކޮންމެ 'ފޯމިއުލާ'އެއް ބޭނުންކުރަން ވެސް ތައްޔާރު ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރު އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ހަރަކާތްތައް ފަށައި، އެމްޑީޕީގެ އިސް ބޭފުޅުންތަކެއް ވަނީ ފުވައްމުލަކު ސިޓީއަށް ވަޑައިގެންފައެވެ.

އެ ސިޓީގައި ރޭ ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ، އެމްޑީޕީ އާއިލާގެ ތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތަކެއްގެ ތެރޭގައި ހިތްދަތި ދުވަސްތަކެއް ހޭދަކޮށްފައިވީ ނަމަވެސް، ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕެއިން ހަރަކާތްތައް ޕާޓީން ފަށަނީ އުފާވެރިކަމާ އެކުގައި ކަމަށެވެ.

މިހާރު ލިބޭ އުފަލަކީ، އެ ހިތްދަތި ދުވަސްތައް މާޒީއަށް ވެފައިވުންކަމަށް އޭނާ ވިދާޅުވިއެވެ.

ޝާހިދު އިޝާރާތް ކުރެއްވީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް އެމްޑީޕީން ވަކިވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދަ ޑިމޮކްރެޓްސްގެ މެންބަރުން އެނބުރި އެ ޕާޓީއަށް ވަޑައިގަތުމަށް ނިންމި ނިންމުމާ ގުޅުވައިފައެވެ.

ނަޝީދާއި އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާ ދެމެދު ޚިޔާލު ތަފާތުވުން އުފެދި، ޕާޓީ ބައިބައިވެ، ނަޝީދާއި އެ މަނިކުފާނަށް ތާއިދު ކުރައްވާ ފަރާތުން އައު ޕާޓީއެއް ހައްދަވައިގެން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވިއެވެ. ނަތީޖާއަކަށްވީ ޑިމޮކްރެޓްސް ހަތް ޕަސެންޓު ވޯޓުން ބަލިވެ، ދެވަނަ ދައުރަކަށް ވާދަކުރެއްވި ޞާލިޙް ދެވަނަ ބުރުން ނާކާމިޔާބުވުމެވެ.

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: ނަޝީދާއި މެންބަރުން ވަކިވުންވީ ހިތްދަތި ތަޖުރިބާއަކަށް، ނަމަވެސް މާޒީ ދޫކޮށްލަން ވެއްޖެ ކަމަށް ވިދާޅުވި -- ފޮޓޯ/ އެމްޑީޕީ

އެ ނާކާމިޔާބީގެ އެއް ސަބަބަކީ ރިޔާސީ އިންތިޚާބާ ދިމާކޮށް ޕާޓީގެ ތެރޭގައި އުފެދުނު މައްސަލަތައް ކަމަށް ބުނެ، ގިނަ އަދަދެއްގެ މެންބަރުން ނަޝީދަށް ފާޑުވިދާޅުވިއެވެ.

ރޭ ޝާހިދު ވިދާޅުވީ، މިއީ އެ މާޒީ ދޫކޮށްލުމަށްފަހު ކުރިއަށްދާންވީ ވަގުތު ކަމަށެވެ. އެގޮތުން ޑިމޮކްރެޓްސްގެ މެންބަރުން އަލުން އެމްޑީޕީއާ ގުޅުމަކީ އިސްލާހަށް މަސައްކަތްކުރާ އެމްޑީޕީގެ ހުރިހާ މެމްބަރުންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެން ތަޖުރިބާކުރި ތަޖުރިބާކުރުމަކީ ހިތްދަތިވި ކަންތައްތަކެކޭ، އެހެން ނަމަވެސް އަޅުގަނޑުމެން އެއްވެސް މީހަކު، އެއްވެސް ބޭފުޅަކު، މާޒީގެ އަޅަކަށް ވެވަޑައިނުގަންނަވާށޭ. އަޅުގަނޑުމެން އޭގައި [މާޒީގައި] ބަގުޑި ބައްދައިގެން ލިބޭނޭ އެއްވެސް ހެވެއް ނެތް. އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

ޝާހިދު ވިދާޅުވީ މާޒީއަކީ ބަދަލުކުރެވޭނޭ އެއްޗެއް ނޫން ކަމަށާއި މިއަދު ވިސްނުމާއި އަމާޒު ހުންނަންވާނީ މުސްތަގުބަލަށް ކަމަށެވެ. އަދި މިހާރު އޮތީ އަނިޔާވެރި ސަރުކާރެއް ކަމަށާއި މި ސަރުކާރު ބަދަލުކުރަން ބޭނުންކުރެވޭނެ ކޮންމެ ފޯމިއުލާއެއް ބޭނުންކުރުމަށް އެމްޑީޕީން ތައްޔާރަށް އޮތްކަމަށް އޭނާ ވިދާޅުވިއެވެ.

ނަޝީދާއި ރައީސް ޞާލިހާ ދެމެދު އެންމެ ބޮޑަށް ޖެހުނު އެއް މައްސަލައަކީ، ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ދެބޭފުޅުންގެ ހުރި ޚިޔާލުތަފާތުވުންތަކެވެ. ނަޝީދަކީ ބަރުލަމާނީ ނިޒާމަކަށް އަބަދުވެސް ވަކާލާތުކުރައްވާ ބޭފުޅެކެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ފަހުން ނަޝީދު ވަނީ އެންމެ ރަނގަޅު ގޮތަކީ ޑިމޮކްރެޓްސްއާއި އެމްޑީޕީ ގުޅިގެން މަސައްކަތްކުރުން ކަމަށް ވިދާޅުވެ އެކި ފަހަރު މަތިން ވާހަކަފުޅުދައްކަވައިފައެވެ.

ޑިމޮކްރެޓްސްއިން މިދިޔަ އަންގާރަ ދުވަހު ފާސްކުރި ގަރާރަކުން އެމްޑީޕީއާ އަލުން ގުޅެން ނިންމުމުން، ޞާލިޙް ހިމެނޭ ގޮތަށް މުޅި ލީޑާޝިޕުން ވަނީ މަރުހަބާ ވިދާޅުވެފައެވެ.

comment ކޮމެންޓް