އިމްޕޯޓް ޑިއުޓީން ލިބޭ އާމްދަނީ އަދިވެސް ދަނީ ދަށަށް، މިފަހަރު 16 ޕަސެންޓުގެ ދަށްވުމެއް

އެމްޕީއެލް ސަރަހައްދު: އިމްޕޯޓް ޑިއުޓީން ލިބޭ އާމްދަނީ އަދިވެސް ދަނީ ދަށްވެ، މިފަހަރު ވަނީ 16 ޕަސެންޓުގެ ދަށްވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި މި އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 16 ޕަސެންޓް ދަށްވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން މިއަދުވަނީ، މި މަހުގެ 12އާ ހަމައަށް ދައުލަތަށް ލިބިފައިވާ އާމްދަނީއާއި ކޮށްފައިވާ ޚަރަދުތަކުގެ ތަފުސީލު ހާމަކޮށްފައެވެ. އެ ތަފާސްހިސާބުގައިވާ ގޮތުން މި އަހަރުގެ މިހާތަނަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 17 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެއީ މިދިޔަ އަހަރު އެ މުއްދަތާ އަޅައިބަލާއިރު ހަ ޕަސެންޓުގެ އިތުރުވުމެކެވެ.

އާމްދަނީގެ ބޮޑުބައެއް ހިއްސާކުރާ ޓެކްސްގެ ގޮތުގައި 13.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 3.7 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

ޓެކްސް އާމްދަނީގެ ތެރެއިން މިދިޔަ އަހަރަށްވުރެ ދަށްވެފައިވަނީ އިމްޕޯޓް ޑިއުޓީއާއި ވިޔަފާރިތަކުން ނަގާ ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކުހެވެ. އެގޮތުން އިމްޕޯޓް ޑިއުޓީގެ ގޮތުގައި މި އަހަރުގެ މިހާތަނަށް ލިބިފައިވަނީ 1.23 ބިލިއަން ކަމަށްވާއިރު މިދިޔަ އަހަރުގެ މި މުއްދަތިގައި 1.46 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

އެއީ 16 ޕަސެންޓުގެ ދަށްވުމެއް ކަމަށްވާއިރު، މި އަހަރު ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހުރިހާ ތަފާސްހިސާބަކުން ވެސް ދައްކަނީ މިދިޔަ އަހަރަށްވުރެ މި އަހަރު އިމްޕޯޓް ޑިއުޓީ ލިބޭ މިންވަރު ދަށް ކަމަށެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ލިބުނު އާމްދަނީގެ ތަފުސީލުގައިވާ ގޮތުން، އެހާތަނަށް އިމްޕޯޓުން ލިބުނީ 1.09 ބިލިއަން ކަމަށްވާއިރު އެއީ 10.5 ޕަސެންޓްގެ ދަށްވުމެކެވެ. އަދި އޭޕްރިލް 17އާ ހަމައަށް އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި އެހާތަނަށް ލިބުނު އިމްޕޯޓް ޑިއުޓީގެ މިންވަރު ކުރީ އަހަރަށްވުރެ 10.2 ޕަސެންޓް ދަށެވެ.

މި އަހަރުގެ ކުރީކޮޅު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ ވެސް ދަށްވެ، ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވިއެވެ. އޭރު އާމްދަނީ ސަބަބު އެނގިވަޑައިނުގަންނަވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވި ގޮތުގައި އާމްދަނީ ދަށްވީ މިދިޔަ އަހަރު ސަރުކާރުން ސިނގިރޭޓު އިމްޕޯޓް ޑިއުޓީ ބޮޑުކުރި ފަހުން ސިނގިރޭޓު އެތެރެކުރުން މަޑުޖެހިފައި އޮތުމުންނެވެ.

https://sun.mv/202688

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 31ގައި ސަރުކާރުން ވަނީ ސިނގިރޭޓުގެ އިމްޕޯޓް ޑިއުޓީ ބޮޑުކޮށްފައެވެ. އެއާއެކު، ސިނގިރޭޓުގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެގޮތުން ކުރިން 110 އަށް ލިބެމުން އައި ސިނގިރޭޓް ފޮއްޓެއްގެ އަގު ވަނީ 250 އަށް އަރައިފައެވެ.

އޭގެ ފަހުން ސިނގިރޭޓުގެ ވިޔަފާރި ދަށްވެފައިވާ ކަމަށް ބައެއް ވިޔަފާރިވެރިން ބުނެއެވެ. ނަމަވެސް އަމިއްލައަށް ސިނގިރޭޓު އުފައްދަން ބޭނުންކުރާ ތަކެތީގެ ވިޔަފާރި އިތުރުވުމާއި ވަގަށް ސިނގިރޭޓު އެތެރެކުރުމުގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ.

comment ކޮމެންޓް